އުންމީދުތަކުގައި ކުލަ ޖައްސައިދޭން މުޅި ފުވައްމުލަކުން ޚައިފްއާއެކު

ފުވައްމުލަކުން ޚައިފްއަށް މަރުހަބާ ކިޔަނީ -- ފޮޓޯ/ ބާބާ ގާޑިޔާ

ޚައިފް އަހުމަދު (ޗައިނާ) 34، އަކީ މީގެ 10 އަހަރު ކުރިން ކުރިމަތިވި ހާދިސާއަކާ ގުޅިގެން އުނަގަނޑުން ތިރި ވާގިނެތިފައިވާ ޒުވާނެކެވެ. ނަމަވެސް އޭގެ ކުރިން، އޭނާ އެންމެ ކުޑައިރުން ފެށިގެންވެސް ކުރަން ވަރަށް ބޭނުންވި ކަމެއް އޮތެވެ. ރާޅާ އަޅަން ފޯރި ހުންނަ ޚައިފް އަބަދު ވެސް ދެކެމުން އައި އެއް ހުވަފެނަކީ، ފުވައްމުލަކު ރާޅުގަނޑުގައި ރާޅާއަޅާލުމެވެ.

ދެހާސް ބާރަ ވަނަ އަހަރު ޚަލަފް ބަލިވުމުގެ ކުރިންވެސް އެތައް ފަހަރަކު އޭނާ ފުވައްމުލަކަށް ދާން މަސައްކަތް ކުރިއެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ ކޮންމެ ފަހަރަކުވެސް ދަތުރު ކެންސަލް ވާކަމަށް އޭނާ ކިޔައިދިނެވެ.

އުމުރުން 15 އަހަރުން ފެށިގެން 18 އަހަރު ވަންދެން އޭނާ ސަފާރީއެއްގައި މަސައްކަތް ކުރި އިރު ވެސް ފުވައްމުލަކަށް ދާން އުންމީދު ކުރިއެވެ. އެންމެ ފުރަތަމަ މަސައްކަތް ކުރި ސަފާރީ ދަތުރުކުރަނީ މާލެ އަތޮޅުގައި ކަމުން ފުވައްމުލަކާ ހަމައަށް ނުދެވުނީއެވެ.

ޚައިފް ދެން މަސައްކަތް ކުރި ޑައިވިން ސަފާރީވެސް ފުވައްމުލަކާ ހިސާބަކަށް ނުދެއެވެ. އޭގެ ފަހުން ލޯންޗެއްގައި މަސައްކަތް ކުރި އިރުވެސް ފުވައްމުލަކަށް ފޭބޭ ގޮތެއް ނުވިއެވެ. އޭރުވެސް އާޅާ އަޅާ ސާމާނު އަތުގައި ހުރުމާއެކު، ކިރިޔާވެސް ފުރުސަތެއް ލިބިއްޖެ ނަަމަ، އޭގެ ބޭނުން ހިފަން ޚައިފް ހުރީ ތައްޔާރަށެވެ.

އުންމީދުގެ ހުޅުކޮޅު ދިއްލުނު ނަަމަވެސް، އެ ހުޅުކޮޅު ނިވުނީ، އައްޑޫއަށް ދާން ދަތުރެއް ލިބި، ފަހުން އެ ދަތުރު ކެންސަލްގެ ހދ. އަށް ދާން ޖެހުމުންނެވެ. އޭރު އުމުރުން 18 އަހަރުން ފެށިގެން 22 އަހަރު ވަންދެން އޭނާ އުޅުނީ ލޯންޗްގައެވެ.

ފުވައްމުލަކުން ޚައިފްއަށް މަރުހަބާ ކިޔައީ -- ފޮޓޯ/ ބާބާ ގާޑިޔާ

ލިބިފައި ބީވި ނަސީބަށްފަހު، ފީނުމަށް ޚައިފް ރ އަތޮޅުގައި އުޅެނިކޮށް، އުމުރުން 23 އަހަރުގައި ދިމާވި ހާދިސާއަކާއެކު އޭނާގެ އުނަގަނޑުން ތިރި ވާގި ނެތުނީއެވެ. އޭގެ ފަހުންވެސް ރައްޓެހިންގެ އެހީތެރިކަމާއެކު އުފަން ރަށް މ. މުލީގައި ރާޅާ އަޅަން ދާ ޚައިފްއަށް ފުވައްމުލަކަށް ގޮސްލެވޭނެ ނަމައޭ އޭނާ އަބަދުވެސް ހިތަށް އަރައެވެ.

އޭގެ ފަހުން، ރައްޓެއްސެއް ދިން ފުރުސަތަކާއެކު ފުވައްމުލައް ބަލާލަން ދިއުމަށް އޭނާއަށް މަގުފަހިި ނަމަވެސް އެ ފުރުސަތުވެސް ބަންދުވީ، ގޭގައި އިތުރު މީހަކު ނެތުމުން، މަޑުކުރަން މަންމަ އެދުނު އެދުމަށް އިޖާބަ ދިނުމުންނެވެ.

ނުލިބުނު ހުރިހާ ފުރުސަތަކާކަށް ފަހު، ޚައިފްއަށް މިދިޔަ މަހުގެ ތެރޭގައި މިދަތުރު ލިބުނުގޮތް ހިއްސާކުރަމުން އޭނާ ބުނީ، އެއް ރެއަކު ނިދަން އުނދަގޫވެގެން، އެކި ކަހަލަ ވީޑިއޯތައް ބަލަން އޮވެވުނީ ކަމަށެވެ.

ގޭމު ކުޅުމަށްވެސް ފޯރިހުންނަ ޚައިފް، އެރޭ ގޭމުގުޅޭ ހިތް ނުވެ ވީޑިއޯ ބަލަން އޮތުން ވެގެން ދާނީ ޚައިފްގެ ނަސީބު އަތުގައި ހިފުން ކަން އޭރު ރޭކާވެސް ނުލައެވެ.

ޚައިފް ރާޅާ އަޅަނީ --

"ވަރަށް ކުރީއްސުރެ، ވަރަށް ކުޑައިރުއްސުރެން، މިތާގަ މި ރާޅުގަނޑު އިންނަކަން އެނގޭ، ރާއްޖޭގެ ހަމައެކަނި ބީޗްބްރޭކެއް އިންނަނީ މިތާނގަކަން. އެހިސާބުން ފެށިގެން ވިސްނާފަ އިންނަނީ، ކޮންމެވެސް ދުވަހަކުން އިރާދަކުރެއްވިއްޔާ މިހިސާބަށް އަންނާނަމޭ، ރާޅާ ޖައްސާލަން،" ޚަލަފްގެ އުންމީދުތައް ކިޔައިދިނެވެ.

އަބަދުވެސް ފުވައްމުލަކު ރާޅުގަނޑަށް ލޯބިކުރާ ޚައިފްއަށް އެރޭ ފެނުނު ފުވައްމުލަކުގެ ވީޑިއޯކޮޅެއް ހިއްސާކޮށްލައި، އެރަށަށް ދިއުމަކީ އުންމީދެއް ކަމަށް ލިލެޔުމަށްފަހު ދިނީ، އަނެއްދުވަހު އެރި އިރާއެކު، އޭނާގެ ހުވަފެނުގައި ކުލަ ޖެހޭނެކަމުގެ އަލިކަން ދެކުމުގެ އުންމީދުގައެއް ނޫނެވެ.

ޚައިފްއަށް އެންމެ ފުރަތަމަ މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނީ، މިހާތަނަށް ދުވަހަކުވެސް ދިމާވެފައި ނުވާ އެހެން ނަމަވެސް ވަރަށް ހެޔޮއެދޭ ރައްޓެއްސެކެވެ.

"އަނެއްދުވަހު ހެނދުނު ރަޝް ގުޅަނީ، ގުޅާފަ ބުނީ، ތިމަންނައަށް ވީ ވަރަކުން ތިމަންނަ މަސައްކަތް ކޮށްދޭނަމޭ. އިރާދަކުރެއްވިއްޔާ ތިކަން ވާނެއޭ. މިފަހަރު ދެވޭނެއޭ ފުވައްމުލަކާ ހިސާބަށް. ތިމަންނަ ރައްޓެހިން ފުދޭވަރަކަށް ތިބޭނޭ ފުވައްމުލަކުގަ،" ޚައިފްގެ މި ދަތުރު ފެށުމުގެ އަސްލު އޭނާ ކިޔައިދިނެވެ.

