އެމްޑީޕީން ވަކިކުރި ކައުންސިލަރު ޕީޕީއެމްގެ ޓިކެޓްގައި މާފަރު ގޮނޑިއަށް ވާދަކުރަނީ

އެމްޑީޕީގެ ޓިކެޓްގައި ނުކުމެ މާފަރު ކައުންސިލްގެ ގޮނޑި ކާމިޔާބުކުރި ކައުންސިލަރު އަންވަރު އަބްދުލްޣަނީ އެ ޕާޓީން ވަކިކުރުމުން ޕީޕީއެމްގެ ޓިކެޓްގައި މާފަރު ކައުންސިލްގެ ގޮނޑިއަށް ވާދަކުރަން ނިންމައިފި އެވެ.

ޕީޕީއެމްގެ ޓިކެޓްގައި މާފަރު ކައުންސިލަށް ވާދަކުރުމަށް އަންވަރަށް ފުރުސަތު ދިނީ އިއްޔެ އޭނާ އެ ޕާޓީ އަށް ސޮއިކުރެއްވުމުންނެވެ. ރައީސް މައުމޫން ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި އަންވަރު ޕީޕީއެމަށް ސޮއިކުރެއްވުމުން މައުމޫން ވަނީ އޭނާ އަށް މަރުހަބާ ވިދާޅުވެފަ އެވެ.
~
މަޝްހޫރު ފުޓްބޯޅަ އާއިލާއަކަށް ނިސްބަތްވާ އައްސަދު އަބްދުލް ޣަނީގެ ކޮއްކޮ އަދި އަކުރަމް އަބްދުލް ޣަނީގެ ބޭބެ، އަންވަރު ސަން އަށް ދެއްވި އިއްޓަވިއުއެއްގައި މިއަދު ވިދާޅުވީ ޕީޕީއެމްގެ ޓިކެޓްގައި ނުކުންނަވައި މާފަރު ކައުންސިލްގެ ގޮނޑި ޔާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް، ކައުންސިލްގެ ރައީސްކަން ކުރެއްވި އިރު މަސައްކަތް ކުރެއްވީ އެމްޑީޕީގެ އެކްޓިވިސްޓުންގެ ނުފޫޒާއި ބާރުގެ ދަށުގައި ނޫން ކަމަށެވެ. ނަމަވެސް އެ ޕާޓީން އޭނާ ވަކިކުރީ ޕާޓީގެ އެކްޓިވިސްޓުން ބުނާ ގޮތް ނުހެދުމުން ކަމަށާއި ނަމަވެސް އޭނާ އެ ގޮނޑިއަށް ދެންހޮވުނަސް މަސައްކަތް ކުރައްވާނީ ޕާޓީގެ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށް އަންވަރު ވިދާޅުވި އެވެ. އަދި ޕީޕީއެމުން އެކްޓިވިސްޓުން މެދުވެރިކޮށް ތަފާތު ނުފޫޒެއް ނުފޫޒެއް ނޮފޯރުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަންވަރު ވިދާޅުވި އެވެ.

"އެމްޑީޕީން އަޅުގަނޑު ދުރަށްލީ އެކްޓިވިސްޓުން ބުނާ ގޮތް ނަހަދައިގެންނޭ ބުނެ. މިއަދު މިކުރިމަތި މިލަނީ އެއްވެސް ވަރަކަށް ޕާޓީގެ އެކްޓިވިސްޓުންގެ ނުފޫޒެއް ނެތް ކަން ޔަގީންވެ އޮވެ ޕީޕީއެމްގެ ޓިކެޓްގައި މާފަރުގެ ހަމަ އެ ގޮނޑިއަށް. ޔަގީން އަޅުގަނޑު އެ ގޮނޑި ނަގާނަން،" އެމްޑީޕީ ވަކިކުރާނެ ކަމުގެ އިންޒާރުދެމުންދިޔައިރު ވެސް އެ ޕާޓީއަށް ބަހުގެ ހަމަލާތަކެއް ދެމުންދިޔަ އަންވަރު މިއަދު ވިދާޅުވި އެވެ.

އެމްޑީޕީން ވެސް ވަނީ މާފަރު ގޮނޑިއަށް ނުކުންނާނެ ކެނޑިޑޭޓެއް ޕްރައިމަރީއަކުން އިއްޔެ ހޮވައިފަ އެވެ. އެމްޑީޕީގެ ޓިކެޓް ދީފައި ވަނީ މާފަރު ހީނާމާގޭ، މުހައްމަދު އަބްދުލް ޣަނީ އަށެވެ.

މާފަރު ގޮނޑީގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ. އަދި ބައި އިލެކްޝަންގައި ބައިވެރިވުމަށް އެދި ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާދަމާގެ ނިޔަލަށެވެ.

މިމަހުގެ 17 ވަނަ ދުވަހު ބޭއްވި މާފަށު ކައުންސިލުން ގޮނޑިއެއްގެ ބައި އިލެކްޝަންގައި އެމްޑީޕީން ވަނީ އެ ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެ ގޮނޑި އެމްޑީޕީ ކާމިޔާބު ކުރީ ހަތަރު ވޯޓުގެ ތަފާތުންނެވެ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު