އިންޑިއާއިން ރާއްޖެއަށް އެތެރެކުރި ކޮންޓެއިނަރަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

އެމްޕީއެލްގެ ކޮންޓެއިނާ ޖަހާފަ ހުރި ސަރަހައްދެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަނޑުމަގުން މުދާ ބަރުކޮށްގެން އައި އިންޑިއާ ބޯޓެއްގެ ކޮންޓެއިނަރަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

އިތުބާރު ހުރި ފަރާތަކުން "ސަން" އަށް މައުލޫމާތުދިން ގޮތުގައި ދަޅު ކާނާގެ ގޮތުގައި ލިސްޓުކޮށްގެން މިދިޔަ ބުދަ ދުވަހު އިންޑިއާ އިން ރާއްޖެ އެތެރެކުރި ކޮންޓެއިނަރުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުއްޓެވެ. އެ ތަކެތި ހުރީ އެކި އެއްޗެއްސަށް އަޅައި ޕެކްކޮށްފައެވެ.

ކަސްޓަމްސް އިން އެ ޕްލެޓުތައް ބަލައި ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެގޮތުން އޭގައި ދެ ޕްލެޓުގެ މަސްތުވާތެކެތި ހުރި ކަމަށް "ސަން" އަށް މައުލޫމާތު ލިބިފައިވެއެވެ.

ނަމަވެސް ބަލާފާސްކުރުމުގެ ތެރޭގައި ފެނިފައިވަނީ ކޮން ވައްތަރެއްގެ އަދި ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް އެނގިފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ފުލުހުންނާއި ކަސްޓަމްސްއިން އަދި ވަކިއެއްޗެއް ނުބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް ދިރުވާލައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު 852 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސް އިން ވަނީ އަތުލައިގެންފައެވެ.

comment ކޮމެންޓް