ސަރުކާރުން އެދެވޭ މިންވަރަށް އައްޑޫ ހޮސްޕިޓަލަށް އަޅާނުލާ: ރައީސް ނަޝީދު

އައްޑޫގައި ކޮންވެންޝަންސެންޓަރުގައި ހަދާ އިކުއަޓޯރިއަލް ހޮސްޕިޓަލް: މިއީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް -- ސަން ފޮޓޯ

ސަރުކާރުން އެދެވޭ މިންވަރަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް އަޅާނުލާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ އޮތް "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން އެދެވޭ މިންވަރަށް އެ ހޮސްޕިޓަލަށް އަޅާނުލާކަމަށް އިއުތިރާފުވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑޫ އިކުއަޓޯއިއަލް ހޮސްޕިޓަލް ހިންގުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށެވެ.

"ސަރުކާރަށް އަޅާލެވެން ޖެހޭ މިންވަރަށް ނުވަތަ އަޅާލަން އެދޭ މިންވަރަށް އަޅާނުލެވޭ ކަމަށް އަޅުގަނޑު ވެސް އިއުތިރާފު ވާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ ހޮސްޕިޓަލުގައި ފެންވަރު ރަނގަޅު ޑޮކްޓަރުން ނުތިބޭކަމުގެ ޝަކުވާ މިހާރު އާންމުންގެ ގިނަބަޔަކު ދަނީ ކުރަމުންނެވެ.

އެގޮތުން މިއަހަރު ކުރީކޮޅު އައްޑޫ ހޮސްޕިޓަލުން އަންހެނަކު ސިޒޭރިއަންހެދުމުގައި ވެސް ފަރުވާކުޑަކޮށްފައި ވާ ކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ.

މީގެއިތުރުން ރައީސް ނަޝީދު ރޭ ވިދާޅުވީ އައްޑޫގެ ތަރައްގީއަށް ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދޭކަމަށެވެ. އެގޮތުން ބިން ހިއްކުމުގެ މަޝްރޫއަކީ ވެސް މުހިންމު މަޝްރޫއެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެކަންކަމާ ގުޅޭގޮތުން ރައްޔިތުން މަޖިލީހުގެ ކޮމިޓީތަކުގައި އެކި ބާވަތުގެ މަޝްވަރާ ކުރިއަށް ދާނެ އަދި އަޅުގަނޑު ދެކޭގޮތުގައި ކުރިއަށް ގެންދިއުމަކީ ބޭނުންތެރި ވެސް ކަމެއް،" އެމަނިކުފާން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދަ މަޝްރޫއެއް ކުރިއަށްގެންދެވޭނީ އެކަމުން ތިމާވެއްޓަށް ލިބިދާނެ ގެންލުންތައް ދެނެގަނެވިގެން ކަމަށެވެ.

"އަދި އެ ގެއްލުންތައް އެންމެ ކުޑަ ކުރެވޭނެ ގޮތެއް ހޯދުން ވެސް އެއީ ބޭނުންތެރި ކަމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ މަޝްރޫއު ކުރިއަށް ނުގެންގޮސް މިހާރުން މިހާރަށް ހުއްޓާލުމަށް މީގެކުރިން ތިމާވެއްޓާބެހޭ ހަ ޖަމްއިއްޔާއަކުން ވަނީ ގޮވާލާފައެވެ.

ހަ ޖަމިއްޔާއަކުން ގުޅިގެން މީގެކުރިން ނެރުނު ބަޔާނެއްގައި ވަނީ އެ ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފިނަމަ އައްޑޫއަށް އަގު ނުކުރެވޭނެ އެތައް ގެއްލުމެއް ލިބޭނެކަމަށެވެ.

އެގޮތުން ބިން ހިއްކުމަށް ވެލިނެގުމުން އެ ސަރަހައްދު ކިލަނބުވެ އެ ސަރަހައްދުގެ ދިރުންތައް ނެތިގެން ދާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އައްޑޫކައިރީ ހިމާޔަތްކޮށް ބައޮސްފިޔާ ރިޒާވްގެ ލަގަބު ދީފައިވާ ސަރަހައްދަށް ވެސް މި މަޝްރޫއިން ނޭދެވޭ އަސަރު ފޯރާނެކަމަށް އެ ބަޔާނުގައިވެއެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ވާނެ ކަމަށް އީޕީއޭ ރިޕޯޓުން ދެއްކިނަމަވެސް، އައްޑޫގެ ތަރައްގީއަށް ހުރަސް ނާޅާނެ ކަމަށް އެންވަޔަރުމަންޓް މިނިސްޓަރު އަމިނަތު ޝައުނާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް