މުވާސަލާތީ ހިދުމަތްތަކުން ޖީއެސްޓީނެގުމަށް ތާއިދު: ސަރުކާރު

މުވާސަލާތީ ހިދުމަތްތަކުން ޖީއެސްޓީ ނެގުމަށް ކުރީގެ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް މި ސަރުކާރުން ތާއިދު ކުރާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ކުރީގެ ސަރުކާރުން މަޖިލީހަށް ވައްދާފައިވާ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ މުވާސަލާތީ ހިދުމަތްތަކުގެ އަގުން ޖީއެސްޓީ ނެގުމަށް ސަރުކާރުން ތާއިދު ކުރާތީވެ، އެ ބިލް ފާސްވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

މުވާސަލާތީ ހިދުމަތްތަކުން ޖީއެސްޓީ ނެގުމުގެ އިސްލާހު ފާސްވެއްޖެ ނަމަ މޯބައިލް ފޯނުތަކުގެ ހިދުމަތްތަކުންނާއި ކޭބަލް ޓީވީގެ ހިދުމަތުގެ އިތުރުން އިންޓަނެޓްގެ ހިދުމަތް ހޯދާ ފަރާތްތަކުން ވެސް ޖީއެސްޓީ ނަގާނެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިގްތިސާދީ ޕެކޭޖުގެ ދަށުން މަޖިލީހުން ފާސްކުރި ޖީއެސްޓީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ތެރެއިން ބައެއް ކަންތައްތަކަކަށް މިސަރުކާރުން ތާއިދު ނުކުރާ ކަމަށް އައްބާސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އޭގެ ތެރޭގައި، ފެން ބިލްތަކުން ވެސް ޖީއެސްޓީ ނެގުމަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ތާއިދު ނުކުރާ ކަމަށެވެ.

"މުވާސަލާތީ ހިދުމަތްތަކުން އެކަނި ޖީއެސްޓީ ނެގުމަށް ހުށަހަޅާފައިވާ އިސްލާހަށް ތާއިދު ކުރަން. މުވާސަލާތީ ހިދުމަތްތަކޭ މި ދަންނަވަނީ ފޯނުގެ ހިދުމަތްތަކާއި ކޭބަލް ޓީވީގެ ހިދުމަތަކުގެ އިތުރުން މުވާސަލާތާ ގުޅޭ އެހެނިހެން ހިދުމަތްތައް. އެ ބިލް މަޖިލީހުން ފާސްވުމަށް ސަރުކާރުން މަސައްކަތް ކުރާނެ،" އައްބާސް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވެސް ޖީއެސްޓީގެ ގާނޫނަށް ގެންނަށް އިސްލާހު ގެންނަން ހުށަހަޅުއްވާފައިވެ އެވެ. އެ އިސްލާހުތެރޭގައި ހިމެނެނީ ފެރީއާއި ބަހުގައި ނުވަތަ ޓެކްސީގައި ދަތުރު ކުރާ މީހުންނާއި ލުއި ދާގީނާ ގެންގޮސްދިނުމުގެ ހިދުމަތުން ޖީއެސްޓީ ނަގައިގެން ނުވާނެ ކަމަށެވެ. އަދި ރާއްޖެ އިން ބޭރަށް މުދާ ގެންގޮސް ގެނައުމުގެ ހިދުމަތުން ޖީއެސްޓީ ނަގައިގެން ނުވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން އެ އިސްލާހުތަކަށް ތާއިދު ކުރާ ކަމެއް ނުބުނެ އެވެ.

އައްބާސް ވިދާޅުވީ ޓެކްސް ނެގުމާ ބެހޭ އިދާރީ ބިލަށް ކުރީގެ ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހަށް ވެސް މިހާރުގެ ސަރުކާރުން ތާއިދު ކުރާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުން މަޖިލީހަށް ވައްދާފައިވާ ބައެއް ބިލްތަކަށް މި ސަރުކާރުން ތާއިދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކުގެ ތެރެއިން މިހާރުގެ ސަރުކާރުން ތާއިދު ކުރާ ބިލްތައް މަޖިލީހުގައި ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދަށް ދަނީ އިސްލާހުތަކެއް ގެންނަމުންނެވެ. އަދި އެ އިސްލާހުތަކުގެ ތެރޭގައި ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު މަޖިލީހުގައި ނެތަސް ސަރުކާރުގެ ބިލް މަޖިލީހަށް ވެއްދޭނެ އިސްލާހުތަކެއް ވެސް ގެންނެވުމަށް އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ.

މުވާސަލާތީ ހިދުމަތްތަކުން ޖީއެސްޓީ ނެގުމަށް ކުރީގެ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބައެއް ބިލްތަކަށް ސަރުކާރުން ތާއިދު ކުރާކަމަށް ބުނެފައިވާ އިރު، މިސަރުކާރާ ބައިއަތު ހިފާފައިވާ ޕާޓީތަކުގެ ލީޑަރުން ވިދާޅުވަމުން ގެންދެވީ ޖީއެސްޓީ ނެގުމަށް ރާއްޖެ ތައްޔާރު ނޫން ކަމަށެވެ. އަދި އެހެން ވިދާޅުވި ބައެއް ބޭފުޅުން މިހާރުގެ ސަރުކާރުގެ އިގްތިސާދާ ގުޅުން ހުރި ދާއިރާތަކުގެ ވަޒީރުކަން ވެސް ކުރައްވަމުން އެބަގެންދަވަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު