ވާރޭގައި ވީ ހިޔަނިތައް 2

"ބައެއް ހާލަތްތައް ތިބާގެ ދިރިއުޅުން ބަދަލުކުރާ އެއްޗަކަށްވެއެވެ. ބައެއްފަހަރު އެއީ ތިބާއަށް ރަގަޅަކަށެވެ. ނޫނީ ފިލާވަޅަކަށެވެ."

***

އެވަގުތު ހައިސަމްގެ ފޯނު ރިންގްވާން ފެށުމުން ޗެކްކޮށްލިއެވެ. ވާރޭ ބޯކޮށްލުމުން އެކޮޅުން ކިޔާ އެއްޗެއް ސާފެއްވެސް ނުވިއެވެ. އޭނަ ވައިބާއިން ހަޒަލްއާއި ވާހަކަދެއްކުމަށްފަހު މަންމައަށް ބަލައިލިއެވެ. އެއްޗެކޭ ބުނަން އުޅެފައިވެސް ހިމޭންވިއެވެ.

ހައިސަމްގެ މިޒާޖު ކުއްލިއަކަށް ބަދަލުވިކަން އެމާއަށް ފާހަގަކުރެވުނެވެ. އެހެންވާންވީ ސަބަބަކާއިމެދު ނުތަނަވަސްވެ އެމާގެ ސިކުނޑިވެސް ހަލަބޮލިވެއްޖެއެވެ. ހައިސަމް ކާރު މަޑުކޮށްލާފައި ފަހަތަށް އެނބުރުނެވެ." ވަރަށް ދެރަގޮތެއް މިދިމާވީ. ތަންކޮޅެއް ލަސްވީމަ ހަޒަލް ޓެކްސީއެއް ނަގައިގެން ރަށަށް ދާން ނައްޓާލައިފި ވާހަކަ ބުނީ. މިހާރު ކައިރިކުރަނީޔޯ........"

ރޯޒަލީގެ މޫނަށް ކަންބޮޑުވުމުގެ ކުލަވަރުތައް ވެރިވުމާއެކު އަވަސްވެގަތީ ހަޒަލްއަށް ގުޅުމަށެވެ."އެކަމަކު މިއޮތް ވިއްސާރަ ރޭ ދަންވަރު ކޮންމެ ކޮންމެ ޓެކްސީއަކަށް އަރައިގެން ނުދާނެކަން އެމޮޔަކުއްޖާއަކަށް ނުވިސްނުނުތަ؟ޑޮކްޓަރުކަން ކިޔެވިޔަސް ސިކުނޑީގައި ތެތްކަމެއް ހުރިނަމަ މިހާ މޮޔަކަމެއް ނުކުރާނެއްނު. ކިތައްފަހަރު ބުނާނީ އެކަނި ދަތުރުނުކުރާށޭ....ކިހާ ދެރަ. އަދި އެކުއްޖާ ފޯނުގަނޑުވެސް ނުނަގާ....ހައިސަމް. ދަރިފުޅު. ގުޅަން މަސައްކަތްކޮށްބަލަ. ފޯނު ނުނަގަނީ ކީއްވެތަ؟"

"މަންމާ. ހަމަޖެހިބަލަ. ހަޒަލް.....ދަންނަ މީހަކާއި އެކީ......."

"އެހެންތަ؟"

"އެހެން ބުނީ. ކަންބޮޑުނުވާށޭ...ވިއްސާރަވީމަ ރޭންޖް މިހާރު ނުލިބޭ..ހިނގާ ދަމާ.."ހައިސަމް ހީލިއެވެ."ގެއަށް ގޮއްސަ މަންމަ އިލޮށިފަތި ހުސްވަންދެން އެކުއްޖާގެ ގައިގާ ތަޅަންވާނެ އިނގޭ. އޭރުން ދެން ދުވަހަކު ފެންނަހާ ޓެކްސީއެއްގެ ފަހަތަކަށް ނާރާނެ..."

އެމާއަށް ހެވެން ފެށުމުން އަނގަމަތީ އަތްއެޅިއެވެ.

"މަންމަ އެންމެ ކުރިން އިލޮށިފަތިން އަދަބުދޭނީ ހައިސަމްއަށް. ހައިސަމް ލަސްކުރީމައޭ މިހެން ވީ. ކޮއްކޮގެ ޒިންމާ ނަގަން ބޭބެވެސް ޖެހޭނެ. ދެކުދިންވެސް މަންމައަށް ކުށްވެރިވަނީ އެއްވަރަށް...."ކުއްލިއަކަށް ރޯޒަލީ ހައިސަމްގެ އަތުގައި ބޮނޑިއެއް އެޅިއެވެ. ބޮލުގައިވެސް މަޑުމަޑުން ޖެހިއެވެ. ހައިސަމް ހީގަނެފައި އިސްތަށިގަނޑު ސަލާމަތްކުރަން އަތް ދިއްކޮށްލިއެވެ."މިއީ ކޯނޗެއްތަ؟ އަނގޮޓިއެއް؟ ރަންތަ؟"

"ރިހި...." ހައިސަމް ކުޑަކޮށް ހާސްވިއެވެ.

މަންމައަށް ޝައްކުނުވިއްޔާ ނަސީބެކެވެ. މިއީ އޭނައާއި ޚަލީސީގެ އެންގޭޖްމެންޓް އަނގޮޓިއެވެ. ދެމީހުންގެ އަތުގައިވެސް ރިހިކުލައިގެ އަނގޮޓިއެވެ. އުމުރު ދުވަހުވެސް ނުނަގަން ވައުދުވެފައި އެޅި އަނގޮޓިކަމުން ނެގޭނެ ގޮތެއްވެސް ނެތެވެ.

***

ގަދަވަޔާއިއެކު ފުރާޅުވެސް އެއްލައިލާނެހެން ހީވި ގަޑީގައި ކައިދަން ފުރާޅު ސާފުކުރަން އަރާ އޮތެވެ. ކައުނުގައި ކަޅު ސާލެއް އޮޅާލާފައިވާފަދައެވެ. ފިނިކަން އެހާ ގަދައެވެ. އިރުގަނޑެއްނުވެ އައި ވާރޭގެ ސައިލު ފުރާޅު ސާފުކުރުމުގެ އެހީތެރިއަކަށްވިއެވެ. ކައިދަން މަސައްކަތް ނިންމައިލުމަށްފަހު ފުރާޅުން ފޭބިއިރު މާމަ ޚާތޫން ފެންޑާގައި ހުރި ސަރަންފީގޮނޑީގައި ތަސްބީހަ ގުނަން އިނެވެ. ގްލަކޯމާގެ ސަބަބުން އެއްލޮލުގެ ފެނުން ގެއްލި އަނެއް ލޮލުން ކިރިޔާ ހެކަ އަޅާއިރުވެސް އަސާގެ އެހީގައި އެކަނިމާއެކަނި ހިނގާބިގާވެ އުޅެއެވެ. ސްނޯކޮޅެއްހާ ހުދު އިސްތަށިގަނޑާއެކު ރޫޖެހި އަނގަ ވަޅުވަދެފައެވެ. ލޮލުގެ ކަޅި ފޭދިގެންގޮސް މަޑު އަޅިކުލައަކަށް ބަދަލުވެފައިވިއެވެ. އަނގައިގެ ދަތްތައް ވެރިފައިވިޔަސް އަތުގައި އޮތް ޗޮކްލެޓުން ފަހަރަކު އެތިކޮޅެއް އަނގަޔަށް ލާފައި މުކުވަމުން ދިޔައެވެ.

"ހެލޯ މާމާ...." ތެމިފޯވެގެން އައި ކައިދަން ހުއްޓުނީ އަސްކަނީގައެވެ. ދިޔަދޮވުން ފައިބަމުން ދިޔަ ވާރެއިން އިތުރަށް އޭނަ ތެންމަމުން ދިޔައެވެ.

"ކޮއިފުޅު ވާރެޔާއި ތެމެންޏާ ރޯގާޖެހިދާނެ. ހިކިގެން ސައިބޮއިގެން ނަމާދަށް ދޭ..................."ޚާތޫން އަސާގަނޑުގެ އެހީގައި ތެދުވުނެވެ. އަށްޑިހައިގެ އަހަރުތައް ގުނަމުންދިޔައިރުވެސް ޚާތޫން އަމިއްލައަށް ކައްކައި އެއްޗެހި ދޮވެ ތަންތަން ސާފުކޮށް ހަދައެވެ. ދަރިންގެ ނިއުމަތް ދެއްވިޔަސް ބައެއްދަރިން ނިޔާވެ އަނެއްބައި ދަރިން ކައިވެންޏަށްފަހު ރަށުން ބޭރަށް ދަތުރުކުރީއެވެ. ކައިދަންގެ މަންމަވެސް ކައިވެނިކުރިގޮތަށް ރާއްޖެއިން ބޭރަށް ބަދަލުވެ މަންމަ ހުރިކަންވެސް ހަނދާން ނައްތައިލީއެވެ.ކައިދަން ވެސް މިއައީ އަހަރުތަކެއްފަހުންނެވެ.

"ބޯކޮށް ވާރޭވެހޭއިރު ކާރު ދުއްވަން ދިޔުމަކީ މަޖާކަމެއް.. މާމަވެސް ހިނގާބަލަ ރައިޑަކަށް ދާން....."ކައިދަން ޚާތޫންއާއި އެއް ހަމައިގާ ހުރެ ހިނގަމުން ދިޔައެވެ.

"މާމަ އެހެން ދުވަހަކުން ކާރު ދުއްވާނީ. ފިނިކަން ގަދަކަމުން މާމަ ނިކަން ހީއެބަކަރުވާ. ނަމާދުކޮށްގެން އަވަހަށް ނިދާލީމަ ދަމު ނަމާދަށް ހޭލެވޭނީ......."

"މާމަ ދަމުނަމާދުކޮށްގެން އަހަންނަށްވެސް ދުޢާކޮށްދެއްޗޭ. އެބަ އަންނަން އެއްޗެހި ބަދަލުކޮށްލައިގެން..." ކައިދަން ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާލަށެވެ.

ފަސްވަރަކަށް މިނިޓްފަހުން ކައިދަން ޖިންސަކާއި ރަތްކުލައިގެ ޓީޝާޓެއްލައިގެން ކާކޮޓަރިއަށް ވަންނަން އައިއިރު ދޮރުގައި ކުޑަކޮށް ބޯޖެހުނެވެ."މާމާ. މިގެއިން ދާންވާއިރަށް ބޮލަށް ބޭސްކުރުވާ ވަރުވެފައި ހުންނާނީ..."

"ކާފަ ރުއްގަލު ބޭސްކުރަން ވަރަށް މޮޅު. ދުނިޔޭގައި ނެތްކަން ދެރައީ. ކޮއިފުޅު ދިގުކަމުން އިވަޖުއަކަށް ދޫނުކުރެއެއްނު...." މާމަ ބާރު ހިނިގަނޑެއް ޖަހައިލިއެވެ. ކުޑަކޮށް ތުރުތުރުލާ އަތުން ޖޯޑަކަށް ސައި އަޅާން އުޅުމުން ކައިދަން ކުރާ އަތުލިއެވެ."މާމާ. ތެދަށް ބުނަންޏާ މާމަ ތިހުރިހާ މަސައްކަތެއް ކުރާތީ ވަރަށް ދެރަވޭ. މާމަގެ ކުދިން.......އާހް.....ހާދަ އެހެންކަހަލައޭ.މާމަ އެކަނިކޮށްލާފައި ދިޔުމުން މާމަ ކިހާ ދެރަވާނެ. ދަރިންނަށް ހިތްހެވެއްވެސް ނުވާނެކަން ޔަގީން...އަހަރެންގެ މަންމަވެސް..."

"ނޫން. ނޫން ތިހެން ނުބުނޭ. ކޮއިފުޅަކަށް ނުވިސްނޭނެ. މާމަ ވަރަށް ލޯބިވޭ ދަރިންދެކެ. ދަރިން އުފަލުގައި އުޅެންޏާ މާމަ ހުންނާނީ އުފަލުން.."

"މާމަ ހައްޖަށް ދިޔައިންތަ؟"

މާމަ ލަސް ހިނގުމެއްގައި އައިސް ގޮނޑީގައި އިށީދެ ސައިތަށިން ކޯވަރެއް ބޯލިއެވެ. އެލޯ ތެމޭގޮތްވުމާއެކު ތުންފިތައިލިއިރު ހިތަށް ކުރި އަސަރު ބަޔާންކޮށްދިނުން ފަސޭހައެއްނުވާނެއެވެ.

"ހައްޖަށްދާން އެއްކުރި ފައިސާ ވަގަށް ނަގައިފި. ހަންޓޯޓޯވެ ބަލިކަށިވެފައި ހުއްޓަސް މިއަދުވެސް މާމަ ގެންދާނެ މީހެއް ހުރިނަމަ ފިރުކިފައިވެސް ދާނަން. މާތްﷲގެ ގެފުޅަށް ޒިޔާރަތްކުރުމަކީ ލޯ މެރުމުގެ ކުރިން ދެކެން ބޭނުންވާ ދުވަހެއް. ވައްކަން ކުރި ސޮރަށް މާމަ މާފުކޮށްފިން. އެކަމުގެވެސް ހިކުމަތެއް އޮންނާނެ. އެފަހުން އެއްކުރި ފައިސާ މާމަގެ ރައްޓެއްސެއްގެ އަތުގައި ފޮރުވާފައި ހުރީ..................................."

ކައިދަން ޚާތޫންގެ އަތުގައި މަޑުމަޑުން ފިރުމައިލިއެވެ."އަހަންނަށް ވަޒީފާއެއް ލިބުނު ދުވަހަކުން މާމަ ހައްޖަށް ފޮނުވާނަން...އައި ޕްރޮމިސް. އެކަމަކު ކޮބާ މާމަގެ ފްރެންޑްގެ ނަމަކީ؟" އޭނަގެ މާމައަށް އިނގިރޭސި ބަސް ނޭގޭއިރުވެސް ކައިދަންއަށް އޮޅިގެން އިނގިރޭސި ލަފުޒުތައް ބޭނުންކުރެވެއެވެ.

ޚާތޫންއަށް އެންމެ މީރީ ކަޅު ސަޔާއި ބިސްކޯދެވެ. ތަފާތު ބާވަތްބާވަތުގެ ބިސްކޯދު ގަނެފައި ދަޅަކަށް ލާ ބަންދުކޮށްފައި މޭޒުމަތީގައި ހުރެއެވެ. ބިސްކޯދުގެ އިތުރުން ޗޮކްލެޓާއި އައިސްކްރީމް މީރުވެގެން އުޅޭތީ ކައިދަން ކޮންމެ ދުވަހަކުހެން ހަދިޔާކުރާތީ ކައިދަން ވަރެއް ނެތެވެ. ކައިދަންއަކީ މާމަގެ ރަންކޮޅެވެ. ޖަވާހިރެވެ. މި މާމަދަރީގެ ސަބަބުން މާމަގެ އެކަނިވެރިކަން ދުރުކޮށް ހިތަށް ފިނިކަން ގެނެސްދީފިއެވެ. އަވަށްޓެރިންނާއި އެކުވެރިންނަށްވެސް އެހުސްކަން ފިލުވައި ނުދެވެއެވެ.

"މާމާ.އެބަ އަންނަން އިނގޭ......."

"ލަސްނުކޮށް ގެއަށް ވަންނައްޗޭ.ނަމާދު މަތިން ހަނދާން ނައްތާނުލައްޗޭ ކޮއިފުޅު. ކޮންމެ އިރަކުވެސް އެމީހެއްގެ ފަތް ބިންމަތީގައި ޖެހި އަޖަލު ޖެހިދާނެ. އެހިސާބުން ވަގުތު ފާއިތުވެގެން ހިތާމަކުރަން ޖެހިދާނެ. މާމަގެ ލޮލުގެ ކޮއެ ނަރަކައިގެ އަލިފާނުގައި އަނދާތަން ދެކެން ބޭނުމެއްނޫން...ތިއީ ރަގަޅު ދަރިއެއް................." ޚާތޫން ދޮރުކަނީގައި ހިފަހައްޓައިގެން ކައިދަން ނުކުމެގެންދާތަން ބަލަން ހުރެފައި ހީލިއެވެ. އެއަށްފަހު ދޮރު ލައްޕާލާފައި ތަންޑުތައް އެޅުވިއެވެ.

***

ބޯވަމުން އަންނަ ވިލާތައް ފަރުބަދަފަޅިތައް ފަދައިން އުޑުމަތި ބައްދާލާފައިވާއިރު ވައި ބާރުކަމުން ގަސްތަކަށްވެސް ނުކުޅަދާނަވެފައިވިއެވެ. ފަޒާ ފުސްކަމުން ދުންފިނި ހިފާފައިވާފަދައެވެ. ބޯ ވިލާތައް ކަފާލާފައި އައިސް ފްލައިޓް ރަންވޭގައި ޖެއްސީ އޭނަ ބަލަން ހުއްޓައެވެ. ދަތުރުވެރިން ފައިބަންފެށުމުން ލޮލުގައި އަޅައިގަތީ ކަޅުކުލައިގެ ހެދުމަކާއި ޖިންސެއްލައިގެން ހުރި އަންހެންކުއްޖެކެވެ. ދެއަހަރުގެ ކުއްޖަކުު އުރާލައިގެން ހުރިއިރު މާ ދުރުންވެސް އެކުއްޖާގެ ހުނުމުގެ އަޑު ކަންފަތުގައި ޖެހުނުހެން ހީވިއެވެ.ވެހެމުން ދިޔަ ވާރެއިން ހިމާޔަތް ހޯދަން ގެންގޮސްދިން ކުޑައެއްގެ އެހީގައި މަޑުމަޑުން އައިސް އިމާރާތަށް ވަންތަން ފެނުނެވެ.

ކައިދަން އެކުއްޖާގެ ހަރަކާތްތަކަށް ބަލަން އިނެވެ. އޭނައަށް އެނގެނީ އެންމެފަހުން އެކުއްޖާ އަރާނީ އޭނަގެ ކާރަށް ކަމެވެ. އެހެން ކާރަކަށް އަރަންޏާ ދެމައިން އުރާލައިގެން ގެނެސް މި ކާރަށް ލާން އޭނަ ފަސްނުޖެހޭނެއެވެ. ލާނެތް ހިންޏެއް ތުންފަތުގައި ކުޅެލިއެވެ. ކުއްލިއަކަށް ކަޅު ޓޮޕާއި ޖިންސްލައިގެން ބުރުގާ އަޅައިގެން ހުރި ކުއްޖާ ވަށައިގެން ހޯދާލާފައި އޭނަގެ ކާރާއި ދިމާލަށް އަންނަންފެށީ ޓްރޯލީގައި ހުރި ދަބަސްތަކުގެ މަތީ ދަރިފުޅުވެސް ބައިންދައިގެންނެވެ.

"ޓެކްސީއެއްތަ؟"

"ނުފެނޭތަ؟މިވެސް ކާރެއް........"

""ރޯޒްމެހެލްއަށް ގެންގޮސްދެވިދާނެތަ؟" ކުއްލިއަކަށް އިންޒާރަކާއި ނުލައި ބޯ ވާރޭ ތިކިތައް މޫނުގައި ބީހެން ފެށިއެވެ. އަންހެންކުއްޖާ ވާރެއިން ސަލާމަތްވާންވެގެން އަވަހަށް ކާރުގެ ދޮރު ހުޅުވައިލާފައި އެންމެ ކުރިން ދަރިފުޅު ކާރަށް ލައިފިއެވެ. އަދި އޭނަވެސް އެހާ އަވަހަށް ދެމިގަތެވެ. އެ ދޮންމޫނުމަތި ވާރޭގެ މުތީތަކުން ބަބުޅަންފަށައިފިއެވެ.

"އަރާފައި އިނީމަ ދެން ނުގޮސް ކީއްކުރާނީ......" ކައިދަން ރުޅިއައިކަމަށް ހެދުނެވެ.

"މި ކާރަށް އެރީ ފްރީ ރައިޑެއް ހޯދާކަށްނޫން." އެކުއްޖާވެސް އަތުގައި އޮތް ފައްސަތޭކައިގެ ނޫޓް ކައިދަންއާއި ދިމާލަށް ހޫރުވައިިލިއެވެ. ރުޅިގަދަ އަންހެންކުއްޖެކެވެ. ތޫފާނުގެ ބަނަކަން މިކުއްޖާގެ މޫނަށްވެސް ޖަމާވެފައިވިއެވެ. ތުއްތު ދަރިފުޅު ކާރުގެ ދޮރު ހުޅުވަން މަސައްކަތްކުރިއެވެ.

"ފައިސާ ގިނަވެގެން ސަދަގާތް ކުރަނީދޯ....ހެހެ"ކައިދަން ކިޔައިލިއެވެ.

"ޑްރައިވަރ. ވާހަކަނުދައްކާ އަމިއްލަ މަސައްކަތްކޮށްބަލަ. ޖޮބަކީ ކާރު ދުއްވުން ދޯ.........ޕެސެންޖަރުންނާއި އަނގަ ތެޅުމަކީ މާ ރީތިކަމެއްނޫން...."

"އޯ....ނުދެނެހުރިން. ދެން ކަސްޓަމަރަށް ލަވައެއް ޖަހައިދޭންވީ؟" ކައިދަން ހީލިއެވެ.

"އެހެން ކާރެއްކަން ނޭގޭ ހޯދަންވީ..."އެކުއްޖާ ތުން ތަޅުވައިގަތެވެ. ދަތްތަކަށް ބާރުލާފައި ކުދިކިޔައިގަތްއިރުވެސް އެކީ އެއްޗެއް ފަހުމްވިއެވެ.

"ޕްލީޒް........"

ކުއްލިއަކަށް ވާރޭ ބޯކޮށްލިއިރު ކާރުގެ ފުރާޅުގައި އޮށްގަލުން ތަޅައިގަތްފަދައެވެ.

"މިއުޒިކް............." ކައިދަން މޯޅިއަކަށް ދެމިލިއެވެ."ނިދިއައިސްގެން މީގެތެރެއަށް ނުވެއްޓުނިއްޔާ ރަގަޅު..."

"ކޮބާ މެޑަމް. މިހާރު އެހެން ކާރެއް ހޯދަނީތަ؟"

"މަގޭ ނަމަކީ މެޑަމްއެއްނޫން. ޑޮކްޓަރ....ޑޮކްޓަރ ހަޒަލް އަހުމަދު ޖިޔާދު........"

"ޖަނަވާރަށް ބޭސްކުރާ ޑޮކްޓަރަކަށް ވެއްޖެއްޔާ ރަގަޅު. އަހަރެންގެ މާމަގެ ވަލުތެރޭގައި އޮތް ބުޅަލެއްގެ ބޮލުގައި ފަންގަސް ޖަހާފައިކަން ނޭގޭ ހުރީ. ބޭސްސިޓީއެއް ދެވިދާނެތަ؟"

ހަޒަލް ރުޅިއައިސްގެން ފަޅަފަޅައިގެން ދާވަރުވިއެވެ. ލޮލުން އަންދައިލެވޭނެނަމަ އެ އަލިފާނުގެ ބެލުމުން ކައިދަންގެ މޫނު ތޮރުފޭނެއެވެ. އެހާ ރުޅިވެރިގޮތަކަށް ކަޅި އަޅައިލިއެވެ. ނުދަންނަ ބީރައްޓެއްސެއްގެ ކާރަކަށް އަރާ އޭނަ ރުޅި ދައްކައިލާ ހިތަށް އެރިހާ އެއްޗެއް ގޮވާފައި އަދި އިތުބާރުކުރެވުނީތީ އަމިއްލަ ޟަމީރު މަލާމާތްކުރިއެވެ. ވިއްސާރަ ތޫފާނީ ރެއެއްގައި އެކަނިމާއެކަނި ދުރު ދަތުރެއްކުރަން އަރާމިއިނީ ނުދަންނަ ބީރައްޓެއްސެއްގެ ކާރަށެވެ. ފުރަތަމަ ނަޒަރުން ދެމީހުން އެކަކު އަނެކަކަށް ރުޅިވެ ދުޝްމިނުންނަށް ވެއްޖެއެވެ. ފުރަތަމަ ނަޒަރުން ރުޅިއެވެ. ލޯބީގެ ބަދަލުގައި ރުޅި އައުމަކީވެސް އޮތްކަމެއްކަން އެނގިއްޖެއެވެ. ނަފްރަތަކީވެސް އެހާ ވަރުގަދަ ޝުއޫރެކެވެ.

"ސޮރީ. އަހަންނަކީ މެޑިކަލް ޑޮކްޓަރެއް....އިންސާނުންނަށް ބޭސްކުރާ...."

"ރެސްޕެކްޓަބްލް ޖޮބެއް ދޯ...."

"ތިއީ ކާކު؟"

"ގޯސްޓް.........."

"ނަމެއްނޫން މިއަހަނީ. ވަޒީފާ.."

"ކިހިނެއް ހީވަނީ؟"

"ޒޫބަލަހައްޓާ މީހެއް؟ޖަނަވާރުންނާއިހެދި އުޅޭހެން ހީވާތީ.........." ހަޒަލް މިފަހަރު ފުޅާ ހިނިތުންވުމެއްދިނެވެ.

"ވަޒީފާގަނޑެއް ލިބޭނީ ކިޔެވީމަތާ. މިއީ ނުކިޔަވާހުރި އާދައިގެ މީހެއް. މުސްކުޅި މާމަ ގާތުގައި ދިރިއުޅެނީ. މާމަ ކާންދިނީމަ ކައިގެން. ތަނެއް ދެއްކީމަ ނިދައިގެން............." ކައިދަން ބުނެދިނެވެ.

"ކާރު ދުއްވަން އެނގޭ ކަމީ ނަސީބެއްނު. ފައިސާ ހޯދޭނެ. ސަލާމް ނުޖަހާތި. ހޫމް. ދެން ތަންކޮޅެއް އަވަހަށް ގެއަށް ގެންގޮސްދީފިއްޔާ ޝުކުރުވެރިވާނަން..." ހަޒަލް ދެވަނަފަހަރަށްވެސް އޭނަގެ އެޑްރެސް ބުނެދިނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު