ތުރުކީގައި ބަހެއް އެކްސިޑެންޓްވެ، ދިވެހި އާއިލާއަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

އެކްސިޑެންޓުގައި ސީރިއަސް އަނިޔާ ލިބުނު، ޝިޔާޒު (ކ) އާއި ރައީސް ނަޝީދު (މ) އަދި ޝިޔާޒުގެ އަންހެނުން (ވ) ---

ތުރުކީގެ އިސްތަންބޫލުގައި މިއަދު ހިނިގި ބަސް އެކްސިޑެންޓެއްގައި އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ ދިވެހި އާއިލާއަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މި އެކްސިޑެންޓާއި ބެހޭގޮތުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު "ސަން"އަށް ވިދާޅުވީ އެކްސިޑެންޓް އަނިޔާވެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހުންނަށް ކަމަށެވެ.

ނިޒާރު ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ދެމެފިރިއަކާއި އެމީހުންގެ ދަރިފުޅާއި އަދި އާއިލާގެ އިތުރު މެންބަރެއް ކަމަށެވެ.

އެކްސިޑެންޓުގައި އާއިލާގެ އެންމެންނަށް ވެސް އެކި ވަރުގެ އަނިޔާވެފައިވާކަން ފާހަގަ ކުރައްވަމުން ނިޒާރު ވިދާޅުވީ އޭގެ ތެރެއިން ވެސް އިބްރާހީމް ޝިޔާޒުގެ ކޮނޑުހުޅު ބިނދިފައިވާ ކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

"ތުރުކީގައި ތިބި އާއިލާއަށް އަދި ނުގުޅޭ. މި ކޮޅުން އެ އާއިލާގެ މީހަކު ބުނީ އެއްވެސް މެންބަރެއްގެ ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާއެއް ނުލިބުނު ނަމަވެސް އެންމެންނަށް ވެސް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް. އަދި އޭގެ ތެރެއިން ޝިޔާޒުގެ ކޮނޑު ހުޅު ވަނީ ބިނދިފައި. އިތުރު މީހެއްގެ ދަތްދޮޅި ވެސް ވަނީ ނެއްޓިފައި،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ތުރުކީގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވާ އާއިލާގެ ހާލު ކައުންސިލުން ބަލަމުން އަންނާނެ ކަމަށެވެ.

comment ކޮމެންޓް