އެއީ އާދަކާދަ، ރަނގަޅުވާނެތަ؟

ކޯޑި ދުއްވުމުގެ ހަރަކާތެއް --- ފޮޓޯ: ނަޞްރުﷲ އިދުރީސް، ފްލިކާރ

އާދަކާދައިގެ ގޮތުގައި އެއްޖީލުން އަނެއްޖީލަށް ނަގުލުވަމުން އަންނަ ކަންތައްތައް ދިރުވައި އެކަންކަން ކުރުމަކީ ވަރަށް ގިނަ މުޖުތަމައުތަކުގައި އޮންނަ ކަމެކެވެ. މިބާވަތުގެ ބައެއް ކަންތައްތައް ހަމަ ކުރިންވެސް ކުރަމުން އައި ގޮތަށް ބަދަލެއް ނުގެނެސް ކުރަމުންދެއެވެ. އަދި އަނެއްބައި ކަންތައްތަކަށް ޒަމާނާގުޅޭ ބަދަލުތައް ގެނެސް ތަރައްގީކޮށްގެން ކުރަމުން ގެންދެއެވެ. އާދަކާދައިގެ ގޮތުގައި ކުރެވޭ ބައެއް ކަންތައްތައް އެއީ ކުރެވިދާނެ ކަމެއްތޯ ނުވަތަ ނޫންތޯއާމެދު ދޭތެރެދޭތެރެއިން ބަހުސް އުފެދޭތަން އާދެއެވެ.

ބައެއް މީހުންނަށް ގަބޫލުކުރެވިފައި އޮންނަ ގޮތުގައި، އާދަކާދައިގެ ގޮތުގައި ދެމިގެން އަންނަ ކޮންމެ ކަމެއް ހަމަ އެގޮތަށް ކުރުމަކީ މައްސަލައެއްނޫނެވެ. އަދި އެފަދަ ކަންތައްތައް ދިރުވައި އާލާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގެގޮތުގައި ގަބޫލުކުރާ ބަޔަކުވެސް އުޅެދާނެއެވެ. ވީމާ އާދަކާދައިގެ ކަމަކަށް އަމަލުކުރުމުގެ ޝަރުޢީ މިންގަނޑަކީ ކޮބައިކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ.

އާދަކާދައި ގޮތުގައި ބެލެވޭ ކަންތައްތަކަށް ފިޤުހުގައި العُرْف (custom) އެވެ ކިޔައެވެ. ޢުރުފަކީ ޙުކުމްތައް ކަނޑައެޅުމުގައި ބަރޯސާ ވެވިދާނެ މަޞްދަރެއްކަމާމެދު އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ. މިގޮތުން، ޙަނަފީންނާއި މާލިކީން އަދި ޙަންބަލީންގެ ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޢުރުފަކީ ޝަރުޢީ ދަލީލެކެވެ. އަދި ޝާފިޢީން ދެކެވަޑައިގަންނަވާ ގޮތުގައި، އެކަމަށް ޝަރީޢަތުގެ ނައްޞަކުން އިރުޝާދެއް ނާންނަހައި ހިނދެއްގައި، ޢުރުފަކީ އެއަށް ބަރޯސާ ވެވޭނެ މަޞްދަރެއްނޫނެވެ. (މިއީ ޢުރުފްގެ ޙުއްޖިއްޔަތާމެދު ލިޔާ މަޒުމޫނަކަށް ނުވާތީ މީގެ ތަފުސީލަކަށް ނުދާނަމެވެ.)

ޝަރުޢީ ނައްޞުތަކުގެ އަލީގައި އެކުލަވައިލާފައިވާ ފިޤުހީ ޤާޢިދާގައިވަނީ التعيين بالعرف كالتعيين بالنص 'އާދަކާދައިގެ މަތިން ކަމެއް ކަނޑައެޅިއްޖެއްޔާ އެއީ ޝަރުޢީ ނައްޞަކުން ކަނޑައެޅުނު ކަމެއް ފަދައެވެ.' އަނެއް ޤާޢިދާއަކީ استعمال الناس حجة يجب العمل بها 'މީސްތަކުން އެތަނެއްގައި އާދަކާދައިގެ މަތިން ކަމެއް ކުރަމުން އަންނަ ގޮތަކީ މީހުން އެއަށް ތަބާވާންޖެހޭނެ ގޮތެކެވެ.' އިތުރު ތަފުސީލަށް ނުބަލައި މިފަދަ ޤާޢިދާތަކުގެ މާނައަށް އެކަނި ބަލައިފިނަމަ، އާދަކާދައަކީ ކޮންމެހެންވެސް ދިރުވައި އާލާކުރަންޖެހޭނެ އެއްޗެއްކަމަށް ވިސްނިދާނެއެވެ. އަދި އެއީ ކޮންމެ ފަދަ އާދަކާދައެއްކަމަށް ވިޔަސް އެގޮތަށް އަމަލު ކުރުމަކީ ދީނީގޮތުން ބަލާއިރު ހުއްދަ ކަމެކޭވެސް ހީވެދާނެއެވެ.

ޢުރުފްގެ ޙުއްޖިއްޔަތު ބަލައިގަންނަ އިލްމުވެރިންގެ ގާތުގައިވެސް، އާދަކާދައިގެ ގޮތުގައި އާންމުވެފައިވާ ކޮންމެ ކަމެއް ހުއްދައެއް ނުވާނެއެވެ. އެފަދަ ކަމެއް ހުއްދަ ވުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުތުތަކެއް ވެއެވެ. މީގެތެރޭގައި ހިމެނޭ އެންމެ މުހިންމު ޝަރުތަކީ؛ ބައެއްގެ ތެރޭގައި އާންމުވެފައިވާ ޢުރުފަކީ ޞައްޙަ ޢުރުފް (valid custom) އަކަށް ވާންޖެހުމެވެ. ޞައްޙަ ޢުރުފަކީ: ޝަރުޢީ ދަލީލަކާ ޚިލާފުނުވާ، ޙަރާމްކަމެއް ހުއްދަނުކުރާ، ހުއްދަ ކަމެއް ޙަރާމްނުކުރާ އަދި ވާޖިބެއް ބާތިލުނުކުރާ ގޮތުގައި އާންމުވެފައިވާ ޢުރުފެވެ. މި ޝަރުތާ ޚިލާފުވާ ޢުރުފެއްނަމަ، ކިތަންމެ ޒަމާނެއް ވަންދެން އަދި ކިތަންމެ ގިނަ ބައެއްގެ ތެރޭގައި އާންމުވެ އަމަލުކުރަމުން ދިޔަ ނަމަވެސް އެކަމެއް ވާނީ ދޫކޮށްލާށެވެ! މިފަދައިން ދޫކޮށްލަންޖެހޭ ޢުރުފަށް ކިޔަނީ ފާސިދު ޢުރުފް (invalid custom) އެވެ. މިއާ ގުޅުން ހުރި ބައެއް އާދަކާދަ އަހަރެމެންގެ ތެރޭގައި އެބަހުއްޓެވެ. ގުޅުން ހުރި އާދަކާދައޭ މިބުނީ އެ ކަންކަން އޭގެ ޒާތުގައި ޝަރީޢަތާ ޚިލާފު ކަމަށް ނުފެންނާތީއެވެ. އެހެންނަމަވެސް، އެ އާދަކާދައަށް އަމަލުކުރާ މީހުންގެ ބައެއް ހަރަކާތްތައް ޝަރީޢަތާ ޚިލާފުވާކަމަށް ދެކޭތީއެވެ. މިސާލެއް ތިރީގައި އެވަނީއެވެ.

އީދު ކޯޑި ކުޅުމުގައި ދެޖިންސުގެ (ހިލޭ) މީހުން މަސްހުނިވެ ގައިގޯޅިކޮށް އުޅުމުގައި ޝަރީޢަތާ ޚިލާފު ކަންތައްތަކެއް އެކުލެވިގެން ވެއެވެ. މީގެތެރޭގައި؛ ބަދު އަޚުލާގީ އަމަލުތަކަށް ހުށައެޅިގެން ދިއުމާއި، ފެންނަންނުޖެހޭ މީހުންގެ ކުރިމަތީގައި ތިމާގެ އައުރަ ކަޝްފުވުންފަދަ ހާލަތްތައް އައުން ހިމެނެއެވެ. މިއީ ޝަރުޢުގެ ސާފު ދަލީލުތަކުން ޙަރާމްވެގެންވާ ކަންކަމެކެވެ. ފެންކުޅި ނުވަތަ މިހާރުނަމަ ކުލަޔާއެކު ފެންޖެހުމުގެ ކުޅިވަރާއި، ނާ ކެނޑުމުގެ ކުޅިވަރުގައިވެސް، ކުރިން ބުނިހެން އަމަލުތައް ބެހެއްޓޭނަމަ އެއީ ޝަރީޢަތާ ފުށުއަރާ އަމަލުތައް ކަމުގައި ބެލެވޭނެއެވެ.

