މައިލޯ ޗެރިޓީ ޝީލްޑް މެޗު:
ވިކްޓަރީ ބަލިކުރުމުގެ ހިތްވަރު އަދިވެސް ވީބީއަށް އެބޮތް: ވަންލީ

އާ އަހަރުގެ ފުޓްބޯޅަ މޫސުމުގެ ފުރަތަމަ މެޗް ހުޅުވުމަށް ވިކްޓަރީއާ ދެކޮޅަށް އާ ނަމަކާ އެކު ވީބީ އައްޑޫ އެފްސީން ނިކުންނާނީ ޓީމުގެ އަލަތު ނަމަށް ހުތުރު ނުކޮށް، ވިކްޓަރީ އަތުން މޮޅުވުމުގެ ހިތް ވަރާ، އަޒުމުގައި ކަމަށް ވީބީ އައްޑޫ އެފްސީގެ ހެޑް ކޯޗް ތުރުކީގެ ޖޭން ވަންލީ ބުނެފި އެވެ.

ގަލޮޅު ދަނޑުގައި މާދަމާ ރޭ 9:00 ޖަހާއިރު ފަށާ މެޗުގެ ކުރިން މިއަދު ހަވީރު މާފަންނު ޓާފް އެއްނަންބަރު ދަނޑުގައި އޮތް ވީބީ އައްޑޫ އެފްސީގެ އެންމެ ފަހު ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ފަހު ސަން އޮންލައިނަށް ދިން އިންޓަ ވިއުގައި ކޯޗް ވަންލީ ބުނީ، މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ މައިލޯ ޗެރިޓީ ޝީލްޑް މެޗުގައި މާދަމާ ރޭ، ވިކްޓަރީއާ ދެކޮޅަށް ނިކުންނާނީ ވިކްޓަރީ އަތުން މޮޅުވެ، ޓީމުގެ އަލަތު ނަމަށް ހުތުރު ނުކޮށް، މިއަހަރުގެ ސީޒަންގެ ވެސް އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތުވުމުގެ މުހިންމު ބޭނުމުގައި ކަމަށެވެ.

"ބޭނުން ވަނީ މޮޅުވާން. ވިކްޓަރީ އަކީ ބަލި ޓީމެއް ނޫން. އާސީޒަނަކާ ކުރިމަތިލާނީ ކާމިޔާބީއާ އެކު ސީޒަން ނިންމާލުމަށް. އެ ހިތްވަރާ އެކު، އެ އަޒުމާ އެކު، މޮޅުވުމަށް،" ވަންލީ ބުންޏެވެ.

އެއް ލައްކަ ރުފިޔާގެ ބޮޑު މެޗަށް ފާއިތުވި ދެ އަހަރުގެ އެފްއޭ ކަޕުގެ ޗެމްޕިއަން ކަމާއި ދިވެހި ލީގުގެ ޗެމްޕިއަންކަން ހޯދި ވީބީ މާދަމާ ރޭ ވިކްޓަރީއާ ދެކޮޅަށް ނިކުންނަ އިރު، ވީބީ ވަނީ ކޯޗް ވަންލީގެ އިރުޝާދުގެ ދަށުން ވިކްޓަރީގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މާދަމާ ރޭގެ މެޗަށް ނިކުތުމުގެ ކުރިން މިރޭ ސަންއެފްއެމްގެ ކުޅިވަރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ވިކްޓަރީގެ ހެޑް ކޯޗް އަލީ ސުޒޭން ބުނީ، ވީބީއާ ދެކޮޅަށް ނިކުންނާނީ 90 މިނެޓުގެ ފުރިހަމަ ވަގުތުގައި ނަތީޖާ ނެރުމަށް ކަމަށެވެ. އަދި މާދަމާގެ މެޗަށް ނިކުންނައިރު ޓީމުގައި އެއްވެސް ކަހަލަ އަނިޔާގެ މައްސަލައެއް ނެތް ކަމަށް ވެސް ސުޒޭން ބުންޏެވެ.

"އަނިޔާގެ މައްސަލައެއް ނެތް. އުންމީދަކީ މެޗުން މޮޅުވުން. ސެންޓޭއާއި ކީޕަރު ފައިސަލް ނެތަސް ވިކްޓަރީ ހާހެއް ނުވާނެ. މިވަގުތު ޓީމުގައި ތިބީ މޮޅެތި ކުޅުންތެރިން،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ، މާދަމާގެ މެޗުގައި ވިކްޓަރީއާ އަލަށް ގުޅުނި ނައިޒީރިއާގެ މިޑްފީލްޑަރު ފެންނާނެ ކަމަށާއި އޭނާގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި އެނަގެ ބޭނުން ވިކްޓަރީއަށް ވަރަށް މުހިންމު ކަމަށް ވެސް ސުޒޭން ބުންޏެވެ.

