"މިޝްޔާ ކިހިނެއް؟" އިވުނު ފިރިހެންވަންތަ އަޑާއެކު މިޝްޔާއަށް އެ އަޑު އައި ދިމާލަށް ބަލައިލެވުނެވެ.

އެއާއެކު މިޝްޔާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އެ ޒުވާނާގެ އަޅިކުލައިގެ ކަޅިއެވެ. އެއީ އޭނާއަށް ފިހާރަތެރެއިން ފެނުނު ޒުވާނާކަށް އޭނާއަށް އެނގުމާއެކު ކުޑަކޮށް ކަންބޮޑުވާގޮތްވިއެވެ. މިޝްޔާއަށް ފަރުވާތެރިކަމާއެކު އެ ޒުވާނާއަށް ބަލައިލެވުނެވެ. އެ ޒުވާނާގެ ތުންފަތްމަތީގައި ލުއި ހިނިތުންވުމެއް ދުވެލަ ދުވެލާ ހުއްޓެވެ. މިޝްޔާއަށް ދުރަށް ނަޒަރު ހުއްޓައިލެވުނެވެ. މިޝްޔާއަށް އައި ބަދަލުތަކުން ނާޒިލްއަށް އޭނާގެ ހިނިތުންވުން ފުޅާކޮށްލެވުނެވެ.

"ކިހިނެއް މިހާރު؟ ރަނގަޅު؟" މާކިން އިސްވެ ނާޒިލްއާ ސުވާލުކޮށްލިއެވެ.

"ފެންނަ ފެނުމަށް ނޯމަލް ވަމުން ދަނީ... ލޭގެ ރިޕޯޓްތައް ވެސް އޯކޭ." ނާޒިލް ބުނެލިއެވެ.

"މާކް، އަހަރެން އިތުރު ބޭހެއް ލިޔެލަދޭނަން އިނގޭ. މިއަދު އޮބްޒަރވޭޝަންގައި ބާއްވާފައި މާދަމާ ދޫކޮށްލާނީ" ނާޒިލް ބުނެލިއެވެ. މާކިން އާ ނާޒިލްއާ ދެމީހުން ވާހަކަ ދައްކަމުން ދިޔަ ގޮތުން އެ ދެމެދުގައި އެކުވެރިކަމުގެ ގުޅުމެއް ވާހެން މިޝްޔާއަށް ހީކުރެވުނެވެ. އޭނާ ސުވާލުގެ ނަޒަރަކުން އެ ދެމީހުންނަށް ބަލަމުން ދިޔައެވެ.

"މިޝޫ. މީ ދޮންބެގެ ބެސްޓީ. ނާޒިލް. ސައިކޭޓްރިސްޓެއް." ނާޒިލްއަށް ބަލައިލުމަށްފަހު، މާކިން ބުނެލިއެވެ. އެއާއެކު މިޝްޔާއަށް ނާޒިލްއާ ދިމާލަށް ބަލައިލެވުނެވެ. އަނެއްކާ ނާޒިލް އޭނާގެ ވާހަކަ މާކިން ކައިރީގައި ބުނީހެއްޔެވެ؟ ނޫނެކެވެ. އެހެން ނޫންނަމަ ދޮންބެ އެގޮތަކަށް ވާހަކައެއް ނުދައްކާނެއެވެ. ނާޒިލްއަށް ބަލައިލުމަށްފަހު މިޝްޔާ އެތައް ގޮތަކަށް ވިސްނިއެވެ. ނާޒިލްގެ މޫނުމަތީގެ ކުލަވަރު އެތައް އިރެއްވަންދެން އޭނާ ދިރާސާ ކުރިއެވެ. އެ މޫނުމަތީގައިވީ އަސަރުތަކުން އެ ވާހަކަ މާކިން ކައިރީގައި ނާޒިލް ނުބުނާކަމުގައި މިޝްޔާ ޔަޤީންކުރިއެވެ. އެކަމުން އޭނާއަށް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. ފުންނޭވާއެއް ދޫކޮށްލި މިޝްޔާ އޭނާގެ ދެލޯ މަރައިލިއެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު އޭނާ ބަލައިލީ މާކިންއަށެވެ.

"ކާއެއްޗެއް ގެންނަންވީ ދޯ؟ ކޯންޗެއް މިޝޫ ގެނެސްދޭންވީ؟" މާކިން މިޝްޔާއަށް ބަލައިލުމަށްފަހު ސުވާލުކޮށްލިއެވެ.

"އޯ... އޯކޭ ވާނެ ކޮންމެ އެއްޗެއް ވެސް" މިޝްޔާއަށް ނާޒިލް ހުރުމުން ވާހަކަ ދެއްކުނީ އަޅައަޅައިގަންނަމުންނެވެ. އޭނާއަށް ވަށްކަޅިން ނާޒިލްއާ ދިމާލަށް ބަލައިލެވުނެވެ. ދިގު އިސްކޮޅެކެވެ. ބާމަތި ފުޅާ ހަށިގަނޑެކެވެ. އެ ދެލޮލުގައި ވަނީ ބުނެދޭން ނޭނގޭ ފަދަ ތޫނު ކަމެކެވެ. މޫނުމަތިން ފެންނަނީ ހިތްހެޔޮކަމެވެ. ބަލާބެލުމަށް ސިފަ ވައްތަރީ ބޭރު މީހަކާއެވެ. މިޝްޔާއަށް ބަލައިލި ނާޒިލްގެ ލޮލުގައި މިޝްޔާ އޭނާއާ ދިމާލަށް ބަލަން އޮތްތަން އަޅައިގަތުމާއެކު ހިނިއަންނަ ގޮތްވިއެވެ. މިޝްޔާ އެ ވިސްނަނީ ކޮން ކަމަކާ ބެހޭގޮތުންކަން އޭނާއަށް އެނގެއެވެ.

"އަންނާނަން އިނގޭ އެއްޗެއް ހިފައިގެން." ނާޒިލް މާކިން އަކަށް ބޭސް ސިޓީ ދިނުމާއެކު. އޭނާ ނުކުމެގެން ދިޔައެވެ. ކައިރީގައި ހުރި ނަރުސްކުއްޖާއާ އަނެއް ކުއްޖާއާ އެކު ނާޒިލްވެސް ބޭރަށް ނުކުމެލިއެވެ. އެއަށްފަހު އޭނާ އަބަ އަންނަން ކަމުގައި ބުނެ އަނބުރާ ކޮޓަރި ތެރެއަށް ވަދެލިއެވެ. އޭރު މިޝްޔާ އޮތީ ލޯ މަރައިލައިގެންނެވެ. އެތެރެއަށް މީހަކު ވަތްހެން ހީވުމާއެކު މިޝްޔާ ލޯ ހުޅުވައިލިއެވެ.

ނާޒިލް ފެނުމާއެކު މިޝްޔާއަށް ނާޒިލްއާ ދިމާލަށް ބަލަހައްޓައިގެން އޮވެވުނެވެ. އޭނާ ކުޑަކޮށް ހާސްވީ ނާޒިލް އޭނާއާ ގާތަށް އަންނަން ފެށުމުންނެވެ. އަނދުކައިރީގައި ހުއްޓުމަށްފަހު، ނާޒިލް ވަރަށް ފުން ނަޒަރަކުން މިޝްޔާއަށް ބަލައިލިއެވެ. މިޝްޔާގެ މޫނުމަތީގައި އެއްޗެސް ދިރުމެއް ނެތެވެ. ދެލޮލުގައި އޭރުވެސް ކޮންމެވެސް ވަރަކަށް ރަތްކަމެއް ހުއްޓެވެ. ދެ ލޯ ކައިރިވެސް ވަނީ ކަޅުވެ ވަޅުވަދެފައެވެ. ތުންފަތުގައިވެސް އެހެން އަންހެން ކުދިންގެ ހުންނަ ފަދަ ފިޔާތޮށިކުލައެއް ނެތެވެ.

"އަހަންނަށް އެނގޭ މިޝްޔާކަން އަހަރެންގެ ވޮލެޓުން ޑޮލަރު ނެގީ." ނާޒިލް ބުނެލިއެވެ.

"އަހަ... އަހަންނޭ.؟" މިޝްޔާއަށް ވާހަކަ ދެއްކުނީ އަޅައަޅައިގަންނަމުނެނެވެ.

"އަހަރެން މިޝްޔާގެ ދޮންބެ ކައިރީގައި އެ ވާހަކަ ބުނެފިއްޔާ؟" ނާޒިލް މިޝްޔާއާ ނަޒަރު ވަކިކޮށްލުމެއް ނެތި ބުނެލިއެވެ.

"އަހަންނަކަށް ނޭނގެ ތީ ކާކުކަމެއް." މިޝްޔާ ދުރުބަލައިލިއެވެ.

އެދުވަހު ފިހާރަ ތެރެއިން އަންނަށް ފެނުނު ކުއްޖާކަން އަހަންނަށް ޔަޤީން. އެންޑް އަަހަރެން އެވާހަކަ ބުނެގެން މިޝްޔާގެ ދޮންބެ ގަބޫލުކުރާނެ. " ނާޒިލް ބުނެލިއެވެ. ނާޒިލްގެ ވާހަކައިން މިޝްޔާ ކަންބޮޑުވިއެވެ. އޭނާއަށް ހިންދިރުވައިލެވުނެވެ. ނާޒިލް އޭނާއަށް ބިރު ދައްކަނީހެއްޔެވެ؟ މިޝްޔާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ އަސަރުތައް ނާޒިލް ދިޔައީ ބަލަމުންނެވެ. އޭނާއަށް ހިނިގަނޑު މައިތިރިކޮށްލެވެނީ ކިރިޔާއެވެ.

"ކިހިނެއް އަހަރެން ހަދަންވީ؟ މާކިން ކައިރީގައި ބުނަންވީތަ؟ ނޫނީ އަހަރެންގެ ކިބައިން މާފަށް އެދޭނީތަ؟ މިޝްޔާ ބޭނުން ގޮތެއް." އިތުރަށް މިޝްޔާ ލަދުގަންނުވައިލުމުގެ ނިޔަތުގައި ނާޒިލް ބުނެލިއެވެ.

"އަހަރެން ނުކުރާ ކަމަކަށް...."

"ނުކުރާކަމެއް ނޫނޭ އެއީ... އޯކޭ އަހަރެން ބުނާނީ އެހެންވީމަ..." މިޝްޔާގެ ވާހަކަ ހުއްޓުވާ ނާޒިލް ބުނެލިއެވެ. މިޝްޔާއަށް ޔަޤީންވީ ކަމަކީ ނާޒިލްއަށް އޮޅުވައި ނުލެވޭނެކަމެވެ. އެ އަޅިކުލައިގެ ދެލޮލަށް ބަލައިލުމުން އޭނާއަށް ކުރެވުނީ ބުނެދޭން ނޭނގޭ އިޙްސާސްއެކެވެ. އެ ތޫނު ދެލޮލަށް ގިނައިރު ބަލާކަށް އޭނާއަކަށް ނުކެރުނެވެ.

"ދަނީ." ނާޒިލް ދާންވެގެން އެނބުރިލިއެވެ.

"ސޮރީ." މިޝްޔާ ބުނެލިއެވެ. އޭނާ އަކީ ދުވަހަކުވެސް އެގޮތަށް ބޭރުން ވައްކަން ކުރި މީހެއް ނޫނެވެ. ނެގިޔަސް ނަގާ އުޅެނީ ބައްޕަ ބަހައްޓާފައި ހުންނަ ލާރިއެވެ/ އެހެންނަމަވެސް، އޭނާ އެ ގޮތަށް ލާރި ނަގާތީ ބައްޕަވެސް ފަހުން ފަހުން އައިސް އްޭނާގެ އަތުޖެހޭ ހިސާބުގައި ލާރިއެއް ނުބަހައްޓައެވެ. އަނެއްކޮޅުން މާކިންއަށް އެކަންތައް އެނގިއްޖެއްޔާ ހިތްހަމައެއް ނުޖެހޭނެއެވެ. އެއްކޮޅުގައި ހުރީ ވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ.

"ކީކޭ؟ އަދި އެއްފަހަރު ބުނެބަލަ!"" މިޝްޔާގެ އަނގައިން ބުނެވުނު ބަހާއެކު ނާޒިލް ހުރި ފިޔަވަޅުމަތީ ހުއްޓި ހުރެ ފަހަތަށް ބަލައިލިއެވެ. އޭނާ އެހެން އަހައިލީ މިޝްޔާއަށް ޖެއްސުމަށެވެ. ނާޒިލްގެ މޫނުމަތީގައިވީ އަސަރުތަކުން ނާޒިލްއަށް އެ ބަސްތައް އަޑު އިވުނުކަން މިޝްޔާއަށް އެނގުނެވެ. އެހެންކަމުން އޭނާ ވާހަކަ ދެއްކިއެވެ.

"އަޑު އިވިއްޖެއެއްނު އަހަރެން ދެންމެ ބުނި ވާހަކަ. ދެން ކީއްކުރަން؟"

"ނޫނޭ. އަޑު ނީވޭތިއެއްނު އަހަރެން މި ބުނީ." ނާޒިލްވެސް ދޫދޭކަށް ބޭނުމެއް ނޫނެވެ.

"ނޫޅެން ބުނާކަށް." މިޝްޔާ ދެލޯ އަޅައިލިއެވެ. އެއަށްފަހު އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. އެއްމިޔަކަށް ހިނިތުންވެލަމުން ނާޒިލް އެތަނުން ނުކުންނަން ހިނގައިގަތެވެ. ނާޒިލް ނިކުމެ ދޮރު ލައްޕައިލުމާއެކު، މިޝްޔާ ދޮރާ ދިމާލަށް ބަލައިލިއެވެ.

"މަ ބިރުގަންނާނެ ކަމަށްތަ އެ އުލެނީ..." ހިތާހިތުން މިޝްޔާ ކިޔައިލިއެވެ. އޭނާ އެހެން އޮއްވައި މާކިން ކާއެއްޗެހި ހިފައިގެން އައިސް އެތެރެއަށް ވަނެވެ.

"ނާޒިލް ކީކޭ އެ ކިޔަނީ؟" މާކިން މިޝްޔާއަށް ބަލައިލަމުން ސުވާލުކޮށްލުމާއެކު މިޝްޔާއަށް ޝޮކެއް ލިބުނެވެ.

"ނާޒިލްއޭ... ކީކޭ ކީ؟" މިޝްޔާއަށް ސުވާލުކޮށްލެވުނެވެ.

"މިޝޫ ބުންޏޭ އައިވީ އާ އެއްޗެހި ނައްޓައިލަންނޭ ބޭނުމީ. ގެއަށް ދާށޯ..." މާކިން ބުނެލިއެވެ. މިޝްޔާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

"ދެން މިތާ އޮވެވޭތަ؟" މިޝްޔާ ސުވާލުކޮށްލިއެވެ.

"މިޝޫ. ދޮމްބެ އެބައޮތް ވާހަކައެއް ދައްކަން." މިޝްޔާއަށް ކެވޭ ގޮތަށް ހަދައިދެމުން މާކިން ގޮނޑީގައި އިށީނދެލިއެވެ. މާކިން ދައްކަން އުޅެނީ ކޮން ވާހަކައެއްކަން އޭނާއަށް އެނގެއެވެ.

"ފަހުން..." މިޝްޔާ ބުނެލިއެވެ.

"ނޫން. މިޝޫ ހޮސްޕިތަލުން ދޫކޮށްލީމަ ޖެހޭނެ ޑޮކްޓަރަށް ދައްކާ ފަރުވާ ފަށަން. ތެރަޕީ ނަގަން" މާކިން ބުނެލިއެވެ.

"ތިކަންތައް..." މިޝްޔާއަށް ހުއްޓައިލެވުނެވެ.

""އައި ވިލް ހެލްޕް ޔޫ. އަހަރެން ނާޒިލް ކައިރީ ވެސް ބުނެފާނަން މިޝޫގެ ފަރުވާގެ ކަންތަކުގެ ވާހަކަ. އޭރުން އިތުރު ބަޔަކަށް ނޭނގި ވެސް މިޝޫއަށް ފަރުވާ ކުރިއަށް ގެންދެވޭނެ." މާކިން ބުނެލިއެވެ. ނާޒިލްގެ ވާހަކަ މާކިން ބުނެލުމާއެކު މިޝްޔާގެ ހަނދާނަށް އައީ އެންމެ އެތަނުގައި ހުރެ ނާޒިލް ދެއްކި ވާހަކަތަކެވެ. ނާޒިލްގެ އެ އަޅިކުލައިގެ ދެލޮލެވެ. އެ ދެލޮލުގައިވި ތޫނު ކަމެވެ. އެ ކަސްރަތީ ހަށިގަނޑެވެ. ނާޒިލް ކައިރިއަށް އައުމާއެކު އޭނާގެ ނޭފަތުގައި ޖެހުނު ފިރިހެން ސެންޓްގެ ވަސް ވެސް ހީވަނީ އަދިވެސް ހުރިހެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު