ކެނެޑާގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އުފެއްދުމާއި އެތެރެކުރުން މި އަހަރުގެ ފަހުން މަނާކޮށްފިއެވެ.
ހޯމަ ދުވަހުގައި އެ ގައުމުގެ ސަރުކާރުން މިކަން އިއުލާނު ކުރުމުގެ ސަބަބަކީ ޕްލާސްޓިކް ކުނި ނައްތާލުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމެވެ.
މި އިއުލާނުގެ ދަށުން މަނާކުރެވިފައިވާ އުފެއްދުންތަކުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅާއި، ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ހޮޅި، ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި ހިމެނެއެވެ.
މި އެންގުމަށް އަމަލު ކުރަންފަށާނީ މިއަހަރުގެ ޑިސެންބަރު މަހުން ފެށިގެނެވެ. އަދި އެ ތަކެތި ވިއްކުން މަނާވާނީ 2023 ޑިސެންބަރު މަހުން ފެށިގެންނެވެ. ޕްލާސްޓިކް ތަކެތި ވިއްކުމަށް އެއް އަހަރުގެ މުއްދަތެއް ދީފައިވާ ސަބަބަކީ މިހާރު ހުރި ސްޓޮކް ހުސްކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ވަގުތު ދިނުމުގެ ގޮތުން ކަމަށް ކެނެޑާގެ ސަރުކާރުން ބުނެފައިވެއެވެ.
ކެނެޑާގެ އައްސޭރި ފަށުން ފެންނަ ކުނިތަކުގެ ތެރޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ކުނީގެ އަދަދު ގިނައެވެ. އެގޮތުން ސަރުކާރުގެ ޑޭޓާތަކުން ދައްކާގޮތުގައި އަހަރެއްގެ މައްޗައް 15 ބިލިއަނާއި ގާތް އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ބޭނުންކުރާއިރު ދުވާލެއްގެ މައްޗައް 16 މިލިއަން ޕްލާސްޓިކު ހޮޅި ބޭނުންކުރެއެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގައި އެ ގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓުރޫޑޯ ޕްލާސްޓިކް ބޭނުންކުރުން މަނާކޮށް ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރުގެ ތެރޭގައި 1.3 މިލިއަން ޓަނަށްވުރެ ގިނަ ޕްލާސްޓިކް ކުނި ނައްތާލެވޭނެ ކަމަށް ވައުދުވެވަޑައިގަންފައިވެއެވެ.
"އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާއި ގެއްލުން ދެނިވި ޕްލާސްޓިކް މަނާކުރާނެ ކަމަށް އަޅުގަނޑުމެން ވައުދުވިން، އަދި އެ ވައުދު ފުއްދުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" ޓްރޫޑޯ ހޯމަ ދުވަހު ކުރެއްވި ޓުވީޓެއްގައިވެއެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ ޕްލާސްޓިކް ޕޮލިއުޝަންއަށް ހައްލެއް ހޯދުމުގެ ގޮތުން ކެނެޑާއިން 2025 ވަނަ އަހަރު ނިމުމުގެ ކުރިން އެ ޕްލާސްޓިކް އެކްސްޕޯޓް ކުރުން މަނާކުރާނެއެވެ.
ކެނެޑާގެ އިތުރުން ގިނަ ގައުމުތަކެއްގައި ޕެޓްރޯލިއަމްއިން އުފައްދާ ޕްލާސްޓިކް އެތެރެކުރުން މަނާކުރުމުގެ މަސައްކަތް ފަށާފައިވެއެވެ. މި ބާވަތުގެ ޕްލާސްޓިކް ނެތިދިޔުމަށްޓަކައި ސަތޭކަ އަހަރު ނަގައެވެ.