އެކުވެރިޔާގެ އެދުމަށް، ފުވައްމުލަކު އެކި ފަރާތްތަކަށް ޚައިފްގެ ފޯނު ނަންބަރު ދިނަސް އެންމެ ރަނގަޅުކަމުގައި ބުނަމުން ޚައިފް ފޯނު ބޭއްވިތާ މާ ގިނައިރެއް ނުވެ އެކި މީހުންގެ ފޯނު ކޯލުތައް އަންނަން ފެށީއެވެ.

ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާޢީލް ރަފީގް ވެސް ހިމެނޭ ގޮތަށް، އެރަށުގެ އެކި ވިޔަފާރި ވެރިންނާއި އަމިއްލަ ފަރާތްތަކުން، ޚައިފްގެ ހަ ދުވަހުގެ ހުރިހާ ޚަރަދެއް ސްޕޮންސާކޮށްދިނީއެވެ.

މުލިން ފުރައިގެން ފުވައްމުލައް ސިޓީއާ ހަމައަށް ދަތުރު ކުރުމަށާއި، އެ ހަފްތާވަންދެން ހުރުމާއި ހުރިހާ ވޭލާ ކެއުން އަދި ކޮފީ ޚަރަދުވެސް ހިމެނޭގޮތަށް، އެކި މީހުން އެކި ކަންކަން ކޮށްދޭން ނިންމީއެވެ.

ޕޯސްޓަށް ދެދުވަސްވި އިރު ދަތުރުގެ ހުރިހާ ކަމެއް ހަމަޖެހުނު ނަމަވެސް، އޭނާއާއެކު ދާ އެކުވެރިޔާއަށް ޗުއްޓީ ހަމަޖެހެންދެން ދަތުރު މަޑުޖައްސާލީއެވެ.

ފުވައްމުލަކުން ޚައިފްއަށް މަރުހަބާ ކިޔަނީ -- ފޮޓޯ/ ބާބާ ގާޑިޔާ

ފުވައްމުލަކަށް ދެވުމާއެކު ފޯނުން އިންޓަވިއު ދެމުން ޚައިފް ބުނީ، އެހީތެރިވެދިން މީހުންގެ އަދަދު ގިނަ ކަމުން އެންމެންގެ ނަންތައް ބުނެދޭން ދަތި ކަމަށެވެ.

އެހީތެރިވެދިން އެންމެންނަށް އަދާކުރާ ޝުކުރުގެ ބަހަކުން، އެ އެންމެން ކޮށްދިން ހެޔޮކަމުގެ އަގު ވަޒަން ނުކުރެވޭނެ ކަމަށް ޚައިފް ބުންޏެވެ.

"ވަރަށް އުފާވި [ލެފި] ގަޑީގަ. އަނެއްކާ އެހާ ބައިވަރު މީހުން އައިސް ވެލްކަމް ކީމަ. އެކްސްޕެކްޓް ކޮށްގެން ހުރީ ހަމައެކަނި ސްޕޮންސާ ކުރި މީހުން ކަމަށް ތިބޭނީ،"

ފުވައްމުލަކަށް ލެފުމާއެކު ލިބުނު މަރުހަބާއިންވެސް ޚައިފް ހައިރާން ކޮށްލިއެވެ.

ފުވައްމުލަކަށް ދެވުމުން ކުރެވުނީ ކޮންކަހަލަ އިހުސާސެއްތޯ އަހާލުމުން ޚައިފް ފުރަތަމަވެސް ހިނިގަނޑެއް ޖަހާލީއެވެ. އަދި ބުނީ، މިހުރީ ވަރަށް އުފާވެފައި ކަމަށެވެ.

ކޮންމެއަކަސް، ޚައިފްގެ އަބަދުގެވެސް ހުވަފެނުގައި ކުލަ ޖައްސައިދީ ފުވައްމުލަކުގެ ހިތްހެޔޮކަމުން ޚައިފް އުފަލުން ރޮއްވައިފިއެވެ.

comment ކޮމެންޓް