އިމާމް އިބްނު ގައްޔިމް ރަހިމަހުﷲ ވިދާޅުވިއެވެ." އެންމެ މާތްވެގެންވާ އަދި އެންމެ އިޖާބަވުން އަވަސްވެގެންވާ ދުޢާއަކީ މާތްﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުން ދަންނަވާ ދުޢާއެވެ."

***

ބޯ ހޫރާލާފައި ނަވޫދް މިސްރާބުޖެހީ ސިޑިއާއި ދިމާލަށެވެ. އަލްވާ އެނބުރިބަަލައިލިއިރު ނަވޫދު ފެންނާކަށް ނެތެވެ. ބްރައުނީޒް ކެއިތޯވެސް އަހާނުލެވުނެވެ.

"އޯ. އެއީ އަލްވާ ދިން އެއްޗެއްތަ؟ އެ ހަމަ ވަރަށް ރަގަޅު. ނަވޫދު ބުނީ ތަންކޮޅެއް ލޮނުގަދަކަމަށް އެކަމަކު ގިނަ އެއްޗެހި ކެއީ އޭނަ...."ނަމްރާ އެހެން ބުނުމުން އަލްވާ އިތުރަށް ހައިރާންވިއެވެ. ވީއިރު އެ ޑަސްބިނުގައި ވި ބްރައުނީޒް ފޮށްޓަކީ ކާކަށް ދިން އެއްޗެއްހެއްޔެވެ؟ ސުފިޔާންއަށެވެ. ސުފިޔާންއަށް އޭނަ ބްރައުނީޒް ފޮށްޓެއް ދިންކަން އޭނައަށް ހަނދާން ނައްތައިލެވުނީއެވެ. އަލްވާ ދިން ހަދިޔާ ސުފިޔާން އެއްލައިލީ ކުނިވަށިގަނޑަށެވެ. އަލްވާގެ ހިތް ބުރުއްސައިގެން ދިޔަ އަޑުވެސް ގާތްގަނޑަކަށް އޭނައަށް އިވުނެވެ. އެކަމަކު ކީއްވެހެއްޔެވެ؟ އެ އެއްލައިލީ ކީއްވެހެއްޔެވެ؟ އަލްވާގެ "ޕޮޒިޓިވް" ސިކުނޑި ވަގުތުން ކަނޑައަޅާ ނިންމީ ސުފިޔާން ފޮނި އެއްޗެހި ދެކެ ގަޔާނުވާތީ އަލްވާގެ ގާތުގައި ބުނުމެއްނެތި އެއްލައިލީ ކަމުގައެވެ. އަލްވާ ދެރަވެދާނެތީ ސިއްރުކުރީއެވެ.

މެހެކް ކުށްވެރިކުރާފަދަ ގޮތަކަށް ލޯ ހަނިކޮށްލަމުން އަލްވާގެ މޫނަށް ބަލައިލިއެވެ."ބްރައުނީޒް؟ އަދި ހަށަން ބަދެލިއެވެ.

"އަހަރެން މެހެކްއަށްޓަކާ ބްރައުނީޒް ތައްޔާރުކުރީ އެކަމަކު މެހެކް އަހަރެން ދޫކޮށްފައި ދިޔައީނު. އެނީވޭ ދެން މިތަނަށް އައި ސަބަބަކާއިމެދު ވާހަކަދައްކަމާ. އެހެން ކުއްޖަކު މަރައިލުމުގެ ކުރިން މާ ބޮޑު ވަގުތެއް އަހަރެމެންނަކަށް ނެތް..."އަލްވާ މައުޟޫ ބަދަލުކޮށްލަން އުޅުނެވެ.

"އަހަރެމެން މިއަދު ޔަތީމުޚާނާއަށް ގޮސް ތަހުގީގުކުރާނީ.."

މެހެކް އަލްވާގެ އަތުގައި ހިފާ ގާތަށް ދަމައިލިއެވެ."އަލްވާ... މި ޔަތީމުކުދިންގެ މައްސަލަގަނޑު...އަހަންނަށް ހީވަނީ އަލްވާ މަންމަމެންނާއި މަޝްވަރާ ކުރަން ޖެހޭހެން. މި މިޝަންގެ ސަބަބުން އަލްވާއަށް ނުރައްކަލެއް ފޯރައިފިއްޔާ؟" މެހެކްގެ މޫނުން ފެނުނީ ސީރިޔަސްކުލަވަރެވެ. ސަމާސާގެ އެއްވެސް ކުލައެއް ފެންނާކަށް ނެތެވެ. މިވަގުތު އެތާ ތިބި އަންހެންކުދިންގެ ތެރެއިން އެންމެ ސްމާޓްވެފައި ބުއްދި ހުރީ އޭނަގެ ކަން ނޭގެއެވެ. އެކަމާއި ބެހޭގޮތުން އަލްވާއާއި މެހެކް ވާހަކަދައްކާފައިނުވި ކަމުގައިވިޔަސް އަލްވާއަކީ ޔަތީމް ކުއްޖެއްކަން އޭނަގެ މައިންބަފައިންގެ ގާތުން އަޑު އަހާފައިވެއެވެ.

"އެކްސްކިއުޒް މީ. އެކަމަކު ޔަތީމްޚާނާއަށް އަލްވާއާއި އެކީ ދާން އަހަރެން ބޭނުން..."ނަމްރާ ކަރުކެހިލިއެވެ. އެހެން ބުނަން ކޮންމެވެސް ވަރަކަށް ފަސްޖެހުނީ އޭނަގެ ނުކުޅެދޭކަން އެނގިހުރެ އޭނަގެ ސަބަބުން އެހެން މީހުންނަށް ލަސްވާނެކަން އެނގޭތީއެވެ.

"އެއްވެސް ތަނަކަށް ދާނެކަމެއްނެތް....." ނަވޫދް ފެންވަރާ ނިމިގެން ނިކުތްތަނާ ނަމްރާގެ ޖުމްލަ އިވުމުން ތިރިއަށް އަންނަންވެގެން ސިޑީގެ އެންމެ މަތީ ހަރުފަތުގައި ހުރެ ނަމްރާއަށް ނުރުހުމާއި ސީރިޔަސްކަން އެކުލެވޭ ނަޒަރަކުން ބަލަން ހުއްޓެވެ."އަސްލުވެސް ނުދެވޭނެ ނަމްރާ. އެންމެ ފަހުގެ ނިންމުން..."

ނަމްރާ ކަޅި އަނބުރައިލިއެވެ."އޭނަ ކިޔާ އެއްޗަކަށް އަޅާލާނެ ކަމެއްނެތް. ކޮންއިރަކުން ދާނީ؟" ނަމްރާ އަލްވާއަށް ބަލައިލިއެވެ.

"ޑާން އިޓް...." ނަވޫދު ދަތްތަކަށް ބާރުލަމުން ކިޔައިލިއެވެ. އަދި ބާރަށް އިސްތަށިގަނޑު ހިއްކަން ފެށީ ހުރިހާ ރުޅިއެއް އިސްތަށިގަނޑަށް ބާލާފަދަ ގޮތަކަށެވެ. ނަމްރާއަކީ ގޮތްދޫނުކުރާ އަންހެންކުއްޖެކެވެ. ފަހަރެއްގައިވެސް ގާތިލަކަށް ވެދާނެ މީހެއްގެ ފަހަތުން އުޅެން އެ ކުދިން އެކުރާ ޚިޔާލާއި ނަވޫދު އެއްބައިވާކަށް ނެތެވެ. މިހާރުވެސް ނަމްރާ ބެލެހެއްޓުމުގެ ޒިންމާ އެހާ ބޮޑެވެ. އަދި ނަވޫދުއަށް އާއިލާގައި ނުހިމެނޭ އެހެން ދެ ކުއްޖެއްގެ ޒިންމާ ބޮލުގައި އެޅޭނީ ކިހިނެއްހެއްޔެވެ؟ އަދި ގާނޫނީގޮތުން ކުޑަކުދިންނެވެ. އަދި އޭނައަށް އެންމެ އުދަގޫވަނީ ބީރައްޓެއްސެއްގެ ގެއަށް ވަދެ އަމިއްލަ ގެ ފަދައިން އެހާ ހަމަޖެހިލައިގެން އެކުދިން އުޅޭލެއް ފެނުމުންނެވެ. އެހާ މައުސޫމްހެއްޔެވެ؟ މޮޔަހެއްޔެވެ؟ މައިންބަފައިން މިކަމާއި އަޅާނުލާ ތިބެނީހެއްޔެވެ؟ ޔަގީނެވެ. ހުރިހާ ބީރައްޓެހިން އޭނަ ފަދައިން މާތް ނުވާނެއެވެ. ދުނިޔެއަކީ ބިރުވެރި ތަނެކެވެ.

"ނަމްރާ. އެއްވެސް ތަނަކަށް ދަންޏާ ނަމާދުކޮށްގެން ދައްޗޭ..." ނަވޫދުގެ އަޑު އިވުނެވެ.

"ކުރަން އުޅުނީ. ނަވޫދު ބުނާކަށް ނުވެސް ޖެހޭނެ..."

"އަހަރެމެންވެސް ނަމާދުކުރަންވީ ދޯ؟ ގެއަށް ދާއިރަށް ނަމާދު ގަޑި ފާއިތުވެދާނެ..."އަލްވާގެ ޖުމްލައާއިއެކު ނަމްރާ އެދުނީ އޭނައާއެކު އައުމަށެވެ. ނަމްރާގެ ކޮޓަރިކުޑަވެފައި ގުދަނެއްފަދަ ތަނެއްހެން ހީވަނީ ނަމްރާ އެތަނުގައި އެތައް އެއްޗެއް ގުދަންކޮށްފައިވާތީއެވެ. ތަފާތު ވައްތަރުގެ ފޮތްތައްވެސް ހުއްޓެވެ. ސްޓިކާ ފޮތްތަކާއި ވާހަކަތަކަށް ދާންދެންވެސްމެއެވެ. މުސާރަ ލިބުމުން ނަވޫދު އޭނައަށް ކޮންމެ މަހަކު ފޮތެއް ގަނެދޭ ކަމުގައި ނަމްރާ ބުނެލިއެވެ. އަދި ހޮވާފައިވާ ބޮލިތައްވެސް ގިނަ އަދަދަކަށް ހުއްޓެވެ. ހަލާކުވެފައިވާ ގޮފިކޮޅުތަކާއި ހިކިފައިވާ ފަތްތަކާއި މާތައްފަދަ އޭނަ ބޭރަށް ނިކުންނަ ދުވަސްތަކުގައި ވަލުތެރެއިން ހޮވާ އެއްޗިއްސެވެ. ނަވޫދު ގޭގައި ނެތިއްޔާ ދެމެމުން އޭނަ ގެއިން ބޭރަށް ނިކުމެ ހަދައެވެ. އެކޮޓަރި ދާރުލް އާސާރުފަދައެވެ. ކުއްލިއަކަށް އެ ސާމާނުތަކުގެ ތެރެއިން ބުޅަލެއް ގޮވައިލުމުން އެކުދިން ސިހުނެވެ.

"އެއީ ނަވޫދުގެ ބުޅާ.." ނަމްރާ ބުޅާ ފައްސާލަންވެގެން ބުރުހެއް ބޭނުންކުރިއެވެ." ނަވޫދުހާ ކަންނެތް ބުޅަލެއް. އަބަދު ނިދާފައި އޮންނަން ބޭނުންވާނީ..."

"ނަވޫދު ކަންނެތެއްނޫން. ވަޑާން ގޭގައި ވަރަށް ހީވާގިކޮށް މަސައްކަތްކުރާތަން ފެނޭ..." އަލްވާ ހަގީގަތް ހާމަކުރިއެވެ. ނަމްރާ އެވާހަކައަށް އެއްޗެކޭ ނުބުނީ ހަގީގަތް އޭނައަށްވެސް ރަގަޅަށް އެނގޭތީއެވެ. ކަންނެތްކަމާއި ނަވޫދު ކިތަންމެހާވެސް ދުރެވެ. ނަމްރާ ބޭނުންހާ އެއްޗެއް ހޯދަދޭން ނަވޫދު ބުރަ މަސައްކަތްކުރެއެވެ.

"އަވަހަށް އާދޭ. މީނަގެ ނަމަކީ ކޮބާ؟" އަލްވާ ބުޅާ އުރާލައިފިއެވެ. އެކަމަކު ބުޅާ އަޑުކޮޅަށް ގޮވާލާފައި އެސޮރުގެ ތޫނު ދަތްތައް ދައްކައިލަމުން އަލްވާގެ އަތުގައި ވަކިއަޅާލައިފިއެވެ. އަލްވާ އަވަހަށް އެސޮރުގެ ގައިން ދޫކޮށްލީ އޭތި އަލްވާއާއި ގަޔާނުވީކަމުގެ އިހުސާސްވުމުންނެވެ.

"ނަވޫދު ނަމެއް ނުދޭ. ދުވަހަކު ނަމަކުން ގޮވައިނުލާ. ބުޅަލެއްފަދައިން މިއާވް ގޮވާނީ. ދެން ބުޅަލަށްވެސް އެބުނާ އެއްޗެއް އެނގޭ. އެކަކު އަނެކަކަށް މިއާވް ކިޔާ ވާހަކަދައްކާނީ. އެދެމީހުންނަށް އެކަނި އެނގޭ ލެންގުއޭޖެއްކަން ނޭގޭ. ދެމީހުންނަށް އެކަނި އެކިޔާ އެއްޗެއް ދޭހަވަނީ..."ނަމްރާ ކޮނޑު އަރުވައިލިއެވެ. އަލްވާ ބާރަށް ހީގަތެވެ.

"އަސްލުވެސް ކްރޭޒީ ހަމަ..." އަލްވާގެ ބަހަށް ނަމްރާވެސް ތާއީދުކުރިއެވެ.

ނަމްރާގެ ކޮޓަރީގެ ކަނުގައި ނަމާދަށް ޚާއްސަތަންކޮޅެއް ހަދާލާފައި އެބައި ވަކިން ސާފުކޮށްފައިވިއެވެ. އެންމެ ދޮޅިއެއް އޮތުމުން ނަމާދުކުރަން ޖެހުނީ ފަހަރަކު ކުއްޖެކެވެ.

"އެނގޭތަ؟ ނާކިއާއަށް ނަމާދުކުރަން ކިހާ ފަސޭހަވާނެ. ކޮންމެ ތަނެއްގައި ހުއްޓަސް ނަމާދުކުރެވޭނެ. ސަބަބަކީ ފޮރުވިގެން ހުރީމަ...." ނަމާދުކޮށް ނިމިގެން މުސައްލާ ރީތިކޮށް ފަށްޖަހައިލަމުން އަލްވާ ބުނެލިއެވެ. ނާކިއާފަދައިން އެކުދިންނަކީވެސް މުސްލިމުންނެވެ. އެކަމަކު އެކުދިންނަށްވުރެ ދީނީގޮތުން ނާކިއާ ކުރީގައި އުޅޭކަން އިހުސާސްވަނީ ކީއްވެހެއްޔެވެ؟ އެއީ އަލްވާވެސް ބޭނުންވާ ދަރަޖައެވެ. މީހެއްގެ ލޯ ހުޅުވައިލަން ނަގާނީ ހިނދުކޮޅެކެވެ. ސިކުންތުކޮޅެކެވެ. އަލްވާގެ ހިތްވެސް ބުރުގާ އަޅަން އެދުނީ އެ ހިނދުކޮޅުގައެވެ.

އަލްވާ މެހެކް އަދި ނަމްރާ އެކީ މަގުން ހިނގާފައި ދިޔައިރު ނަމްރާ އޭނަގެ އަތުގައި އޮތް ޗާޓު ނިއުޅާލައިގެން ބަލަމުން ދިޔައެވެ. "އަހަރެމެން ބަސް ނަގައިގެން ހޮސްޕިޓަލް ކައިރިއަށް ދިޔައިމަ ޔަތީމްޚާނާއަށް ދެވޭނެ.."

ދުރުމަގު ހިނގަން ޖެހުމުން ހުރިހާ ކުދިން ލޮޑުވާގޮތްވިއެވެ. ވަޒީފާގައި ހުރެފައި ވަގުތުން މިތަނަށް އަންނަން ޖެހުމުން އަލްވާގެ ހަށިގަނޑުގައި ރިއްސަން ވެސް ފެށިއެވެ. އެކުދިން އެހާލުގައި ތިއްބާ ނަސީބު ރަގަޅުކަމުން އެހެން ލާފައި ދިޔަ ކާރެއް މަޑުކޮށްލައިފިއެވެ. ކުޑަދޮރުގެ ބިއްލޫރިގަނޑު ތިރިކޮށްލާފައި ބަލައިލީ ސުފިޔާން ފިޔަވާ ދެވަނަ މީހެއްނޫނެވެ. "ކާރުގައި ދާން ބޭނުންތަ؟" އަލްވާގެ މޫނު ވަގުތުން އުޖާލާވެގެން ދިޔަގޮތުން ހުރިހާ ލޮޑުކަމެއް އެއްފަހަރާ ފިލާ ދިޔަފަދައެވެ.

"އެއީ ކާކުތަ؟" މެހެކް އަށް އަޑެއް ލައްވާލެވުނެވެ." ހޭއި އަލްވާ. އެއީ އޭނަ. ބްލޭންކް ޗެކެއް ދިނެއްނު."

"އެއީ ރޯޒްކްލިފްގެ ވެރިޔާ." އަލްވާ މަޑުމަޑުން ބުނެލިއެވެ. "އަދި ފޮތް ފިހާރައިގެވެސް ވެރިޔާ.." އަލްވާ އިތުރުކޮށްލިއެވެ. މެހެކްއަށް އަނެއްކާވެސް މަޑުމަޑުން ހަޅޭއްލަވައިގަނެވުނެވެ. އަލްވާއަށް މިހާ ރީތި ފިރިހެނަކު އެނގިހުރެ މެހެކް ގާތުގައި އޭނަގެ ވާހަކަ އެއްގޮތަކަށްވެސް ނުދައްކާ ހުރީ ކީއްވެހެއްޔެވެ؟

"އެއީ ދަންނަ މީހަކީތަ؟" ނަމްރާގެ ލޮލުން ކޮންމެވެސް ވަރަކަށް ވިސްނާކަން ފެނުނެވެ.

"އާނ. އޭނައަކީ އަހަރެންގެ ބޮސް..."

އަލްވާއާއި ނަމްރާއަށް އަދި އެއްބަސްވުމަކަށް ނާދެވިގެން އުޅެނިިކޮށް މެހެކް ކާރުގެ ދޮރު ހުޅުވާލާފައި އެހެން ކުދިންނަށްވެސް އަރަން އަތުން އިޝާރާތްކޮށްލައިފިއެވެ. "އަވަހަށް އަރާ. އަހަންނަށް އިތުރަށް ހިނގޭނެ އެއްވެސް ގޮތެއްނެތް. މަގޭ ދެފައި އަހަރެން މަރާލާނެ.."

ފުރޮޅުލީގޮނޑީގައި އިން ނަމްރާއަށް އަލްވާ ބަލައިލުމުން އޭނަވެސް ހުއްދަދޭފަދަ ގޮތަކަށް ބޯ ޖަހައިލިއެވެ.

"އެހީއެއް ބޭނުންތަ؟" ސުފިޔާންގެ ނަޒަރު ހުއްޓުނީ ނަމްރާ އިން ގޮނޑިއަށެވެ. އަދި ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި އޭނަ ކާރުން ފޭބިއެވެ. އެލޯވަނީ ކަޅުކުލައިގެ ގްލޭޑިއޭޓަރ އަވިއައިނުން ފޮރުވާލާފައެވެ. ހުދުކުލައިގެ ލިނެން ގަމީހަކާއި މުށިކުލައިގެ ފަޓުލޫނެއްގައި ސުފިޔާން ހުރުމުން ބިލިއަން ޑޮލަރުގެ ވިޔަފާރިއެއްގެ ވެރިއެއްކަން އަލްވާއަށްވެސް މިހާރު ވައްތަރެވެ. އޭނަގެ ހަގީގަތް ހާމަވެފައިވާތީ ފެންނަ ގޮތް ތަފާތުވެސް ވީއެވެ. ސުފިޔާން އަލްވާގެ އެހީގައި ނަމްރާ ކާރަށް އެރުވިއިރު އަންހެންކުދިންނަށްވެސް ފާހަގަވީ އޭނަ އެއްފަހަރުވެސް ނަމްރާގެ ގައިގާ އަތް ޖައްސާނުލާކަމެވެ. ނަމްރާއަށް އުދަގޫވެދާނެތީކަމަށް ވެދާނެއެވެ. ނަމްރާވެސް އެކަމާއި ޝުކުރުވެރިވީ ސުފިޔާންއަކީީ މަހުރަމަކަށްވެސް ނުވާތީއެވެ. ނަމްރާ ކާރަށް އެރުމުން ސުފިޔާން ގޮނޑި ފަށްޖަހާލާފައި ކާރުގެ ޑިކީއަށް ލިއެވެ. އަދި ޑްރައިވަރުސީޓުގައި އިށީނެވެ. ތިން އަންހެންކުދިންވެސް އިށީންނަން ބޭނުންވީ ފަހަތު ސީޓުގައެވެ. އަލްވާއަށްވެސް ސުފިޔާން ގާތު އިންނާކަށް ނުކެރޭނެއެވެ. އޭނަވެސް ލަދުގަނެއެވެ.

"ކޮންތަނަކަށް ތިކުދިން ދަނީ؟" ސުފިޔާން ކާރު ދުއްވައިލަމުން އެހިއެވެ. އަލްވާ ޔަތީމުޚާނާގެ ނަން ބުނުމުން އެތަނަށް ދާ ސަބަބަކާއިމެދު ސުފިޔާން ސުވާލުކުރިއެވެ. މުއްސަދި މީހަކަށްވުމުން މެހެކް އިނީ ވާހަކަދައްކާހިތުންނެވެ. އެހެންވެ ތަންކޮޅެއް އަނގަގަދައެވެ. އެހެން ކުއްޖަކަށް ޖަވާބު ނުދެވެނީސް އޭނަ ހުރިހާ ވާހަކައެއް ކުރުގޮތަކަށް ކިޔާދިނެވެ.

އަންހެންކުދިންގެ ފަހަތުން ބައިސްކަލުގައި އައި ނަވޫދު ކުއްލިއަކަށް ބައިސްކަލް މަޑުކޮށްލާފައި އެއްފައި ބިންމަތީގައި އަނެއްފައި ފާލުގަނޑުގައި އަޅުވާލައިގެން ބަލަން އިނެވެ. ކުރިމަތިން ފެންނަ މަންޒަރަށް ބަލަން އިނދެވުނީ ބުމަ ކައިރިކޮށްލައިގެންނެވެ. ސަދަފްއާއި މާ ބޮޑަށް އަޅައިގަނެގެން އުޅޭ އޭނަގެ އެކުވެރިޔާ ލައިލްގެ ފަރާތުން ސުފިޔާންއަކީ ކާކުކަން އޭނައަށްވަނީ އޮޅުން ފިލާފައެވެ. ތަފާތު މުނާސަބާގައި އެމީހުންވަނީ ރޯޒްކްލިފަށް ފަރުނީޗަރުތައް ހަދާދީފައެވެ. ސުފިޔާންއަކީ ރޯޒްކްލިފްގެ ވެރިޔާއެވެ. އެކަމަކު އޭނަ ކާރަށް އަންހެންކުދިން އަރުވަންވީ ކީއްވެހެއްޔެވެ؟ ޚާއްސަކޮށް އޭނަގެ ކޮއްކޮއެވެ. "ނަމްރާ. ގޯޝް. މިކުދިންނާއިހެދި ވަރުބަލިވެއްޖެ..." ނަވޫދު ދަތްތައް ވިކައިގަތެވެ. އޭނަ ބޮޑަށް ރުޅިއައީ ކޮއްކޮ ދެކެކަމެއް ނޫނީ އަލްވާދެކެކަމެއް ނޭގުނެވެ.

***

"އެއީ އަހަންނަށް ހީވާގޮތް ނޫނީ ފުލުހުންގެ ކާރު އަހަރެމެން ފަހަތުން އަންނަނީ؟" ނަމްރާ ފަހަތަށް ބަލައިލަމުން ވައި އަޑަކުން ބުނެލިއެވެ.

"އަހަރެމެން އެރެސްޓް ކުރާށޭ ދެން ނުބުނައްޗޭ..."މެހެކް ލޯ ބޮޑުކޮށްލައިިފިއެވެ."ހޭއި މިސްޓަރ. މައްސަލައެއް ޖެހުނީތަ؟"

ފުލުހުންގެ ޖިޕް ފަހަތުން އައުމުން ހާސްވެ ކަންބޮވުމުގެ ބަދަލުގައި އޭނާގެ ކާރުގެ ދުވެލި އާދައިގެ މިނެއްގައި ހުރިކަން އަލްވާއަށް ފާހަގަވިއެވެ.

"ހޫމްމްމް؟" ސުފިޔާން އެނބުރި އަންހެންކުދިންނަށް ނަޒަރު ހުއްޓައިލިއެވެ. ދެން ކާރުގެ ރިއާ ލޯގަނޑުން ބަލައިލުމުން ފުލުސް ޖިޕް ފެނުނެވެ. "އަހަންނަށް މިނިޓްކޮޅެއް ދީ އިނގޭ...." ސުފިޔާން ކާރުގެ ދުވެލި މަޑުކޮށްލަމުން މާފަށް އެދުނެވެ. ފުލުހުންގެ ކާރުން ފޭބީ ސޫޓެއްގައި ހުރި މީހެކެވެ.

"އޯ މައި ގޯޝް... އުނަގަނޑުގައި އަޅުވާފައި ހުރި ބެލްޓްގައި އެއޮތީ ބަޑިއެއް...."މެހެކް ބިރުން ހަލާކުވާވަރުވިއެވެ. ސުފިޔާން ކާރުން ފޭބިއެވެ. އަންހެންކުދިން ހައިރާންވީ ސޫޓުގައި ހުރި މީހާ ފުޅާ ހިނިތުންވުމަކާއެކު ސުފިޔާންގެ ގައިގާ ބައްދާލާފައި ބުރަކަށީގައި ފިރުމައިލިތަން ފެނިފައެވެ.

"ސުފިޔާން ކުށްވެރިވީހެނެއް ހިޔެއްނުވޭ..." އަލްވާ ބުނެލިއެވެ. އޭނަ ސިއްރު ސިއްރުން އެކަމާއި އުފާކުރިއެވެ. ޔަގީނެވެ. ސޫޓުގައި ހުރި މީހާއާއި ސުފިޔާންއަކީ އެކުވެރިންނެވެ. ސުފިޔާން ކާރަށް އަރާފައި އެކުދިންގެ ވަގުތު ބޭކާރުކޮށްލެވުނީތީ މާފަށް އެދުނެވެ."އެއީ އަހަރެންގެ ކުރީގެ އެކުވެރިއެއް. އޭނަ ޑިޓެކްޓިވްއަކަށްވެ މިހާރު މި ސިޓީގައި ޖޮބް އަދާކުރަނީ...."

ސުފިޔާންގެ "ކޫލް" އެކުވެރިން ތިބެނީވެސް ގަދަ ވަޒީފާތަކުގައޭ އަލްވާގެ ހިތަށް އެރިއެވެ.

އެކުދިން ޔަތީމްޚާނާއަށް ދިޔުމުން ރިސެޕްޝަނިސްޓް އެއްވެސް މައުލޫމާތެއް ހިއްސާކުރަން ދެކޮޅުހެދިއެވެ. ސުފިޔާން އެހިސާބަށް އާދެވެންދެނެވެ. އަދި އޭނައަށް އެހީއެއް ވެވިދާނެތޯ އެހިއެވެ. ސުފިޔާން އެ އަންހެންކުއްޖާއާއި ވާހަކަދައްކައިލާއިރަށް ފޫހި ވައްތަރެއް މޫނަށް ޖައްސާލައިގެން ހުރި އަންހެންކުއްޖާގެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހިފައި ހުރި ކުލަވަރު ވެރިވިއެވެ. ރަތްވެފައިވާ ކޯތާފަތާއެކު އޭނަ ސުފިޔާންގާތު އެދުނީ އޭނަގެ ފަހަތުން އައުމަށެވެ. ތަޅުލާފައިވާ ކޮޓަރިއެއް ހުޅުވައިލިއިރު ފެނުނީ ކަރުދާހާއި ޑޮކިއުމެންޓްތަކުން ފުރިފައިވާ ހަރުގަނޑެކެވެ. އަދި ފައިލްތަކެވެ.

"މިއީ މިތަނަށް ވަން ކުދިންގެ ލިސްޓް...." ރިސެޕްޝަނިސްޓް ސުފިޔަން އަތަށް އެތައް ފައިލެއް ދިއްކޮށްލިއެވެ. ކޮންމެ ފައިލެއްގެ ބޭރުގައި ކުއްޖާގެ ނަން ޖަހާފައިވިއެވެ. ސުފިޔާން އަލްވާއަށް ބަލައިލީ ކާމިޔާބުގެ ނަޒަރަކުންނެވެ. އެވަގުތު ރަގަބީލެއްގެ އަޑު ކޮންމެވެސް ދިމާލަކުން ގުގުމައިލުމުން އެ އަންހެންކުއްޖާ އަވަސް އަރައިގެންފައިވާ ގޮތަކަށް ވަށައިގެން ކަޅި ހިންގައިލިއެވެ. "މެންދުރު ކުދިން ކުޅޭ ގަޑި އެޖެހުނީ. އަޅުގަނޑު ދާންވެއްޖެ. އަޅުގަނޑު އަންނަންދެން މިތާ މަޑުކޮށްލަދެއްވާ. މިހާރު ދާން ޖެހިއްޖެ. ޕްލީޒް މަޑުކޮށްލައްވައްޗޭ...." އެ ކުއްޖާ ތަންކޮޅެއް ޅަވެފައި ވަޒީފާއަށް އަލަށް އައިހެން ހީވެއެވެ. އޭނަ ކުޑަދޮރުން ބޭރަށް ބަލައިލީ ތަނުގެ ދުވަސްވީ މުވަައްޒަފަކަށް ފެނިދާނެތީ ބިރުން ހުރެއެވެ. އެ އަންހެންކުއްޖާ އެތަން ދޫކޮށް ދިޔުމުން އަލްވާއަށް އެހެން ފައިލްތައް ދިއްކޮށްލަމުން ސުފިޔާން ފައިލެއްނެގިއެވެ." އަހަރެންވެސް އެހީވާނަން..."

އަލްވާ ސުފިޔާންއަށް ޝުކުރު އަދާކުރުމަށްފަހު އަނެއް ދެކުދިންނަށްވެސް ފައިލް ދިނެވެ. އެކުދިން އަވަސް އަރުވާލާފައި ހުރިހާ ފައިލްތަކެއް ޗެކްކޮށްލިއެވެ. އަދި ގެއްލިފައިވާ އަދި ފިލައިގެން ގޮސްފައިވާކަމަށް ފައިލްތަކުގެ ބޭރުގައި ޖަހާފައިވާ ކުދިންގެ ނަމާއި އުމުރު ނޯޓްކޮށްލައިފިއެވެ.

"ހޭއި އަލްވާ." ކުއްލިއަކަށް މެހެކް ގޮވާލައިފިއެވެ. "މިއީ އަލްވާތަ؟" އޭނަ ގެ ކަޅި ހުއްޓިފައިހުރީ އުމުރުން ހަތަރު އަހަރުގެ ކުއްޖެއްގެ ކަޅާއި ހުދުގެ ސްކެޗަކަށެވެ. ފުރަތަމަ ގެއްލިފައި ކަމުގައި ޖަހާފައި އެތަންކޮޅު ކަނޑާލުމަށްފަހު "އެޑޮޕްޓެޑް" ލޭބަލް ކޮށްލާފައެވެ. ފޮސްޓަރ މައިންބަފައިންގެ ނަމަކަށް އޮތީ އަމީރާއާއި ހާމިދުގެ ނަމެވެ."މިއީ އަލްވާގެ މައިންބަފައިން. ނޫންތަ؟"

އެންމެންވެސް މެހެކްގެ ވަށައި ބޮނޑިވެލަމުން ބަލަން ތިބީ މެހެކްގެ އަތުގައި އޮތް ފައިލްގެ ފުރަތަމަ ސަފުހާއަށެވެ.

"އަލްވާ ޔަތީމްޚާނާއެއްގައި ހުރިންތަ؟ ހީކުރީ އެމީހުންނަށް އަލްވާ ފެނުނީކަމަށް....." އަލްވާގެ މޫނަށް މެހެކް ބަލައިލީ ހައިރާންކަމާއެކުގައެވެ. އަލްވާވެސް އޭގައި ހުރި މައުލޫމާތު ކިޔަމުން ދިޔައިރު މޫނުމަތިން ފެންނަނީ ތަފާތު ކުލަވަރެކެވެ. ނުރައްކާތެރި އެކްސިޑެންޓެއްގައި އަމިއްލަ އަންހެން ދަރިފުޅު ނިޔާވުމުން އަމީރާ ޝުއައިބުއާއި ހާމިދު މި އަންހެންކުއްޖާ އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލައިގަތީއެވެ. އަމީރާއާއި ހާމިދުއަށް އަލްވާގެ ކުރިން އަންހެންދަރިއަކު ލިބުނުހެއްޔެވެ؟ މަރުވެފައިވާ އަންހެން ދަރިފުޅެވެ. އަލްވާގެ މައިންބަފައިން އެމީހުންގެ އަންހެންދަރިއެއްގެ ވާހަކަ ފަހަރެއްގައިވެސް އަލްވާ ގާތު ދައްކާފައެއްނުވެއެވެ. އެކުއްޖާގެ ނަމަކީ ކޮބާހެއްޔެވެ؟ އަދި މަރުވީ ކޮން އެކްސިޑެންޓެއްގައި ހެއްޔެވެ؟ އަލްވާގެ މޫނުގެ ކުލަވަރު ބަދަލުވިތަން ސުފިޔާންއަށް ފާހަގަވިއެވެ.

"އަލްވާ އަހަންނާއެކު އާދޭ......" ހުވަފެނެއްގައި ހުރި ކުއްޖެއްފަދައިން އަލްވާ ސުފިޔާންގެ ފަހަތުންގޮސް އެތަނުން ނިކުތެވެ. މެހެކްއާއި ނަމްރާ އެކަކު އަނެކަކަށް ބަލައިލިއެވެ. އަލްވާގެ ހާލަތު ނޭގޭތީ ނަމްރާ ހުރީ އޮޅުން އަރާފައެވެ. މެހެކް ނަމްރާއަށް ހަގީގަތް ކިޔާދިނެވެ. އަލްވާގެ މައިންބަފައިންނަށް އަލްވާ ފެނުނީ މަގުމަތިންނެވެ. އެކުއްޖާގެ މައިންބަފައިންނަކީ ކޮބާކަމެއްވެސް އެމީހުންނަކަށް ނޭގެއެވެ. އަދި ކޮންރަށެއްގެ ކުއްޖެއްކަމެއްވެސް ނޭގުނެވެ. އަލްވާގެ ސިފަތައް ތަފާތުކަމުން ޑަޗް ކުއްޖަކަށް ނުވެ ހިގައިދާނެއެވެ. ހުދުދޮން ކުލައިގެ ބަދަލުގައި އަލްވާގެ ހުންނަނީ ރީދޫ ދޮންކުލައެކެވެ. އަދި އެފަދަ ކަޅުކުލަ ގަދަ އިސްތަށިގަނޑެއް ލިބިފައިވާ ޑަޗް މީހުން ވަރަށް މަދެވެ. މެހެކް އަދި ދުވަހަކުވެސް ކަޅުކުލައިގެ އިސްތަށިގަނޑެއް އޮތް ޑަޗް މީހަކު ފެނިފައެއްނުވެއެވެ.

"ގެއްލިފައިވާ ކުދިންގެ ލިސްޓް ނަގާފައި އަވަހަށް މިތަނުން ދަމާ ހިނގާ. އަލްވާ އަލުން މިތަނަށް އަންނާކަށް އަހަރެން ބޭނުމެއްނޫން. އަލްވާއަށް ވަރަށް ވޭންދެނިވިކަމަކަށް ވާނީ...." އެންމެ ގާތް އެކުވެރިޔާއަށްޓަކާ މެހެކްގެ ހިތް ހަމްދަރުދީ އިން ފުރުނެވެ. މެހެކްއާއި ނަމްރާ އަލުން މަސައްކަތް ފެށީ ވަރުގަދަ އަޒުމަކާއެކުގައެވެ.

ޔަތީމުޚާނާގެ ބޭރުގައި ހުރި ގަސްތަކެއްގެ ކައިރީގައި ސުފިޔާންއާއި އަލްވާ މަޑުކޮށްލިއެވެ. އަލްވާގެ ފައި ތުރުތުރުލައިގަތުމުން އޭނައަށް ލެނގިލެވުނީ އެތަނުން ގަހަކަށެވެ. އޭނަގެ ބޮލުގައި ރިއްސަން ފަށައިފިއެވެ. މިފަހަކަށް އައިސް އޭނަގެ ބޮލުގެ ރިހުން އިތުރުވާންފަށާފައިވިއެވެ. އެތަދު ހުންނަނީ އިރުގަނޑަކަށް ކަމުން އޭނަ އެއްވެސް މީހަކާއި އެކަން ހިއްސާނުކުރަނިއެވެ. މިފަހަރުވެސް އެފަދަ ވޭނީ ރިހުމެއް އިހުސާސްވެ ބޮލަށް ބަރުވާހެން ހީވިއެވެ.

"އަލްވާ އޯކޭތަ؟" ސުފިޔާންގެ އަޑުގައިވަނީ ކަންބޮޑުވުމުގެ އަސަރެވެ.

"ސުފިޔާންގެ އެކުވެރި ޑިޓެކްޓިވްއަށް އެކްސިޑެންޓަކާއި ބެހޭ މައުލޫމާތު ހޯދިދާނެތަ؟" އަލްވާ ކުއްލިއަކަށް ސުވާލުކުރީ އުއްމީދުން ފުރިގެންވާ ނަޒަރަކުން ސުފިޔާންއަށް ބަލައިލަމުންނެވެ. ހާމިދުއާއި އަމީރާގެ އަންހެންދަރިފުޅުގެ މަރާއި ބެހޭގޮތުން ދެނެގަންނަން އޭނަ ބޭނުންވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު