ހިންދޫ ދީނުގެ އަޅުކަމާ ގުޅިފައިވާ ޔޯގާއަކީ މުސްލިމުންނަށް ހުއްދަ ކަސްރަތެއް ނޫން ކަމަށް ބަޔާންކޮށް އެ ހަރަކާތް ހުއްޓުވަން އިސްލާމިކް މިނިސްޓްރީން ވެސް އަދި ދައުލަތުގެ އެހެން އިދާރާއަކުން ވެސް ކުރިން އަންގާފައި ނުވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
ޔޯގާ ހަރަކާތް ގަލޮޅު ދަނޑުގައި ބޭއްވީ މި މަހުގެ 21 ވަނަ ދުވަހުއެވެ.
އޭގެކުރިން މި މަހުގެ 15 ވަނަ ދުވަހު އެ ހަރަކާތް ހުއްޓުވައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ހިޝާމް އަޙްމަދު ސޮއިކުރައްވައި ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީ ޖަމްއިއްޔަތުއް ސަލަތުގެ ޗީފް މާކެޓިން އޮފިސަރު ޢަލީ ރަމީޒާއި އައްޝައިޚް ޒަމްޒަމް ފާރިޝް ވަނީ ސޯޝަލް މީޑިއާގައި އާންމުކުރައްވާފައެވެ.
ނަމަވެސް ޔޫތު މިނިސްޓްރީން މިއަދު ބުނީ އިންޓަނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަ ނުކުރުމަށް އިސްލާމިކް އެފެއާޒުން ވެސް އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން ވެސް އެ މިނިސްޓްރީއަށް އަންގާފައި ނުވާ ކަމަށެވެ. މީގެ އިތުރުން ކަނޑައެޅިގެން އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަންކަމާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ އޭގެ ދަށުން ހަދާފައިވާ ޤާނޫނުތަކާ ޚިލާފުވާނެ އެއްވެސް ކަމެއް އެ މިނިސްޓްރީގެ ފަރާތުން ނުހިންގާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ބައެއް މައްސަލަތަކަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ ކަންތައްތަކެއްކަމުން، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މިފަދަ މައްސަލަތަކާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުން ސާފުކޮށް ރަޣުޔު ކަނޑައެޅުމަކީ މުހިއްމުކަމެއްކަމުގައި ދެކޭ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުންޏެވެ.
ޔޫތު މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރު ވެސް އިންޓްނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަ ކޮށްފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނާއި އެ މިނިސްޓްރީ ގުޅިގެން ކަމަށެވެ.
މީގެ އިތުރުން އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 2014 ވަނަ އަހަރުން ފަށައިގެން ކޮންމެ އަހަރަކު ވެސް އެ ދުވަސް އަންނަ ޢުސޫލުގެ ދަށުން ކަމަށް ބުންޏެވެ.
އެ އަހަރުން ފަށައިގެން ޔޫތު މިނިސްޓްރީން އެކަމުގައި ބައިވެރިވަމުން އަންނަނީ ޔޯގާއަކީ ކުޅިވަރާއި ކަސްރަތުގެ ތެރޭގައި ހިމަނާފައިވާ ކަމަކަށް ވާތީ، އެހެން ހުރިހާ ޤައުމުތަކުގެ ވެސް ކުޅިވަރާބެހޭ މިނިސްޓްރީން ބައިވެރިވާ އުސޫލުން ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.