"ބަރަކާތްތެރިކަން އެންމެ ބޮޑު ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސް"

އެހެން އަހަރުތަކުގައި 2.5 މިލިއަނެއްހާ މީހުން ކޮންމެ ހައްޖު މޫސުމާ އެކު ހައްޖުގެ އަޅުކަން އަދާކުރި ނަމަވެސް މިފަހަރު ހައްޖުގެ އަޅުކަން އަދާކުރަނީ 10،000 އެއްހާ މީހުންނާ އެކު.

ބަރަކާތްތެރިކަން އެންމެ ބޮޑު ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސްކަން ހަނދާންކޮށްދެމުން، މިއަދުގެ ހުކުރު ޚުޠުބާ 'ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަން' މި މައުޟޫއަށް ޚާއްޞަކޮށްފިއެވެ.

ޚުޠުބާގައި ބުނީ، ދުނިޔޭގެ އެންމެ މާތް ދުވަސްތަކަކީ ޙައްޖުމަހުގެ ދިހަ ދުވަސް ކަމަށާއި ކީރިތި ރަސޫލާ މުސްލިމުންނަށް އަމުރު ކުރައްވަނީ، އެ ދުވަސްތަކުގައި ތަކްބީރާއި، ތަމްޙީދާއި ތަހްލީލާއި ތަސްބީޙަ ކިޔުން ގިނަ ކުރުމަށް ކަމަށް ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން ޚުޠުބާގައި ބުނީ، މި ދުވަސްތަކު ކުރެވެން އޮތް ޞާލިޙު ޢަމަލު ތަކުގެ ތެރޭގައި ރޯދަހިފުން ހިމެނޭ ކަމަށެވެ. އެގޮތުން ހައްޖުމަހުގެ ފުރަތަމަ ނުވަ ދުވަހާއި ޢާޝޫރާ ދުވަހާއި ކޮންމެ މަހަކު ތިން ދުވަހު ރަސޫލާ ރޯދަ ހިއްޕެވިކަމަށް ރަސޫލާގެ އަނބިއަނބިކަނބަލުންގެ އަރިހުން ވާރިދުވެފައިވާ ކަމަށް ބުންޏެވެ.

ޙައްޖުވެރިޔާ ނޫން މީހުން އަރަފާތު ދުވަހު ރޯދަ ހިފުމަކީ، ވޭތުވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވާދެއްވާނެ ކަމެއް ކަމަށާއި ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތިވެދިޔަ އަހަރުގެ ފާފަތައް ފުއްސަވާދެއްވާނެ ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

މި ދުވަސްތަކުގައި ހެޔޮ އަމަލު ކުރުން ގިނަ ކުރަން ޚުޠުބާގައި ގޮވާލިއެވެ.

"މި 10 ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ ޢަމަލުތަކުގެ ތެރޭގައި، ﷲ އަށް ޛިކުރު ކުރުން ހިމެނޭ. ﷲ ތަޢާލާގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ޛިކުރުކުރުން. އެއީ މުއުމިނު އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރު،" ޚުޠުބާގައި ބުންޏެވެ.

ޛިކުރު ކުރުމަކީ ދުނިޔެއާއި އާޚިރަތުގައި، އެކަމުގެ ސަބަބުން ނަޖާވުން ލިބޭނެ ކަމެއް ކަމަށާއި ޛިކުރު ކުރާ މީހާ، ކުފުރުގެ ނުބައި އަނދަވަޅުން ވެއްޓުމުންނާއި ޝައިޠާނާގެ މަޅީގައި ޖެހުމުންނާއި، ނަރަކައިގެ ގިނި ހިލަތަކުގެ ހޫނުން ރައްކާތެރި ކޮށްދެއްވާނެ ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ﷲ އަށް ޛިކުރު ކުރާ މީހާގެ މައްޗަށް، ﷲ ގެ ރަޙުމަތާއި މަލާއިކަތުންގެ ހެޔޮ ދުޢާ ލިބިގެންވާނެކަމަށް ޚުޠުބާގައި ބުންޏެވެ.

comment ކޮމެންޓް