ދަނޑުވެރިންނާއި ދަނޑުވެރިކަމުގެ ވިޔަފާރީގައި އުޅޭ މީހުންނާއެކު ވިޔަފާރީގެ ގުޅުން އުފެއްދުމަށް މަގުފަހިކޮށްދިނުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން "ސަރަހައްދީ ދަނޑުވެރި-ވިޔަފާރީގެ މައުރަޒު"ގެ ނަމުގައި ހަނިމާދޫގައި މައުރަޒެއް ކުރިއަށް ގެންގޮސްފިއެވެ.
އެ މައުރަޒަކީ ހއ. ހދ. އަދި ށ. އަތޮޅުގައި ކުރިއަށް ގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް މަޝްރޫއުގެ ދަށުން ބޭއްވި މައުރަޒެކެވެ.
އެއް ދުވަހަށް ކުރިއަށް ދިޔަ އެ މައުރަޒު ހުޅުއްވާދެއްވީ އެގްރިކަލްޗާ މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަންއެވެ. އެ މައުރަޒު ހުޅުއްވާދެއްވަމުން މިނިސްޓަރު ވިދާޅުވީ ކުޑަބިންކޮޅަކުން އެންމެ އެދެވޭ ނަފާއެއް ނެރެވޭ ގޮތަށް ދަނޑުވެރިކަމުގެ މަސައްކަތްތައް ބައްޓަންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މައުރަޒުގެ ބައިވެރިންނާއެކު މިނިސްޓަރު ޑރ. ހުސައިން ރަޝީދު ޙަޞަން--- ފޮޓޯ/ އެގްރިކަލްޗާ މިނިސްޓްރީ
ހަމައެއާއެކު ދަނޑުވެރި އުފެއްދުންތައް ގަނެ ވިއްކުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދަނޑުވެރިންނާ ދެމެދު ވިޔަފާރީގެ ގުޅުންތައް އުފައްދާ، ތަކެތި ގަންނަ ފަރާތްތަކުން ބޭނުންވާ ބާވަތްތައް، ބޭނުންވާ ފެންވަރުގައި އުފައްދާ ބާޒާރަށް ނެރެމުން ގެންދިއުމުގެ މުހިންމުކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެ މައުރަޒުގައި ބައިވެރިވުމަށް ހއ. ހދ. އަދި ށ. އަތޮޅުގެ 26 ރަށަކުން ދަނޑުވެރިކަމުގެ އުފެއްދުންތައް އުފައްދާ މީހުންނަށް ދައުވަތު ދީފައިވާއިރު ދައުވަތު ގަބޫލުކޮށް ޖުމްލަ 20 ރަށަކުން އެ މައުރަޒުގައި ބައިވެރިވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ކޮންމެ ރަށަކަށް އެ މައުރަޒުން ވަނީ ސްޓޯލެއް ކަނޑައަޅާފައެވެ. އަދި ދަނޑުވެރިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ވެސް ސްޓޯލްތައް ޚާއްސަ ކޮށްފައިވެއެވެ. މީގެ އިތުރުން ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ލޯނު ދޫކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެސްޑީއެފްސީ އިން އަދި ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުން ވަނީ އެ މައުރަޒުގައި ބައިވެރިވެފައެވެ.
އެ މައުރަޒުގައި ހަނިމާދޫ އެގްރިކަލްޗާ ސެންޓަރާއި ދަނޑުވެރިކަމާ ގުޅޭ ތަކެތި ވިއްކާ ފަރާތްތަކާއި ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަ ފަރާތްތަކުން މައުލޫމާތު ދިނުމުގެ ތަފާތު ސެޝަންތައްވެސް ވަނީ ބާއްވާފައެވެ.
އެ މައުރަޒުގައި ދަނޑުވެރިންނާއި، ދަނޑުވެރިކަމުގައި ބޭނުންކުރާ ތަކެތި ވިއްކާ ފަރާތްތަކުގެ އިތުރުން ދަނޑުވެރިކަމުގެ އުފެއްދުންތައް ގަންނަ ފަރާތްތަކާ ދެމެދު ގުޅުން ބަދަހިކޮށް ބޭނުންވާ މައުލޫމާތު ބަދަލު ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިދީފައެވެ. އެ މައުރަޒުގައި ބައިވެރިވި ހަތަރު ރަށަކުން ވަނީ ދަނޑުވެރިކަމުގެ ތަކެތި ވިއްކާ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.