އުދައިގެ ސަބަބުން 60އަށް ވުރެ ގިނަ އާއިލާ އެހެންތަނަކަށް ބަދަލުކުރަން ޖެހުނު

ރާއްޖޭގެ ރަށްތަކަށް އުދަ އަރާ ލިބެމުންދާ ގެއްލުންތަކުގެ ތެރެއިން --- ފޮޓޯ/ ކިޔުންތެރީން

އިއްޔެ ރާއްޖޭގެ އެކި ރަށްރަށަށް އުދައަރާ، ލިބުނު ގެއްލުންތަކުގެ ސަބަބުން 60އަށް ވުރެ ގިނަ އާއިލާ، ދިރިއުޅޭ ތަންނޫން އެހެން ތަނަކަށް ވަގުތީގޮތުން ބަދަލުވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތުން އެނގޭގޮތުގައި ރޭ ދަންވަރު، އަދި މިއަދު ހެނދުނު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައިގެ އަސަރު ވަނީ ކޮށްފައެވެ.

އެގޮތުން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ދެކުނުގެ ރަށްތަކަށް ކަމަށް އެ އިދާރާއިން ބުނެއެވެ.

އެންޑީއެމްއޭ އާއި، ކައުންސިލްތަކުން ލިބުނު މައުލޫމާތަށް ބަލާއިރު، މިހާތަނަށް ޖުމްލަ 69 އާއިލާއެއް ވަގުތީގޮތުން، ރައްކާތެރި ހިސާބުތަކަކަށް ވަނީ ބަދަލުކުރެވިފައެވެ. އަދި 350އަށް ވުރެ ގިނަ ގެޔަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

ރާއްޖޭގެ ރަށްތަކަށް އުދަ އަރާ ލިބެމުންދާ ގެއްލުންތަކުގެ ތެރެއިން --- ފޮޓޯ/ ކިޔުންތެރީން

އުދައިގެ އަސަރު އެންމެ ބޮޑަށް ކުރި ރަށްތަކުގެ ތެރޭގައި ގދ. އަތޮޅުގެ ރަށްތައް ހިމެނެއެވެ. އެގޮތުން، އެ އަތޮޅު މަޑަވެލީގެ 98 އިންސައްތަ ގޭބީސީއަށް އެކި ވަރުގެ ގެއްލުން ލިބުނު ކަމަށް އެ ރަށުގެ ކައުންސިލުން ބުނެއެވެ. ޖެހިގެން އޮތް ހޯޑެއްދޫގެ ކައުންސިލުން ބުނީ 58 އިންސައްތަ ގެޔަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން، އެ އަތޮޅު ރަތަފަންދޫގެ 90އެއްހާ ގެއަށް އުދައިގައި ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. މުޅި އެ އަތޮޅުން 30 އާއިލާއެއް ވަނީ ރައްކާތެރި ހިޔާތަކަށް ބަދަލުކުރެވިފައެވެ.

ތ. އަތޮޅުގެ ރަށްތަކަށް ވެސް އުދައިގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަނީ ލިބިފައިވެއެވެ. އެންޑީއެމްއޭގެ ހިސާބުތައް ދައްކާގޮތުން އެ އަތޮޅުގެ ތިމަރަފުށިން އެކަނި ވެސް 30 އާއިލާއެއް ވަނީ ރައްކާތެރި ހިސާބުތަކަކަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން، އެ އަތޮޅު ކިނބިދޫގެ 90 އިންސައްތަ ގެއަށް އުދައިގެ އަސަރު ކުރިއިރު، މަޑިފުށީގެ 60 ގެއަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ރާއްޖޭގެ ރަށްތަކަށް އުދަ އަރާ ލިބެމުންދާ ގެއްލުންތަކުގެ ތެރެއިން --- ފޮޓޯ/ ކިޔުންތެރީން

މީގެ އިތުރުން ވެސް މެދުރާއްޖެތެރެއާއި، ދެކުނުގެ އެކި ރަށްތަކަށް އުދައިގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އުތުރުގެ ރަށްތަކަށް ވެސް އުދައިގެ އަސަރު ކުރި ނަމަވެސް މިހާތަނަށް ބޮޑު ގެއްލުމެއް އަދި ލިބިފައެވެ.

ފާހަގަކޮށްލެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު ބައެއް ރަށްތައް:

  • އދ. ފެންފުށްޓަށް އުދައިގައި ބޮޑެތި ގެއްލުންތަކެއް ލިބުނު. އިއްޔެ ހިނގި ހާދިސާއެއްގައި އެކަކު މަރުވެ، ދެވަނަ މީހަކަށް އަންނަނީ ފަރުވާދެމުން
  • އދ. ދިއްދުއަށް އުދައަރައި، 10 ގެއަކަށް ލޮނު ވަދެފައިވޭ، ހަތަރު އާއިލާއެއް އެހެން ތަނަކަށް ބަދަލުކުރަން ޖެހުނު.
  • ލ. މާވަށުން 50 ގެއަކަށް ބޮޑު ގެއްލުމެއް ލިބިފައިވާއިރު، ދެ އާއިލާއެއް ވަނީ އެހެން ތަނަކަށް ބަދަލުކޮށްފައި، ރަށުގެ ހުޅަނގު ފަރާތުގައި ހުރި ގެތަކަށް ވަރަށް ބޮޑަށް އަސަރުކުރި
  • އައްޑު އަތޮޅުން އުދައިގެ އަސަރު އެންމެ ބޮޑަށް ކުރީ މަރަދޫ، މަރަދޫ ފޭދޫ ސަރަހައްދަށް. ވިއްސަކަށް އާއިލާ އެހެން ތަނަކަށް ބަދަލުކުރަން ޖެހުނު. ޖުމްލަކޮށް އެ ސަރަހައްދަށް ބޮޑު ގެއްލުމެއް ލިބުނު

އުދައިގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ރަށްތަކުގެ ތެރޭގައި ދަނޑުވެރި ގިނަ ރަށްތަކެއް ހިމެނޭއިރު، އެ ރަށްތަކުގެ ދަނޑުތައް ވަނީ މުޅީންހެން ހަލާކުވެފައެވެ.

މެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ. މިއަދު ރާޅުގެ އުސްމިން ހުރީ 5ފޫޓާއި 8ފޫޓާ ދެމެދުގައި ކަމަށާއި، މެދުރާއްޖެތެރެއަށް ވައިޖެހެމުން އަންނަނީ އެވްރެޖްކޮށް 20 މޭލު ބާރުމިނުގައި ކަމަށް އެ އޮފީހުން ބުނެއެވެ.

comment ކޮމެންޓް