"ކީއްވެތަ އަސްލު މިޝްޔާ ޑްރަގްގެ ތެރެއަށް ވަންނަން ދިމާވީ؟" ނާޒިލް އޭނާގެ ހިތަށް އަރަމުން ދިޔަ ސުވާލު މާކިންއާ ކޮށްލިއެވެ.

ނާޒިލްގެ އެ ސުވާލާއެކު، މާކިންއަށް ވިސްނައިލެވުނެވެ. މާކިން ހިމޭނުން އިންނަން ފެށުމުން ނާޒިލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ބައެއްފަހަރު ދިމާވާކަމަކުން ނުވަތަ ކަމަކާ ކުރިމަތިލާން ނޭނގުނީމަވެސް ބައެއް މީހުން ގޯސް މަގު ޚިޔާރުކުރޭ. މާކް ގެ ވާހަކަތަކުން އަހަންނަށް ދޭހަވީ ކަމަކީ މިޝްޔާ އަކީ ކުރީގައި ވަރަށް ރަނގަޅަށް އުޅެމުން އައި ކުއްޖެއްކަން. ގޯސް އެކުވެރިން ނުގެންގުޅޭކަން. އެހެންވެއްޖެ ކަމުގައި ވާނަމަ އަހަރެންގެ ހިތް ބުނަނީ ކޮންމެވެސް ސަބަބެއް ތިކަމުގެ އަޑީގައި ވާނެޔޭ... " ނާޒިލް ބުނެލިއެވެ.

މާކިންއަށް ވިސްނައިލެވުނެވެ. ސިކުނޑީގެ ކަނަކުން ކޮންމެވެސް ކަހަލަ އިންޒާރުގެ މެސެޖެއް އޭނާއަށް ދޭކަހަލައެވެ. ކިތަންމެ ގިނަ އެއްޗެއް އޭނާގެ ހިތަށް އަރާ ފައިބަމުން ދިޔަނަމަވެސް. އެއިން އެއްވެސް ވާހަކައެއް ދުލުން ބޭރުކުރާނެހާ ކުޅަދާނަކަމެއް މާކިންއަކަށް ނުލިބުނެވެ. އޭނާ މަޑުން އިން ނަމަަވެސް. ސިކުނޑީގައި ވަރުގަދަ ތޫފާނެއް އުތުރި އަރަމުން ދިޔައެވެ. ނިތުގައި އަތް ޖައްސައިލި މާކިންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހިތަށް އަރަމުން ދިޔަ ވާހަކަ ނާޒިލް ކައިރީގައި ބުނާކަށް މާކިންއަކަށް ހިތްވަރެއް ނުލިބުނެވެ.

"ޑްރަގްސްއަށް އެޑިކްޑް ވީމަ އަސްލު ވަރަށް އުނދަގޫވާނެ އެކަމުން ސަލާމަތް ވާން. ނުވާނެޔެކޭ ނޫން. އެކަމަކު ފެމިލީގެ ސަޕޯޓްވެސް ވަރަށް މުހިންމު. އެނގެން ޖެހޭ ބައިވަރުކަންތައްތައް ހުންނާނެ. ޑްރަގް ބޭނުންކުރާ މީހުންގެ ސިކުނޑި މަސައްކަތް ކުރާނީ އާއްމު މީހެއްގެ ސިކުނޑި މަސައްކަތް ކުރާ ގޮތާ ތަފާތުކޮށް. އެ މީހުންނަށް ހަމަ އެކަނި ހިތްހަމަ ޖެހުން ލިބޭނެކަމަކީ އެއީ ކަމަށް ވާނީ... ދުރުވާން ބޭނުންވިޔަސް ގިނަ ފަހަރު އުނދަގޫވަނީ އެހެންވެ. މަސްތުވާތަކެއްޗަށް ކްރޭވިންގްސް އަންނައިރު އެ ކޮންޓްރޯލްކުރަން އުނދަގޫވާނެ. ކިތަންމެ ރަނގަޅު މީހަކަށްވެސް އެހެން ދިމާވެދާނެ. އެއީ ކޮންމެހެން އެމީހަކު މާ ގޯސްވެގެން ވާކަމެއް ނޫން..." ނާޒިލް ވާހަކަ ދެއްކިއެވެ. މާކިން ނާޒިލްގެ ވާހަކަތަކާ މެދު ވިސްނިއެވެ.

