ދީނީ ޢިލްމުވެރިންނާމެދު އަދުލުވެރިވާން ރައީސް ޑރ. ވަޙީދު އިލްތިމާސް ކުރައްވައިފި

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދީނީ ޢިލްމުވެރިންނާމެދު އަދުލުވެރިކަމާއެކު ޢަމަލު ކުރުމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު އިލްތިމާސް ކުރައްވައިފިއެވެ.

ޑރ. ވަހީދު މިހެން އިލްތިމާސް ކުރެއްވީ މިމަހުގެ 21 ވީ އަންގާރަ ދުވަހު، ޔޫތު މިނިސްޓްރީ އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ކަލްޗަރަލް ސެންޓަރާ ގުޅިގެން ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުރިއަށްގެންދިޔަ ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ، ހިންގި ހަމަނުޖެހުމުގެ މައްސަލައިގެ ތަހުގީގަށް، އައްޝައިޚު ފަޒްލޫން މުޙައްމަދާއި އައްޝައިޚު އާދަމް ނިޝާން ހައްޔަރުކޮށްފައި ވަނިކޮށެވެ.

ޝެއިޚު ފަޒްލޫން މުޙައްމަދާއި ޝެއިޚު އާދަމް ނިޝާން ---

ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންގެ ބޮލުގައި އެކިއެކި ދޮގު ތުހުމަތުތައް އަޅުވައިގެން ހައްޔަރު ކުރުމާއި އެބޭފުޅުންނަށް މަރުގެ އިންޒާރުދީ ބިރުދައްކަމުން އަންނަ މި ވަގުތުގައި ޑރ. ވަހީދު ވިދާޅުވީ ދީނީ އިލްމުވެރިންނަކީ ވެސް ހަމަ ދިވެހި ރައްޔިތުން ކަމަށެވެ. އެހެންކަމުން އެ ބޭފުޅުންނާމެދު އަދުލުވެރިކަމާއެކު އަމަލު ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ފުލުހުން ބުނީ ޝައިޚް ފަޒްލޫން މުޙައްމަދާއި ޝައިޚް އާދަމް ނިޝާން ވަނީ ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތުގެ ތެރެއަށް ވަދެގަނެ، ހަމަނުޖެހުން ހިންގި މީހުންނަށް ހިތްވަރު ދެއްވާފައި ކަމަށެވެ. އެހެންކަމުން އެބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އެހެން ބުނުމުން އިސްލާމިކް މިނިސްޓްރީން ވަނީ ޝެއިޚު ފަޒްލޫން މުޙައްމަދާއި ޝައިޚު އާދަމް ނިޝާނަށް ދޫކޮށްފައިވާ ދީނީ ތަޤުރީރު ކުރެއްވުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައެވެ.

މި ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގްކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޓަކައި ކުރާންޖެހޭ އެންމެހާ މަސައްކަތެއް ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ގަދަބާރުން ގަލޮޅު ދަނޑަށް ބަޔަކު ވަދެގަތް ވަގުތު، އިންޑިއާގެ ހައިކޮމިޝަނަރުގެ އިތުރުން އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް އެތަނުގައި ތިއްބެވެ.

comment ކޮމެންޓް