11 އަހަރު ފަހުން ހިންނަވަރު ހިއްކި ބިމުގައި ހައުސިން ޔުނިޓް އަޅަނީ

ޅ.ހިންނަވަރުގައި ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ/ ހައުސިން މިނިސްޓްރި

އަހަރުތަކެއް ފަހުން ޅ. ހިންނަވަރުގެ ހިއްކި ބިމުގައި 100 ހައުސިން ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ މި މަޝްރޫއު ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެއެވެ. މިއީ 83.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއާ ގުޅޭގޮތުން އެރަށު ކައުންސިލް މެމްބަރު އަޙްމަދު ޢަބްދުﷲ "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ 2011 ވަނަ އަހަރު ހިއްކި 28 ހެކްޓަރުގެ އެބިން މީގެ ކުރިން ބޭނުން ކުރީ ބޯޓު ޔާޑެއްގެ މަސައްކަތްކުރުމަށާއި މަސްކެއްކުމުގެ މަސައްކަތަށްކަމަށެވެ.

އޭނާ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައިގެ ސަބަބުން އެ ރަށުގެ އާބާދީގެ ބޮޑު ބައެއް އެހެން ރަށްރަށުގައި ވަޒަންވެރިވެފައިވާކަމަށެވެ.

"މިތަނުގަ އުޅޭނެ ތަން ނެތިގެން ގޯތިގެދޮރުގެ ދަތިކަމާހެދި ވަރަށް ގިނަ ބަޔަކު ރަށުން ބޭރުގަ އުޅެނީ،" އަޙްމަދު ޢަބްދުﷲ ވިދާޅުވިއެވެ.

އެހެންކަމުން، ހައުސިން ޔުނިޓުގެ ސަބަބުން ގޯތިގެދޮރުގެ ދަތިކަމާހެދި ރަށް ދޫކޮށްދިޔަ މީހުން އަލުން ރަށުގައި އާބާދުވާނެކަމަށް އުންމީދުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

"ފާހަގަކޮށްލެވޭ ކަމަކީ މިހާދުވަސް ވީއިރުވެސް ރަށުގެ ލޭންޑްޔޫސް ޕްލޭން އަދިވެސް އޮތީ ފާސްނުކުރެވިކަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ލޭންޑްޔޫސް ޕްލޭން ވެސް ނިމޭނެކަމަށް އުންމީދުކުރާކަމަށެވެ.

"ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ވެސް އަވަސް ކުރަން އެބަ ޖެހޭ. އެ މަސައްކަތް ނުނިމެނީހެއް ހައުސިން ޔުނިޓުގެ މަސައްކަތެއް ވެސް ނުފެށޭނެ،" އޭނާ ވީދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ފާސްނުވެ އޮތުމުގެ ސަބަބުން މިހާރު ވެސް ރަށުގެ ގިނަ ބަޔަކަށް ގޯތިދިނުން މަޑުޖެހިފައިވާކަމަށެވެ.

"މިހާރު ވެސް ގޯއްޗަށް އެދި ފޯމުލާފަ އެބައޮތް ބާރަސަތޭކަ ވަރަކަށް މީހުން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް