ފުށުއެރުންތަކެއް ހުރެގެން އެމްޑީޕީ ޕާލަމެންޓް ގުރޫޕުގެ އިންތިހާބު ފަސްކޮށްފި

ބައެއް ކައުންސިލްތަކުގެ ބައި އިލެކްޝަންތަކާ ފުށުއަރާތީ ކަމަށް ބުނެ، އަންނަ ބުދަ ދުވަހު ބާއްވަން ކަނޑައެޅި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ އިންތިޚާބު އަންނަ މަހު 3 އަށް ފަސްކޮށްފި އެވެ.

އެމްޑީޕީގެ ސްޕޯކްސް ޕާސަން މުހައްމަދު އިމްތިޔާޒު (އިންތި) މިއަދު ވިދާޅުވީ އަހަރަކު އެއް ފަހަރު ބާއްވާ، އިންތިޚާބު ފަސްކޮށްފައި ވަނީ ބައެއް ކައުންސިލްތަކުގެ ބައި އިލެކްޝަންތަކާ ފުށުއަރާތީ އިންތިޚާބާ ބެހޭ ކޮމިޓީގެ މަޝްވަރާގެ މަތިން ކަމަށެވެ. އަދި އޭނާ ވިދާޅުވީ އަންނަ ބުދަ ދުވަހު ޕާލަމެންޓް ގްރޫޕުގެ އިންތިހާބު ނުބާއްވަން ނިންމީ، އިލެކްޝަންތައް އިންތިޒާމު ކުރާ ސެކްރެޓޭރިއަޓަށް ދަތިތަކެއް ހުރުމުން ކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ރައީސަކަށް ކުރިމަތިލައްވާފައި ވަނީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެކަންޏެވެ. ނައިބުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ މުހައްމަދު ނަޝީދު (ކާނަލް) އާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި މާފަންނު ހުޅަނގު ދާއިރާގެ އަބްދުﷲ އަބްދުއްރަހީމްގެ އިތުރުން ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވާދަކުރައްވަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު