ރާއްޖޭގެ އުތުރުން ހދ. އަތޮޅުގައި އޮންނަ މަކުުނުދޫގެ ރައްޔިތުން ޒަމާނުއްސުރެ ކުޅެމުން އަންނަ "ޢީދު ބޮނޑި" ކުޅިވަރަކީ އެރަށުގައި އަޟްހާ ޢީދަށް ޚާއްސަކޮށްގެން ކުޅެމުން އަންނަ ތަފާތު ކުޅިވަރެކެވެ. މި ކުޅިވަރު ކުޅެން ފެށީ ސީދާ ކޮންއިރަކު ކަމެއް އެރަށު މީހުންނަށް ވެސް ބުނަން ދައްޗެވެ. އެއީ އެހާވެސް ޒަމާންވީ ކުޅިވަރެކެވެ.
އެ ކުޅިވަރުގައި އަންހެންވެރިން ބޮނޑި ތައްޔާރުކޮށް ފޮރުވުމުން، ރަށުގެ ފިރިހެންވެރިން އެ ބޮނޑި ހޯދަން ޖެހެއެވެ. ޓީމު ތަކަކަށް ބަހާލައިގެން އަންހެންވެރިން ބޮނޑި އެޅުމުގެ މަސައްކަތް ފަށަނީ ހައްޖު ދުވަހުގައެވެ.
ބޮނޑި ތައްޔާރު ކުރުމަށް އެންމެ ފުރަތަމަ ފުރަތަމަ ހަނޑޫ ފުނޑަނީއެވެ. ހަނޑޫ ފުނޑާ އިރު ފުނޑަން ޖެހޭނީ ހުނީގެ އެއްބަޔާ އެއްކޮށްގެންނެވެ. އެއަށްފަހު ތާހަކަށް، ފުނޑި ހަނޑޫތަކާއި ހަކުރު އަޅާނީއެވެ. އަދި ބާކީ ހުރި ހުނިތައް، ފޮނިތޮއްޓާއި ކާފޫރުތޮޅި އަޅައިގެން އެއްކުރުމަށްފަހު ފެން އަޅާއިރު ގިރުވިތަކެތި މާބޮޑަށް ދިޔާނުވާ ވަރު ބަލަން ޖެހެއެވެ.
އެއަށްފަހު ތާސް އުނދުން މައްޗަށް ލައިގެން ފުއްގަނޑު ހިލަންޖެހެއެވެ. މިއީ ބުރަކަމެކެވެ. އެކަމުގައި ފިރިހެންވެރިން ވެސް އެހީތެރިވެއެވެ. ފުށްގަނޑު ހިލިގެން ތާހުގައި ގުޅަވެށި އަދި އެ ފުށްގަނޑުން ތެޔޮ ހިލެންދެން ހާކަންޖެހޭނެއެވެ.

މަކުނުދޫ މީހުން އީދު ދުވަހަށް ތައްޔާރު ކުރާ " ބޮނޑި"--- ފޮޓޯ
ގަދަޔަށް ހިލި ފުށްގަނޑު ތާހެއްގައި ދޮންކެޔޮ ފަތް ފެތުރުމަށްފަހު އޭގެ މައްޗަށް އެ ބޮނޑި ފަތުރާލައެވެ. ފުށްގަނޑު ފެތުރުމަށްފަހު މަތިން އަނެއްކާ ވެސް ދޮންކެޔޮފަތް ޖަހާ، ބަންދު ކުރެއެވެ. އަދި ތާހުގެ މަތިންނާ، އަޑިން އަލިފާން ޖައްސައިގެން މަޑުގިނީގައި އެ ފިހާނީއެވެ. މިއީ އެރަށު މީހުން ބޮނޑި ހަދާ ގޮތެވެ. އެރަށު މީހުން ބުނާ ގޮތުގައި އެއީ އެމީހުންގެ އަމިއްލަ ރެސިޕީއެކެވެ.

"ބޮނޑި" ތައްޔާރު ކުރުމުގެ މަސައްކަތުގެ ތެރެއިން--
އަންހެންވެރިން ބޮނޑި ތައްޔާރު ކޮށް އެ ފޮރުވުމުން ފިރިހެން ވެރިން ގްރޫޕް ހަދައިފައި ނުކުންނަނީ ބޮނޑި ހޯދަންށެވެ. ބައެއް ފަހަރު ގޭގޭ ކޮޓަރިތަކުގައި ފޮރުވާފައި ހުއްޓާވެސް ބޮނޑި ހޯދައެވެ.
މި ކުޅިވަރަކީ މަކުނުދޫ މީހުން ފޯރިޔާއެކު ކުޅެމުން އަންނަ ކުޅިވަރެކެވެ. ވާދަވެރި ނަމަވެސް އެކުވެރި ރޫހެއްގައި ކުޅޭ މި ކުޅިވަރުގެ ސަބަބުން ދޭދޭ ފަރުދުންގެ ގުޅުން އިތުރަށް ރަނގަޅުވާ ކަމަށް އެ ރަށު މީހުން ބުނެއެވެ.