ޓެލެގްރާމް ޕްރިމިއަމް ތައާރަފްކޮށްފި، މަހަކު 4.99 ޑޮލަރު ދައްކަންޖެހޭ

"ޓެލެގްރާމް ޕްރިމިއަމް"ގެ ހިދުމަތް, މަހަކު 4.99 ޑޮލަރު ދައްކައިގެން ބޭނުންކުރެވޭ ގޮތަށް ތައާރަފުކޮށްފިއެވެ.

އެ ހިދުމަތް ހޯދަން ބޭނުންވާ މީހުން ޖެހޭނީ ޓެލެގްރާމް އެޕް 8.8 ވާޝަންއަށް އަޕްޑޭޓްކޮށް، ޓެލެގްރާމް ޕްރިމިއަމްގެ އާ އޮޕްޝަން ޚިޔާރުކުރާށެވެ.

ޓެލެގްރާމްއިން ބުނި ގޮތުގައި އެ ކުންފުނީގެ އާ ސަބްސްކްރިޕްޝަން ހިދުމަތުގެ ސަބަބުން އެ އެޕްގެ ހިދުމަތް އިތުރަށް ރަނގަޅުވެ، އާ ފީޗާސްތަކެއް ބޭނުންކުރެވޭނެއެވެ.

އެ ފީޗާތަކުގެ ތެރޭގައި ޓެލެގްރާމުން ފެންނަ އިޝްތިހާރުތައް މަދުވުން ހިމެނެއެވެ. އެގޮތުން ބައެއް ޤައުމުތަކުގައި ޓެލެގްރާމްއިން ސްޕޮންސާކޮށްފައިވާ މެސެޖުތައް ޓެލެގްރާމް ޗެނަލްތަކުން ދައްކައެވެ. އެ އިޝްތިހާރުތަކަކީ ޓެލެގްރާމްގެ ހަރަދުތައް ފޫބޭއްދުމަށް އެހީތެރިވެދޭ އިޝްތިހާރުތަކެކެވެ. ނަމަވެސް ޓެލެގްރާމް ޕްރިމިއަމްގެ ސަބްސްކްރައިބަރުންނަށް އެފަދަ އިޝްތިހާރުތައް ނުފެންނާނެއެވެ.

ހަމައެއާއެކު، ޓެލެގްރާމް ޕްރީމިއަމް ބޭނުންކުރާ މީހުންނަށް ހަތަރު ޖީބީގެ ފައިލްތައް ފޮނުވޭނެއެވެ. އަދި ޕްރިމިއަމް އެކައުންޓަކުން ފޮނުވާ ހަތަރު ޖީބީގެ ފައިލް، ހިލޭ ޓެލެގްރާމް ބޭނުން ކުރާ މީހުންނަށް ވެސް ޑައުންލޯޑު ކުރެވޭނެއެވެ.

މީގެ އިތުރުން ޓެލެގްރާމް ޕްރީމިއަމްގައި 1000 ޗެނަލް ފޮލޯކޮށް، 20 ޗެޓް ފޯލްޑަރު ހެދޭނެއެެވެ. އަދި 10 ޗެޓް ޕިން ކުރެމުގެ އިތުރުން އެންމެ ބޭނުންވާ ދިހަ ސްޓިކާވެސް ސޭވް ކުރެވޭނެއެވެ.

ޓެލްގްރާމް ޕްރިމިއަމްގައި އެމީހެއްގެ ބަޔޯ ދިގުކޮށް ލިޔުމުގެ އިތުރުން، ބަޔޯގައި ލިންކެއް ހިމަނާލުމުގެ ފުރުސަތު ވެސް ލިބެއެވެ. އަދި އެނިމޭޓެޑް ޕްރޮފައިލް ފޮޓޯތައް ބޭނުންކުރެވޭ އިރު، ވޮއިސް މެސެޖުގެ ގޮތުގައި ފޮނުވާ މެސެޖުތައް ޓެކްސްޓްގެ ގޮތުގައި ލިބޭނެ ފީޗާއެއް ވެސް ތައާރަފުކޮށްފައިވެއެވެ.

ޓެލެގްރާމް ޕްރިމިއަމް ބޭނުންކުރާ މީހުން އެނގޭ ގޮތަށް އެމީހުންގެ ނަމުގެ ކައިރީގައި ހާއްސަ ބެޖެއް ފެންނަން ހުންނާނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެލެގްރާމް ބޭނުންކުރާ 700 މިލިއަނަށްވުރެ ގިނަ މީހުން އުޅޭކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެެވެ.

comment ކޮމެންޓް