އަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 145 މިލިއަން ރުފިޔާ

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމުނު އިރު، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ޖުމްލަ 145 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ޓެކްސް ފިޔަވާ އިތުރު އާމްދަނީގެ ގޮތުގައި ދައުލަތަށް 3.5 ބިލިއަން ރުފިޔާ ލިބުނުއިރު، އޭގެތެރެއިން 145 މިލިއަން ރުފިޔާއަކީ ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާއެވެ.

ހިނގަމުން ދާ އަހަރު ޖޫރިމަނާގެ ގޮތުގައި ދަައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 62 މިލިއަން ރުފިޔާއެވެ. އަދި، މިދިޔަ އަހަރުގެ މި މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި ލިބުނީ 122 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، އަހަރުގެ މިހާތަނަށް ރިސޯޓު ކުލީގެ ގޮތުގައި އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. މުޅި އަހަރު ދައުލަތަށް ކުލީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ.

އެކިއެކި ފީ ތަކުން މިހާތަނަށް 969 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި، ސަރުކާރުގެ ކުންފުނިތަކުގެ ޑިވިޑެންޓާއި، ފައިދާ އަދި އިންޓަރެސްޓުން މިހާތަނަށް ލިބުނީ 345 މިލިއަން ރުފިޔާއެވެ. އެގޮތުން މުޅި އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 1.03 ބިލިއަން ރުފިޔާއެވެ.

ދާދި ފަހުން ސަރުކާރުން ވަނީ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓެކްސް ބޮޑުކުރުމަށް ނިންމާ، އިއުލާނުކޮށްފައެވެ. މީގެ އިތުރުން، ހަރަދު ކުޑަކުރުމަށް އަޅާނެ ބައެއް ފިޔަވަޅުތައް ވެސް ސަރުކާރުން ކަނޑައަޅާފައިވެއެވެ.

comment ކޮމެންޓް