"އަސްލު ގިނަ ފަހަރަށް ވާގޮތަކީ އެމީހުންގެ ސިކުނޑި މަސައްކަތް ކުރާގޮތެއް ނޭނގޭ ގިނަ ފަހަރު އާއިލާތަކުގެ މީހުންނަކަށް ވެސް. އެހެންވެގެން އެމީހުނާ ވާހަކަ ދައްކާނެ ގޮތެއްވެސް ގިނަ ފަހަރަކު ނޭނގޭނެ. އަސްލު ފަރުވާ އާ އެކީ އާއިލާގެ ސަޕޯޓްވެސް މުހިންމު." ނާޒިލް ބުނެލިއެވެ.

އެފަދަ ވާހަކަތަކެއްގައި އެތައް އިރަކު ދެމީހުން ތިއްބެވެ.

"ކޮބާ އަދިވެސް ނައިރާ ކައިރީ ބުނާކަށް ނުވޭ؟" ދާންވެގެން ކެފޭއިން ނުކުތުމަށްފަހު، ނާޒިލް މާކިންއަށް ބަލައިލަމުން ބުނެލިއެވެ.

"އާ. އަދި ވަގުތެއް ނުޖެހެއެއްނު. " މާކިން ބުނެލިއެވެ.

"ތިހެން ހުއްޓާ ތެޔޮ ނާށި ކާޅު ޖަހައިގަންނާނީ އޭ މަބުނެފިން ދޯ. ތި ވަގުތެއް ނައެއްނު. އަޅެ ހިތްވަރުކޮށްފަ ކަލޭ ވެއްޖެ ދޯ އެކަމާ އުޅެން." ނާޒިލް މާކިންއަށް ބަލައިލިއެވެ.

އޭ އާނ. ދެން ތި ވާހަކަ ދައްކާނީ ފަހުން." މާކިން ބުނެލިއެވެ.

"ކަލެއަށް ނުކެރެންޏާ މަ ބުނެފާނަމޭ..." ނާޒިލް ބުނެލިއެވެ.

"އުހުން. ކޮންމެހެން ކަލޭ އެކަމާ އުޅޭނެކަމެއް ނެތް."

"ނިކަން ފރިހެނަކަށް ވެބަލަ!" ނާޒިލް އަނެއްކާވެސް ބުނެލިއެވެ.

*****

ނާޒިލްއާ ދިމާކުރުމަށްފަހު، ގެއަށް އައިސް މާކިން މައްޗަށް ގޮސް ފުރަތަމަވެސް ދިޔައީ މިޝްޔާ ކޮބައިތޯ ބެލުމަށެވެ. ކޮޓަރީގެ ދޮރުގައި ދެފަހަރަކު ޓަކި ޖަހައިލުމަށްފަހު އޭނާ ދޮރުފަތް ހުޅުވައިލިއެވެ. އެނދުގައި މިޝްޔާއެއް ނެތެވެ. ހުޅުވާފައިވާ ބެލްކަނީ ދޮރަށް ބަލައިލުމާއެކު އޭނާ އެ ދިމާލަށް މިސްރާބުޖެހިއެވެ.

"މިޝޫ..." ރެއިލިން ކައިރީގައި އޭނާއަށް ފުރަގަސްދީގެން ހުރި މިޝްޔާ ފެނުމާއެކު މާކިން މިޝްޔާއަށް ގޮވައިލުމާއެކު ކުޑަކޮށް ސިހިފައި މިޝްޔާ އެނބުރިލިއެވެ. އެއާއެކު މާކިންގެ ލޮލުގައި އަޅައިގަތީ މިޝްޔާގެ އެއް އަތުން ހިފައްޓާލާފައިވާ ސިނގިރޭޓެވެ. މާކިންގެ ނަޒަރު އޭނާގެ އަތުގައި އޮތް ސިނގިރެޓަށް ހުއްޓުމާއެކު މިޝްޔާއަށް ވެސް ބޭއިޚްތިޔާރުގައި ބަލައިލެވުނެވެ. މާކިންގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް މާނަ ކުރާނޭ ގޮތެއް މިޝްޔާއަކަށް ނޭނގުނެވެ.

މާކިން އައިސް ރެއިލިންގައި އަތް ޖައްސައިލިއެވެ. މާކިން ކަންތައް ކުރާނޭ ގޮތެއް ބަލަން ހުރި މިޝްޔާއަށް އޭރުވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭރުވެސް އޭނާގެ އަތުގައި ސިނގިރެޓް އޮތެވެ.

"ވަރަށް ރީތި ވައިޖެހޭ ދޯ އެބަ." މާކިން ބުނެލިއެވެ. މިޝްޔާ ސިނގިރެޓް ވައްޓައިލުމަށްފަހު، އެއަށް ފައިން އެރިއެވެ. މިޝްޔާގެ އެ އަމަލުން މާކިންގާތަށް ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. އެހެން އުޅުނު ނަމަވެސް އަދިވެސް މިޝްޔާގެ މައުސޫމުކަން އެބަހުރިކަން އޭނާއަށް އެވަގުތު އެނގިގެން ދިޔައެވެ. ކެތްތެރިކަމާއެކު މަސައްކަތްކޮށްގެން މިޝްޔާ ރަނގަޅު ކުރެވިދާނޭ ކަމުގެ ޔަޤީންކަން އޭނާއަށް ލިބުނެވެ.

"އެބަޖެހޭ ވާހަކައެއް ދައްކައިލަން." މާކިން ބުނެލިއެވެ.

"ކޮން ވާހަކައެއް؟" މިޝްޔާ ސުވާލުކޮށްލިއެވެ. އޭނާ ރެއިލިންގައި އަތް އަޅުވައިލަމުން ދުރު ބަލައިލިއެވެ.

"މިޝޫގެ ފަރުވާ މި އަންނަ ހަފްތާއިން ފަށައިގެން ނާޒިލް ފަށާނެ. އޭނަ އަންނާނީ ގެއަށް..." މާކިން ބުނެލިއެވެ. މިޝްޔާގެ މެއަށް ކުޑަކޮށް ފިނިވެލިއެވެ. ނާޒިލް އެ ނަމާއެކު ވެސް އޭނާގެ ޚިޔާލަށް އެންމެ ފުރަތަމަ ވެސް އައީ ނާޒިލްގެ އެ އަޅިކުލައިގެ ދެލޮލެވެ. އެ ދެލޮލުގައި އެ ހުންނަ ސިހުރުވެރި ގޮތެވެ.

"ކިހިނެއްވީ؟ އެއްޗެއް ނުބުނީ..." މާކިން ސުވާލުކޮށްލިއެވެ.

"ބޭނުމެއް ނޫންތަ؟" މާކިން ބުނެލިއެވެ.

"ނޫން. އެހެންނެއް ނޫން." މިޝްޔާ ބުނެލިއެވެ.

"މިޝޫ ބޭނުންވިއްޔާ ހޮސްޕިޓަލަށްވެސް ދާންވީ. މިޝޫ ބޭނުންވާނީ ގޭގަހެން ހީވީމަ ދޮންބެ އެހެން މި ބުނީ..." މާކިން ބުނެލިއެވެ.

ގެ ހަމަ އެންމެ ރަނގަޅުވާނެ" މިޝްޔާ ބުނެލިއެވެ.

އިރުކޮޅަކު މިޝްޔާއާ ވާހަކަ ދައްކައިލަން ހުރުމަށްފަހު މާކިން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ފެންވަރާލައިގެން ނުކުމެ އެނދުގައި ޖައްސައިލިއެވެ. އެއަށްފަހު އޭނާ ފޭސްބުކަށް ވަދެލިއެވެ. ނައިރާ އޮންލައިންގައި އިން ތަން ފެނި ދެވިސްނުމެއްގައި އިނުމަށްފަހު މާކިން މެސެންޖާއިން ހައި ޖަހައިލިއެވެ. ލަސްތަކެއްނުވެ ނައިރާ އެއަށް ޖަވާބުދިނެވެ. ބުނާނެ އެއްޗަކާ މެދު މާކިން ވިސްނައިލިއެވެ.

"އަހަރެން ބޭނުން ނައިރާ އާ އެކަނި ބައްދަލުކޮށްލަން." މާކިން ހިތްވަރުކޮށްފައި ސުވާލުކޮށްލިއެވެ. މާކިންގެ އެމެސެޖަށްވެސް ދާދި އަވަހަށް ނައިރާ ރިޕްލައިކޮށްލިއެވެ.

"ކޮން އިރަކު؟" ނައިރާ އަހާފައި އޮތެވެ.

"ވީ އެންމެ އަވަހަކަށް..." ރައްދުގައި މާކިން ބުނެލިއެވެ.

އެހެންވިއްޔާ. މާދަމާ ރޭ...." ނައިރާ ބުނެލިއެވެ. މާކިންވެސް އެއްބަސްވިއެވެ. އިރުކޮޅަކު ވާހަކަ ދައްކާލާފައި ފޯނު ބޭއެވި މާކިންގެ ތުންފަތް މަތީގައި ހިނިތުންވުމެއް ދުވެލިއެވެ.

*****

ޖެހިގެން އައި ދުވަހުގެ ރޭ ނުވައެއް ޖެހިއިރު މާކިން ހުރީ ނައިރާމެން ގޭ ކައިރީގައެވެ. ކާރުގައި އޭނާ އިންއިރުވެސް ހިތް ދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ. އޭނާ މިރޭ އެ ދަނީ ނައިރާ ގާތު އެ ހިތުގައި ހިނގަމުންދާ ޖަޒުބާތުތައް ފާޅުކުރާށެވެ. ނައިރާ އެކަމާ ދެކޭނޭ ގޮތެއް ނޭނގޭތީ އޭނާ ވަނީ އިންތިހާ ކަންބޮޑުވެފައެވެ. އެގުޅުން ނިމިދާނެތީ އޭނާ ވަނީ ހާސްވެފައެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނޭއޭ މީހުން ކިޔާ އަޑު އޭނާ އަހައެވެ. ހިތްވަރުކޮށްފައި އައި އެއް ސަބަބަކީ ވެސް އެއީއެވެ. މާކިންއަށް އޭނާގެ މޭގައި އަތް ޖައްސައިލެވުނެވެ. އެންމެ ފުރަތަމަ ފެނިލުމުންވެސް އޭނާގެ ހިތް ދޫވި އަންހެން ކުއްޖާ އަކީ ނައިރާއެވެ.

ނައިރާ ގެއިން ނުކުތްތަން ފެނުމާއެކު މާކިން ކާރުގެ ލޯގަނޑު ތިރިކޮށްލާ ނައިރާ އަށް ގޮވައިލިއެވެ. ނައިރާ އަށް މާކިން ފެނުމާއެކު އައިސް ކާރަށް އަރާ އިށީނެވެ.

"ކީއްވެ ކުއްލިއަކަށް ދިމާކުރަން ބުނީ؟" ނައިރާ ސުވާލުކޮށްލިއެވެ. މާކިންއަށް ނައިރާއަށް ބަލަހައްޓައިގެން އެއްޗެއް ބުނަން ނޭނގިފައި އިނދެވުނެވެ. ނައިރާ މިރޭ ވަރަށް ރީއްޗެވެ. ކޮށްފައިވާ ލުއި މޭކަޕްގެ ސަބަބުން އޭނާގެ ރީތިކަން އިތުރު ކޮށްދީފައިވާއިރު ދޫކޮށްލާފައިވާ އިސްތަށިގަނޑުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ނައިރާ ލާފައި އިނީ ގަދަ ފެހިކުލައިގެ ކަކުލާ ހިސާބަށް އަންނަ ވަރުގެ އަރިފެޅި ހެދުމަކާއި ކަޅުކުލައިގެ ލެގިންސްއެކެވެ.

"ހާދަ ރީއްޗޭ..." މާކިންއަށް އެހެން ބުނެވުނީ ބޭ އިޚްތިޔާރުގައެވެ. މާކިން ދުވަހަކުވެސް ނުބުނާ ފަދަ ގޮތަކަށް އެހެން ބުނެލުމާއެކު ނައިރާއަށް ވެސް ކުޑަ ހައިރާންކަމަކާއި އެކު މާކިންއަށް ބަލައިލެވުނީ އެ އަޑުގައި އެެެހެންޏާ ނުހުންނަ ފަދަ އަސަރެއް ހުރީތީއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު