އާރުޓީއެލް ދަތުރުތައް ހއ. އަތޮޅުގައި ފަށައިފި

އާރުޓީއެލް ފެރީ އިހަވަންދޫއިން ފުރަނީ---ފޮޓޯ/މުޙައްމަދު އަކްރަމް

ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ހައިސްޕީޑް ފެރީގެ ދަތުރުތައް ހއ. އަތޮޅުގައި ފަށައިފިއެވެ.

ހއ. އަތޮޅަށް ޚާއްޞަކޮށް ފަސް ހައިސްޕީޑް ފެރީ ވަނީ އެ އަތޮޅަށް ފޮނުވާފައެވެ.

މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ހއ. އަތޮޅުގައި މި ނިޒާމުގެ ދަށުން ދަތުރުކުރުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި ދަތުރުކުރަން ބޭނުންވާ މީހުންނަށް އެރަށެއްގެ ކައުންސިލް މެދުވެރިކޮށް ޖާގަހޯދޭނެއެވެ.

މީގެ އިތުރުން މި މުއްދަތުގައި ކުރާ ދަތުރުތަކަށް ކޮންމެ ރަށަކަށްވެސް ކަނޑައަޅާފައިވަނީ 10 ޖާގައެވެ.

ހައި ސްޕީޑް ފެރީގެ ޚިދުމަތްދޭ އާރުޓީއެލް ފެރީގެ ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019ގައި، 2023ގައި މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ޕަބްލިކް ފެރީގެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

އެ ޚިދުމަތް ރަސްމީކޮށް ދޭން ފެށީ މި މަހުގެ 12 ވަނަ ދުވަހު ހދ. އަތޮޅުގައެވެ.

މުޅި ޖުމުލަ 50 މީހުންގެ ޖާގައިގެ އެ ފެރީތަކުގައި ދެ ސީޓު ޚާއްޞަކޮށްފައި ވަނީ ފުރޮޅުލީ ގޮނޑީގައި ތިބޭ މީހުންނަށެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ފެރީތަކުގައި ހިލޭ ދަތުރު ކުރެވޭއިރު، ދަތުރުކުރާ ކޮންމެ މީހަކާއެކު ތިން އަހަރުން ދަށުގެ ކުއްޖަަކަށް ވެސް ހިލޭ ދަތުރުކުރެވޭނެއެވެ.

comment ކޮމެންޓް