ސުޒޭންގެ އިތުރުން ސަންއެފްއެމްގެ ކުޅިވަރު ޕޮރޮގްރާމުގައި މިރޭ ބައިވެރިވި އަދި މާދަމާ ވިކްޓަރީއާ ދެކޮޅަށް ނިކުންނަ ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުނީ، ވިކްޓަރީއާ ދެކޮޅަށް ނުކުންނައިރު އަނިޔާގެ މައްސަލަތައް ޓީމަށް ކުރިމަތި ވެފައިވާ ކަމަށާއި އެގޮތުން ޒުވާން ކުޅުންތެރިޔާ ސުއައިބާއި ބިދޭސީ ކުޅުންތެރިޔާ ސަންގޭސް ހުސައިން ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް ސަންގޭސް ހުސައިން މާދަމާގެ މެޗުގައި ފެނުނު ކަމުގައި ވިޔަސް، ސުއައިބު މާދަމާގެ މެޗުގައި ނުފެންނާނެ ކަމަށް ސަތޯ ބުންޏެވެ.

"މާދަމާގެ މެޗު ކާމިޔާބު ކުރުމުގެ ހިތްވަރު ވީބީގެ ކުޅުންތެރިންގެ ކިބާގައި އެބަހުރި. އެކަން ކުރުމަށް ކުޅުންތެރިން ތިބީ ކެއްމަދުވެފައި،" ސަތޯ ބުންޏެވެ.

އަދި މާދަމާގެ މެޗަށް ވީބީ އާއި ވިކްޓަރީ ނިކުންނަ އިރު، ދެ ޓީމަށް ސަޕޯޓް ކުރުމަށް ވީހާވެސް ގިނަ ބަޔަކު ޓިކެޓެއް ބައްލަވާގަނެގެން ދަނޑަށް ވަޑައިގަތުމަކީ ދެ ޓީމުގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް ދެ ޓީމުން ވަނީ ބުނެފަ އެވެ.

މާދަމާގެ ޓިކެޓުގެ އަގުތައް ފަސް ރުފިޔާ އާއި 25 ރުފިޔާ އަށް ވިއްކަން ފަށާފައިވާ އިރު، މި މެޗުން މޮޅުވާ ޓީމަކަށް 100،000ރ. ލިބޭއިރު އޭގެ ތެރެއިން 20 ޕަސެންޓް ޗެރިޓީގެ ގޮތުގައި ކޮންމެ ވެސް ފަރާތަކަށް ހަދިޔާކުރަން ޖެހެ އެވެ. އެގޮތުން ވިކްޓަރީ މޮޅުވެއްޖެ ނަމަ ފައިސާ ހަދިޔާކުރަން ނިންމާފައި ވަނީ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށެވެ. އަދި ވީބީ އައްޑޫ އެފްސީ އިން ފައިސާ ދޭނީ ތެލަސީމިއާ ފަންޑަށެވެ.

މި ސީޒަންގެ ފުރަތަމަ މެޗަށް މި ދެ ޓީމު މާދަމާ ރޭ ކުރިމަތިލާއިރު ދެ ޓީމަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރު ވީބީގައި މުހިއްމު ރޯލެއް އަދާކުރި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ތަޖުރިބާކާރު ފޯވަޑް އަލީ އުމަރާއި ރާއްޖޭގެ އެއް ވަނަ ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ ވީބީ ދޫކޮށް ނިއު ރޭޑިއަންޓަށް ބޮޑު އަގުގައި ބަދަލުވެފަ އެވެ. އެކަމަކު ވީބީން ވަނީ ނިއު އަށް ކުޅުނު ދެ ޑިފެންޑަރުން ކަމަށްވާ މުހައްމަދު ޖަމީލް (ޖަމްބޭ) އާއި ސޮބާހު މުހައްމަދު އިބްރާހިމާއި ލައިބީރިއާގެ ފޯވަޑް ޗާލްސް ރައިޓް ގަޔޭ އާއި ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު ސައީދު (އައްމަޓީ) އާއި އަހުމަދު އަޝްފާން އަދި މާޒިޔާ އަށް ކުޅުނު ފޯވަޑް އަލީ ނާފިއު (ކަޅޭ) ގެނެސްފަ އެވެ. އަދި ވިކްޓަރީ އަށް ފާއިތުވި ހަތަރު ސީޒަނުގެ ތެރޭގައި ގިނަ ލަނޑުތަކެއް ޖަހައިދިން ތަޖުރިބާކާރު ފޯވަޑް އިބްރާހިމް ފަޒީލް (އޮއްޕޮ) ވަނީ ނިއު އަށް ބަދަލުވެފަ އެވެ. އެކަމަކު ވިކްޓަރީން ވަނީ ގައުމީ ޓީމުގެ ކުޅުންތެރިން ކަމަށްވާ އަކުރަމް އަބްދުލްޣަނީ އާއި މުހައްމަދު އުމެއިރާއި ރިލްވާން ވަހީދު އަދި އަލީ ފާސިރު (ސެންޓޭ) ގެނެސްފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރު ވެލެންސިއާ އަށް ކުޅުނު ކެމަރޫން ފޯވަޑް ހަންސްލޭ އަވީލޯ އާއި ނިއު އަށް ކުޅުނު ތުރުކީގެ ގޯލްކީޕަރު ލެވެންޓް ވަންލީ އަދި ނައިޖީރިއާގެ މިޑްފީލްޑަރެއް ވިކްޓަރީ އަށް ވަނީ ގެނެސްފަ އެވެ.

މާދަމާގެ މެޗަށް ވީބީއާއި ވިކްޓަރީ ނިކުންނަ އިރު، އެ ދެޓީމުގެ އެންމެ ފަހުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު މާފަންނު ޓާފް ދަނޑުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު