"އައްޑޫ ޢީދު ފެސްޓިވަލް"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

"އައްޑޫ ޢީދު ފެސްޓިވަލް"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ ދިރާގު

މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އައްޑު އަތޮޅު މީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "އައްޑޫ ޢީދު ފެސްޓިވަލް"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ޢީދު ފެސްޓިވަލްގައި ކުލަ މަޖާ، ފެން ކުޅި، ކުޑަކުދިންގެ ހަވީރު އަދި އީދު ޝޯ ފަދަ ތަފާތު ހަރަކާތްތައް ހިމެނޭނެއެވެ. މީގެ އިތުރުން ޢީދު ދުވަސް ފާހަގަކުރުމުގެ ގޮތުން ޢީދު ހަދިޔާއާއި އެކި އިނާމުތައް ދިނުމާއި ޢީދު ސައިވެސް އޮންނާނެއެވެ.

"އައްޑޫ ޢީދު ފެސްޓިވަލް"އަކީ އައްޑު އަތޮޅު މީދޫ ޒުވާނުން އިސްނަގައިގެން އިންތިޒާމް ކުރާ ހަރަކާތެކެވެ.

އެ ފެސްޓިވަލް އިންތިޒާމް ކުރައްވާ ފަރާތެއްކަމުގައިވާ މީދޫ ޑައިނެމިކް ކޮމިއުނިޓީގެ ޑިރެކްޓާ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަންސް، ހައްވާ މުޙައްމަދު ވިދާޅުވީ ޒުވާނުން އިސްނަގައިގެން ބާއްވާ މިފަދަ އިވެންޓްތަކަށް ދިރާގުން އަބަދުވެސްދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ. އަޟްހާ ޢީދުގެ އުފާ ފާޅުކުރުންތަކަކީ ސަގާފަތުގެ ވަރަށް މުހިންމު ބައެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އައްޑޫ ޢީދު ފެސްޓިވަލް ފަދަ ކުލަގަދަ ހަފްލާއެއް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ދިރާގުން ވެދެއްވާ އެހީތެރިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ،" ހައްވާ ވިދާޅުވިއެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޖައިޝަން ހަމީދު ވިދާޅުވީ އައްޑޫ ޢީދު ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އައްޑޫ ޢީދު ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މުޖުތަމައުގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދައްކުވައިދޭ ފަދަ ޒުވާނުންގެ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަކީ ދިރާގަށް އަބަދުވެސް ވަރަށް މުހިންމު ކަމެއް،" އޭނާ ވިދާޅުވިއެވެ.

މުޖުތަމައު ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ފުރުޞަތު ޒުވާނުންނަށް ހުޅުވިގެންދާނެ ތަފާތު މަޝްރޫއުތަކަށް ދިރާގުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް