ސްޓެލްކޯ ފްލެޓްތަކުން ކުލި ނަގަން ފަށާނީ ޖެނުއަރީގައި

ސްޓެލްކޯއަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑީ އަހްމަދު ޝަރީފް ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ހިޔާ މަޝްރޫއުގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިމާރާތްކުރި ފްލެޓުތަކުގެ ކުލި ހިނގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ 25ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެ ފްލެޓްތަކަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އޭގެ މާނައަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނޭ އަޅުގަނޑުމެންގެ ކުންފުންޏަށް ކުލި ނަގަން ފަށާނީ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެގޮތަށް ނިންމީ މުވައްޒަފުންނަށް ކުލި ދެއްކުމުގައި ފަސޭހަކޮށްދިނުމަށް ކަމަށެވެ.

"މަދު މުވައްޒަފުންނެއް 20 ޕަސެންޓު [އެޑްވާންސް ޕޭމަންޓް] ދެއްކިފައިވަނީ. ބައެއް މުވައްޒަފުން މިހާރުވެސް 10 ޕަސެންޓު [އެޑްވާންސް ޕޭމަންޓް] ދެއްކުމަށްޓަކައި މުސާރައިން އުނި ކުރެވެމުން އެބަދޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހާލަތުގައި ކުލި ނަގަން ފަށައިފިނަމަ މުވައްޒަފުންނަށް ދެ ޕޭމަންޓެއް އެއް ފަހަރާ ދައްކަން ޖެހޭނެ ކަމަށާއި، ކުލި ފަސްކޮށްދިނުމަށް ނިންމީ އެހެންވެ ކަމަށެވެ.

އެ ފްލެޓުތަކުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާކަމަށް ޝަރީފް ވަނީ ކުރިން ވިދާޅުވެފައެވެ. ޖުމްލަ 360 ފްލެޓް މީގެ ތެރޭގައި ހިމެނޭއިރު، އެ ފްލެޓުތައް އިމާރާތް ކޮށްފައިވަނީ ދެ ޓަވަރެއްގައެވެ.

މި ފްލެޓްތަކުގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓަކާއި، ތިން ކޮޓަރީގެ 288 އެޕާޓްމަންޓެކެވެ.

comment ކޮމެންޓް