އެހެން މީހަކަށް ދޭން އުޅުނު ހަމަލާއެއް އަމާޒުވީ ބޮބީއަށް: ފުލުހުން

މިދިޔަ ފެބްރުއަރީ މަހު ފިނޭންސް މިނިސްޓްރީ ކައިރިން ގުރޫޕަކުން ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެންމަރުވި ޒުވާނާ އަށް އެ ގުރޫޕުން ހަމަލަދީފައި ވަނީ އޮޅިގެން ކަމަށް، ފުލުހުން ބުނެފި އެވެ.

ފެބުރުއަރީ 19 ވަނަ ދުވަހުގެ ރޭ ދިން އެ ހަމަލާގައި މަރުވެފައި ވަނީ ގ. ވޭރު، އަބްދުލްމުހީތު (ބޮބީ)، 21 އެވެ.
އެ މައްސަލައިގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންސްޕެކްޓާ އޮފް ޕޮލިސް އަބުދުﷲ ޝަތީހް މިއަދު ވިދާޅުވީ އެރޭގެ ހަމަލާއަކީ މުހީތަށް އަމާޒުކޮށްގެން ދީފައިވާ ހަމަލައެއް ނޫން ކަމަށެވެ. އަދި މުހީތަށް ހަމަލަދިން މީހުން އެ ރޭ އިތުރު މީހަކަށް ހަމަލާދޭން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ޝަތީހް ވިދާޅުވި އެވެ.

"އަބުދުލް މުހީތަކީ މީގެ ކުރިން އެއްވެސް މައްސަލައެއްގައި ފުލުސް އޮފީހަށް ގެނެސްފައިވާ ކުއްޖެއް ނޫން. ހަމަ އެހެންމެ އޭނާއަކީ މާލޭތެރޭ ކުށްކުރާ އެއްވެސް ގޭންގަކަށް ނިސްބަތްވާ ކުއްޖެއް ނޫން. އަޚްލާގު ރަނގަޅު ޒިންމާދާރު ވަޒީފާއެއްގައި އުޅޭ ކުއްޖެއްކަން ފާހަގަ ވެފައި ވަނީ،" ޝަތީހު ވިދާޅުވި އެވެ.

މުހީތުގެ މަރުގެ މައްސަލަ އާ ގުޅިގެން މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާ އިރު، އެ މައްސަލާގައި ތުހުމަތު ކުރާ އިތުރު ތިން މީހަކު އަދިވެސް އަންނަނީ ހޯދަމުން ނެވެ. ނަމަވެސް ހައްޔަރުގައި މިވަގުތު ތިބި އެއްވެސް މީހެއްގެ މައުލޫމާތެއް ފުލުހުން އާންމެއް ނުކުރެ އެވެ. ފުލުހުން ބުނީ ހައްޔަރުކޮށްފައި ތިބި ހަ މީހުންގެ މައްޗަށް ވެސް އެކަށީގެންވާ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.

ޝަތީހް ވިދާޅުވީ މިހާރު ހައްޔަރުކޮށްފައި ތިބި ހަ މީހުންގެ ތެރޭ 18 އަހަރުން ދަށުގެ ދެ ކުއްޖަކު ހިމެނޭ ކަމަށާއި އެ އެންމެންނަކީ ވެސް މާރާމާރީ އާއި ކުށުގެ ރެކޯޑް އޮންނަ ބައެއް ކަމަށެވެ.

ފިނޭންސް މިނިސްޓްރީ ކުރިމަތީގައި، ކޮޅުބެދިފައި އޮތް ގޯޅިގަނޑުގެ ތެރޭގައި ދިން އެހަމަލާގައި މުހީތުގެ ހަށިގަނޑުގެ ނުވަ ތަނަކަށް ހަމަލަދީ ވަނީ ޒަޚަމްކޮށްލާފަ އެވެ.

މުހީތު މަރުވެފައި ވަނީ އެ އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ފަތިހު 4:40 ހާއިރު އެވެ.
މުހީތަށް ހަމަލާދިން ރޭ މާލޭ ހިޔާ ސަރަހައްދުންސައިކަލެއްގައި ދިޔަ ބަޔަކު ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަޚަމްކޮށްލާފަ އެވެ. އަދި ހަމަ އެރޭ ވަނީ މާލޭ ދަނާލުކައިރިން 43 އަހަރުގެ ފިރިހެނަކަށް ހަމަލާދީ އުމުރުން 17 އަހަރުގެ ކުއްޖަކަށް ވެސް ހަމަލާދިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު