މާފުށީ ކުނި މެނޭޖްކުރުމުގެ މަސައްކަތާއެކު، ޔުޓިލިޓީގެ ހުރިހާ ޚިދުމަތެއް ދޭ ފުރަތަމަ ކުންފުންޏަކަށް ސްޓެލްކޯ

ސްޓެލްކޯއިން މާފުށީގެ ކުނި މެނޭޖްކުރުމާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސައިން

ކ. މާފުށީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވެ، ޔުޓިލިޓީގެ ހުރިހާ ޚިދުމަތެއް ފޯރުކޮށްދޭ ފުރަތަމަ ކުންފުންޏަށް ސްޓެލްކޯވެއްޖެއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މާފުށީ ކުނި މެނޭޖްކުރުމާ ހަވާލުވުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު އަޙްމަދު ޝަފީއުއެވެ. އަދި އެރަށު ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ޙުސައިން ޞަލާޙެވެ.

މި މަޝްރޫއުގެ ދަށުން މާފުށީގައި އެންމެ ޒަމާނީ ކުނިކޮށްޓެއް ގާއިމުކޮށް، އެތަނުގައި ކުނި ވަކިކޮށް، ރީސައިކަލް ނުކުރެވޭ ކުނި ބޭރު ކުރުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވީ އެ ސަރަހައްދުގެ އިތުރު ރަށްތަކުގެ ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދިއުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

ސްޓެލްކޯއިން މާފުށީގެ ކުނި މެނޭޖްކުރުމާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ނާއިލް ހުސައިން

"ދެެން އެންމެ އަވަހަށް މި ޕްރޮޖެކްޓް ފަށާނީ ހަމަ އެ ސަރަހައްދުގައި އެ އޮތް ކ. ގުޅި އާއި ގުރައިދޫގައި... އަޅުގަނޑުމެން މާފުށީގެ ތަޖުރިބާގެ އަލީގައި ކުރިމަގުގައި [މިކަން] ރާވާ ވާހަކަ ވެސް ދަންނަވަން،" ޝަރީފް ވިދާޅުވިއެވެ.

މާފުށީ ކައުންސިލުގެ ރައީސް ޙުސައިން ޞަލާޙް ވިދާޅުވީ 1999ވަނަ އަހަރު އެރަށުގައި ފުރަތަމަ ކުނި އަޅާނެ ވަކި ސަރަހައްދެއް ކަނޑައެޅުމާ ހަމައިން ފެށިގެން މިހާތަނަށް އައި އިރު ގިނަ ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ.

"އެގޮތުން، ނައްތާލަން އުނދަގޫވާ ޒާތުގެ ކުނި އިތުރުވުމާއި، އައު ޒާތުގެ ކުނި އުފެދުން، ކުނި މެނޭޖް ކުރާނެ ވަސީލަތްތަކެއް ނެތުން މިއީ އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުންތައް،" އޭނާ ވިދާޅުވިއެވެ.

ޞަލާޙު ވިދާޅުވީ ދުވާލަކު 10 ޓަނަށް ވުރެ ގިނަ ކުނި އުފެދޭ މާފުށީގެ ކުނީގެ މައްސަލައަށް މި މަޝްރޫއާއެކު ހައްލެއް ލިބޭނެ ކަމަށެވެ.

މާފުށްޓަކީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ފުޅާވެފައިވާ އެއް ރަށެވެ. އަދި މާލެ ފިޔަވާ ސްޓެލްކޯގެ އެންމެ ބޮޑު ކޮންސިއުމާ ބޭސްއެއް އޮތް ރަށަކީ ވެސް އެއީ އެވެ.

comment ކޮމެންޓް