އުރީދޫއިން ރާއްޖެއަށް ގޭމިން ޕްލެޓްފޯމެއް ތައާރަފުކޮށްފި

"އުރީދޫ ނޭޝަން" އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ އުރީދޫ

"އުރީދޫ ނޭޝަން"ގެ ނަމުގައި އުރީދޫއިން ރާއްޖެއަށް ގޭމިން ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.

މިރޭ ދަރުބާރުގޭގައި އޮތް ހަފްލާއެއްގައި މި އުފެއްދުން ތައާރަފުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމެވެ.

އުރީދޫން ބުނީ "އުރީދޫ ނޭޝަން"ގެ ޒަރީއާއިން ގޭމުކުޅުމާ ގުޅޭ ހުރިހާ ޚިދުމަތަކާއި، މައުލޫމާތެއް ލިބޭނެ ކަމަށެވެ. އެގޮތުން، އައިޓިއުންސް އަދި ނިންޓެންޑޯ ފަދަ ޕްލެޓްފޯމް ތަކުގެ ގިފްޓް ކާޑު ގަންނަން ލިބެން ހުރުމުގެ އިތުރުން، ޕަބްޖީ، ގެރީނާ ފްރީ ފަޔާ މޯބައިލް ލެޖެންޑްސް، ކޯލް އޮފް ޑިއުޓީ، ރޯބްލޮކްސް ފަދަ ގޭމްތައް ހިމެނޭ ހާއްސަ ޑޭޓާ ޕެކޭޖު ތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.

މީގެ އިތުރުން އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް ހާއްސަކޮށް ވެސް ގޭމް ކުޅުމާއި ސްޓްރީމް ކުރުމަށް ހާއްސަ ޕެކޭޖުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

މި ޕްލެޓްފޯމްގައި ހިމެނޭ "އުރީދޫ އެރީނާ" މެދުވެރިކޮށް އެކި ޕްލެޓްފޯމްތަކުން ގޭމް ކުޅޭ މީހުންނަށް ވާދަކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެކި މުބާރާތްތައް ވެސް އެ ޕްލެޓްފޯމް މެދުވެރިކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

"އުރީދޫ ނޭޝަން" އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ އުރީދޫ

އެގޮތުން ބޭއްވޭ ފުރަތަމަ މުބާރާތެއްގެ ގޮތުން، ޕަބްޖީ މޯބައިލް މުބާރާތެއް 100،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު މިރޭ ވަނީ އިއުލާނުކޮށްފައެވެ.

މިރޭގެ ހަފްލާގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ މި ހިދުމަތާއެކު ރާއްޖޭގައި ގޭމްކުޅޭ މީހުންނަށް މުޅިން އައު ފުރުސަތުތަކެއް ހުޅުވޭނެ ކަމަށެވެ.

"އުރީދޫ ނޭޝަން ރާއްޖޭގައި ތައާރަފްކުރުމަކީ، މި ދާއިރާގައި ޕްރޮފެޝަނަލް ބަޔަކަށްވެ، އިތުރު ހަރުފަތަކަށް ވާސިލްވުމަށް، ލޯކަލް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް" އޭނާ ވިދާޅުވިއެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް ގޭމް ސްޓްރީމް ކުރުމަށާއި، އެ ދާއިރާއާ ގުޅޭ މުހިއްމު ޚަބަރުތައް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. އުރީދޫއިން ވަނީ މި ޕްރޮޖެކްޓްގައި ރާއްޖޭގެ ގޭމިން ކޮމިއުނިޓީއާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް