މިދިޔަ ހުކުރުދުވަހު މާލޭގައި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ހެރިޓޭޖު މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރު އަޙްމަދު ހާޝިމް (ޓިންޓިން)ގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި މިވަގުތު އޮތީ އައިސީޔޫގައި ކަމަށް ޙާޝިމްގެ ޢާއިލާއިން ބުނެފިއެވެ.
ޓިންޓިންގެ ކޮއްކޮ އަދި ވައިކަރަދޫގެ ކުރީގެ ކައުންސިލްގެ ރައީސް އަބްދުﷲ ވާފިރު "ސަން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބޮލުގެ ސާޖަރިއެއްކުރުމަށްފަހު މިވަގުތު ހާޝިމް އޮތީ އައިސީޔޫގައި ކަމަށެވެ.
''ސިކުނޑިއަށްހުރީ ވަރަށް ބޮޑަށް ލޭ އެޅިފަކަމަށް ޑޮކްޓަރު ބުނީ. އެހެންވެ ބޮލުގެ ސާޖަރީއެއް އިއްޔެ ކުރީ. މިވަގުތު އޮތީ އައިސީޔޫގައި.'' ވާފިރު ކިޔައިދިނެވެ.
އަދި ހާޝިމްގެ ހާލަތާއި ބެހޭގޮތުން ޑޮކްޓަރު އަދި އިތުރު އެއްޗެއް ބުނެފައި ނުވާ ކަމަށް ވާފިރު ބުންޏެވެ.
ހާޝިމް އެކްސިޑެންޓް ވެފައިވަނީ މަގު ހުރަސްކުރަނި ކޮށް ވަރަށް ބާރަށް، ޓްރެފިކް ގަވާއިދާ ޚިލާފަށް ދުއްވާފަ އައި ސައިކަލަކުން ޖެހިއެވެ.
އެކްސިޑެންޓް ގެ ސަބަބުން ލިބުނު އަނިޔާތަކުން މީހާގެ މޫނުމަތީގެ ސިފަ ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.
ޓިންޓިން އަކީ ހެރިޓޭޖް މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރަށް ވުމުން އޭނާއަށް ވަނީ ދާރުލްއާސާރުގެ އިސް ވެރިޔާގެ މަގާމު ވެސް ލިބިފައެވެ.
އެމްޑީޕީއަށް ނިސްބަތްވާ ޓިންޓިން ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ ރައީސްކަން ވެސް ކުރައްވާފައެވެ.