ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބަދަލު ގެންނަން ގާނުނު އިސްލާހު ކުރަނީ

އޭޕްރީލް 19، 2021: އިލެކްޝަން ކިމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލަށް ބަދަލު ގެނައުމާ ބެހޭ ގޮތުން ބަންޑާރަ ނައިބުގެ އޮފީހާ މަޝްވަރާ ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ފުއާދު މިރޭ "ސަން"އަށް ވިދާޅުވީ، އަންނަ ދައުރުގައި ސިޔާސީ ޕާޓީތަކަށް ފައިސާދޭ އުސޫލަށް ބަދަލު ގެނައުމާ ބެހޭ ގޮތުން އެ ކޮމިޝަނުގެ ޚިޔާލުތައް މިހާރު ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ހުށަހެޅުމަކީ ސިޔާސީ ޕާޓިތަކަށް ދޭ ފައިސާގެ 20 ޕަސަންޓު ހުރިހާ ޕާޓިއަކަށް ހަމަހަމައަށް ބަހާލާފައި، 80 ޕަސެންޓު ފައިސާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީތަކަށް ލިބޭ ވޯޓަށް ބަލާފައި ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަނެއް ހުށަހެޅުމަކީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލުން ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

"މިހާރު ވެސް [ފައިސާ] މި ދެވެނީ އެއްބަޔަކަށް. 11 ޕާޓީ އޮންނަ އިރު ހަތަރު ޕާޓީއަކަށް ފައިސާ މި ލިބެނީ އެކަމަކު ބާކީ ހަތް ޕާޓީން ވެސް މެނޭޖް އެބަ ކުރޭ. އަދި ބޮޑެތި ހަތަރު ޕާޓިއަށް ވެސް މެނޭޖް ކުރެވޭނެ ކަމަށް އަޅުގަނޑު މި ބަލަނީ،" ފުއާދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ބަދަލުތައް ގެނެވޭނީ ގާނޫނު އިސްލާހު ކުރަން ބަންޑާރަ ނައިބުގެ އޮފީހުން މަޖިލީހަށް ބިލެއް ހުށަހެޅުމުން ކަމަށެވެ.

"މި ބަންދުތައް ނިމިގެން [މަޖިލިސް] ހުޅުވޭ އިރަށް ބިލް ދާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް،" ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާޓިތަކަށް މީހުން ވެއްދުމަށް ވަގު ފޯމު ހުށަހެޅުމުގެ އެންމެ ބޮޑު ސަބަބަކީ ޕާޓީތަކަށް ފައިސާ ދިނުން ކަމަށް އެ ކޮމިޝަންގެ މެންބަރުން ދެކޭ ކަމަށެވެ.

ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވެއްދުން ހުއްޓުވުމަށް އީސިން މިހާރު ދަނީ އެ ޕާޓިއަކުން ހުށަހަޅާ ފުރަތަމަ ވަގުފޯމަށް ޕާޓިގެ ރެޖިސްޓްރާ 5000 ރުފިޔާއިން ޖޫރިމަނާކުރަމުންނެވެ. އަދި ދެވަނަ ފޯމުން ފެށިގެން ހުށަހަޅާ ކޮންމެ ވަގު ފޯމަކަށް ޕާޓިގެ ރެޖިސްޓްރާ 10،000 ރުފިޔާއިން އަދި ޕާޓި ވެސް 10،000 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް އީސީން ވަނީ ނިންމާފައެވެ.

ފުއާދު ވިދާޅުވީ ޖޫރިމަނާކުރުމުގެ ސަބަބުން ޕާޓިތަކުން ވަގު ފޯމު ހުށަހަޅާ މިންވަރު މިހާރު މަދުކަމަށެވެ.

"[ކުރިން] ދުވާލެއްގެ މައްޗަށް 40ހަކަށް 50ހަކަށް [ވަގު] ފޯމު ލިބޭ. މިހާރު ގާތްގަނޑަކަށް ހަތަރު ފޯމު ފަސް ފޯމު ވަރުވީމަ ދިހަބައި ކުޅަ އެއްބަޔަށް ބަދަލުވެގެން އެ ދިޔައީ،" އޭނާ ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ޕާޓީތައް ޖޫރިމަނާ ކުރާ އުސޫލުތައް ބަދަލުކުރަން ސިޔާސީ ޕާޓީތަކުން އެދިފައިވާ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅުން ހުރި މަސައްކަތްތައް ވެސް މިހާރު ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން 10،000 މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކަށް ދައުލަތުން ފައިސާ ދޭން ޖެހޭނެއެވެ.

މިއަހަރު އެންމެ ގިނަ އަދަދަކަށް ފައިސާ ދީފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށެވެ. އެއީ 15.02 މިލިއަން ރުފިޔާއެވެ. އިދިކޮޅު ޕީޕީއެމްއަށް ދީފައިވަނީ 9.4 މިލިއަން ރުފިޔާއެވެ. އަދި ޖުމްހޫރީ ޕާޓީއަށް 5.5 މިލިއަން ރުފިޔާ ދީފައިވާ އިރު އަދާލަތު ޕާޓީއަށް 2.9 މިލިއަން ރުފިޔާ ދީފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު