ޕީއެމްއައިގެ އޮތޮރައިޒްޑް ޓްރެއިނިން ޕާޓްނަރަކަށް އެވިޑް ކޮލެޖް

ޕީއެމްއައި ގެ އޮތޮރައިޒްޑް ޓްރެއިނިން ޕާޓްނަރަކަށް އެވިޑް ކޮލެޖް ހަމަޖެހުމާގުޅިގެން އެކަން އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ އެވިޑު ކޮލެޖު

ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޕްރޮޖެކްޓް މެނޭޖްމެންޓް ޕްރޮފެޝަނަލް ޖަމިއްޔާ "ޕްރޮޖެކްޓް މެނޭޖްމެންޓް އިންސްޓިޓިއުޓް" (ޕީއެމްއައި)ގެ އޮތޮރައިޒްޑް ޓްރެއިނިން ޕާޓްނަރަކަށް އެވިޑް ކޮލެޖް ހަމަޖައްސައިފިއެވެ.

ޕީއެމްއައިގެ އޮތޮރައިޒްޑް ޓްރެއިނިން ޕާޓްނަރުގެ ގޮތުގައި އެވިޑް ކޮލެޖް އިފްތިތާހްކޮށްދެއްވީ ބީހައިވް ހޮޓެލްސްގައި އެކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމީ ހަފްލާގައި އެ ކޮލެޖްގެ ޗެއާމަން ޢަބްދުﷲ މުސްތާޤް ރަޝާދެވެ.

އެ ރަސްމިއްޔާތުގައި ޗެއާމަން މުސްތާޤް ވިދާޅުވީ އެކަމުގެ ސަބަބުން އެ ކޮލެޖްގެ ތާރީޚަށް އަނެއްކާވެސް ކުލަގަދަ ސަފުހާއެއް އިތުރުވެފައިވާ ކަމަށާއި އެކަމާމެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ.

"އަބަދުވެސް އެއް މަޤްޞަދަކީ ރާއްޖެއަށް މިފަދަ އާކަންކަން ތައާރަފްކޮށް އެވިޑް ކޮލެޖް މެދުވެރިވެގެން އެކަންކަމުގެ ފައިދާ ދިވެހިންނަށް ލިބުން. ދިވެހިންނަށް ޚިދުމަތް ކުރުން،" އޭނާ ވިދާޅުވިއެވެ.

މުސްތާޤު އިތުރަށް ވިދާޅުވީ ޕްރޮޖެކްޓް މެނޭޖްމެންޓަށް ޝައުގުވެރިކަން ހުންނަ މީހުންނަށް އެވިޑް ކޮލެޖް މެދުވެރިކޮށް ޕްރޮޖެކްޓް މެނޭޖްމެންޓް ކެރިއާ ފަށައިގެން ކުރިއަށް ގެންދެވޭނެކަމަށެވެ.

މީގެ އިތުރުން އެހެން ލެވެލަކަށް ވާސިލްވެ ކެރިއާ އެޑްވާންސް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާގެ ތަޖުރިބާކާރު މީހަކަށްވެ އޭގެފައިދާ ބޮޑަށް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ހަފްލާގައި ޕްރޮޖެކްޓް މެނޭޖްމެންޓް ޕްރޮފެޝަނަލްއާ ބެހޭ ތަފާތު މަޢުލޫމާތު އެކުލެވިގެންވާ އިންޓްރޮޑަކްޓަރީ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހިއްސާކޮށް ޕީއެމްއައިގެ އިންސްޓްރަކްޓަރަކަށް ޙުސެން ހަލީމް ހަމަޖައްސައި އެކަމުގެ ބެޖްވެސް އޭނާއަށް ހަވާލުކުރިއެވެ.

comment ކޮމެންޓް