އެހެންވިއްޔާ ދެން އީދު ކުޅިވަރު ނުކުޅެންވީތަ؟

ނޫނެކެވެ! އީދު ކުޅިވަރު ކުޅެވޭނެއެވެ. ކޯޑިވެސް ދުއްވޭނެއެވެ. ފެންކުޅިވެސް ކުޅެވޭނެއެވެ. އަދި ނާކެނޑުމުގެ ހަރަކާތްވެސް ބޭއްވޭނެއެވެ. އެއީ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ގޮތުގައި ބަލައިގެން އެކަންކަން ކުރިއަށް ގެންދިއުމަކީ ދީނާ ޚިލާފު ކަމެއްވެސްނޫނެވެ. ނަމަވެސް .... ބަޔާންކޮށްފައިވާ ތިން ކުޅިވަރާއި އެނޫންވެސް ކުޅިވަރުތައް ކުޅުމުގައި، ޝަރީޢަތާ ޚިލާފު އަމަލެއް ހިމެނޭނަމަ އެކަމެއް ދޫކޮށްލަން ޖެހޭނެއެވެ. އީދަކީ މުސްލިމުންނަށްޓަކައި ﷲ ތަޢާލާ ލެއްވެވި ދުވަހަކަށްވާއިރު، އެ އިލާހު ކަނޑައަޅުއްވާފައިވާ އިންތަކާއި މިންތައް ފަހަނައަޅައި ގޮސްގެން ނުވާނެއެވެ. [އަމަލު ކުރެވޭ ޢުރުފް (އާދަކާދަ) އަކީ ފާސިދު ޢުރުފެއްނަމަ އެ ޢުރުފެއް އެއްކޮށް ދޫކޮށްލަން ޖެހޭނެއެވެ. މިގޮތުން މިހާރު (ދިވެހީން) ދޫކޮށްލާފައިވާ އެއް އާދަކާދަ އަކީ ޒިޔާރަތްތަކަށް ނަދުރު ބުނުމެވެ.]

އެކަމަކު އެފަދަ ބައެއް ކަންކަން ކުރެވިއްޖެ، ދެން ކިހިނެއް ހަދާނީ؟

އެއްގޮތަކަށްވެސް މާޔޫސްނުވާށެވެ. އެނގިގެން ގަސްތުގައިވިޔަސް ނުވަތަ ނޭނގުމެއްގެ ތެރޭގައި ކަމަށްވިޔަސް، ގޯސް ކަމެއް ކުރެވިފައިވާނަމަ އަވަހަށް ތައުބާ ވެލާށެވެ. ތައުބާ ވުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެންމެ ފުރަތަމަ، ކުރަމުންދާ ނުބައި ކަންތައް ވަގުތުން ހުއްޓައިލާނީއެވެ. އެއާއެކު ތިމާ ކުރި ފާފައާމެދު ލަދުވެތިވެ ދެރަވެ ހިތާމަ ކުރަންވާނެއެވެ. މިއީ ފާފައެއް ކުރެވިއްޖެ ކަމަށާއި ތިމާއަކީ ﷲ ގެ ހަޒުރަތުގައި ކުށްވެރިއެއްކަމަށް އިޢުތިރާފު ވުމެވެ. ތައުބާވުމަށްޓަކައި ދެން ކުރަންޖެހޭ ކަމަކީ ހުއްޓައިލި ފާފައަށް އަލުން އެނބުރި ނުދިއުމަށް އަޒުމު ކަނޑައެޅުމެވެ. އަދި ހުއްދަނޫން ގޮތެއްގައި މީހެއްގެ ހައްގެއް ބޭނުންކުރެވިފައިވާނަމަ އެމީހަކަށް އެ ހައްގު ރައްދުކުރުމެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ. "... އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙުމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހައި ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެއެވެ." (ޒުމަރު: 53)

ގުޅޭ ޓެގު
comment ކޮމެންޓް