އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން ފާހަގަކޮށްލެވޭ އެވޯޑްތަކެއް އުރީދޫއަށް

އުރީދޫގެ ވެބްސައިޓް

"އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސް 2022" އިން ފާހަގަކޮށްލެވޭ އެވޯޑްތަކެއް އުރީދޫ އިން ހާސިލު ކޮށްފިއެވެ.

އުރީދޫ އިން ބުނީ 19 ވަނަ އޭޝިއާ ޕެސިފިކް އެވޯޑުން ފާހަގަކޮށްލެވޭ ރަނގަޅު އެވޯޑުތަކެއް އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އަދި އެކަން އިއުލާނު ކުރުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ފަހަރުގެ އޭޝިއާ ޕެސިފިކް އެވޯޑުން އޫރީދޫ އިން ވަނީ ގޯލްޑް ސްޓީވީ އެކްސަލަންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް އެވޯޑާއި ސިލްވާ ސްޓީވީ އެކްސެލެންސް އިން އިނޮވޭޝަން އިން ކޮންސިއުމާ ޕްރޮޑަކްޓް އެންޑް ސާވިސް އިންޑަސްޓްރީސް އެވޯޑު އަދި ބްރޮންޒް ސްޓީވީ އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް އެވޯޑު ހާސިލު ކޮށްފައެވެ.

އެ އެވޯޑުތަކާއި ގުޅިގެން އުރީދޫގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވީ ޑިޖިޓަލް ޚިދުމަތްތަކާއި އީޖާދީ ހައްލުތައް މެދުވެރިކޮށް ކަސްޓަމަރުންނާއި މުޖުތަމައުތަކަށް ފުރުސަތުތައް ފަހިކޮށްދިން އެ ކުންފުނީގެ އިސްނެގުންތަކަށް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"ޕެންޑެމިކްގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް ވަރަށް އިޚްލާޞްތެރިކަމާއި ބުރަ މަސައްކަތުން، އަޅުގަނޑުމެންގެ ޓީމުން އީޖާދީ ޚިދުމަތްތައް ތަޢާރަފްކޮށް، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް ޙިދުމަތްތައް ކުރިއަރުވައި ފަސޭހަ ގޮތްތައް ފަހިކޮށްދިން. އަޅުގަނޑުމެންގެ ޚިދުމަތްތައް ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުކޮށް، މުޅި ކަސްޓަމަރ އެކްސްޕީރިއަންސް ރަނގަޅުކުރުމަށް ހިތްވަރާއި ޝައުޤުވެރިކަމާއެކު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ މުޅި ޓީމަށް އަޅުގަނޑު ތަހުނިޔާ އާއި މަރުހަބާ ދަންނަވަން،" ޚާލިދު ވިދާޅުވިއެވެ.

ޑިޖިޓަލް ރާއްޖެއެއް ޤާއިމުކުރުމަށް އުރީދޫ އަމާޒާ އެއްގޮތަށް ޑިޖިޓަލް ޙިދުމަތްތަކުން ހުޅުވިގެންދާ ފުރުސަތުތައް މުޖުތަމައުއަށާއި ވިޔަފާރިތަކަށް ހުޅުވާލުމަށް އުރީދޫއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ. ކުދި ވިޔަފާރިއާއި އޮންލައިން ރީޓެއިލަރުންނަށް އިތުރު ކަސްޓަމަރަނުންނަށް ވާސިލްވުމަށް މަގުފަހިކޮށްދިނުމުގައި މޫލީ އިން މުހިންމު ދައުރެއް އަދާކުރާއިރު، އެމްފައިސާ މެދުވެރިކޮށް ބިލް ދެއްކުމާއި އޮންލައިން ޕްލެޓްފޯމްތަކާއި ކެފޭ އަދި ފިހާރަތަކަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކުމުގެ ފަސޭހަކަމަކީ އެކުންފުނިން ޑިޖިޓަލް ރާއްޖެއެއް ގާއިމުކުރުމަށް ކުރި ފާހަގަކޮށްލެވޭ ކަންކަމެވެ.

މިދިޔަ އަހަރުގެ އޭޝިއާ ޕެސިފިކް އެވޯޑުގައި ވެސް އުރީދޫއިން ވަނީ ދެ އެވޯޑެއް ހާސިލު ކޮށްފައެވެ. އެގޮތުން ސިލްވާ ސްޓީވީ އެވޯޑަކާއި ބްރޮންޒް ސްޓީވީ އެވޯޑެއް އެ ކުންފުނިން ވަނީ ހާސިލުކޮށްފައެވެ. ސިލްވާ ސްޓީވީ ދީފައި ވަނީ މޯސްޓް ވެލުއަބަލް ކޯޕޮރޭޓް ރެސްޕޯންސް ދާއިރާއިން ކޮވިޑް-19އާ ގުޅިގެން އުރީދޫ އިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަ ކުރުމުގެ ގޮތުންނެވެ. އަދި ބްރޮންޒް ސްޓީވީ އެވޯޑް ދީފައި ވަނީ އެކްސެލެންސް އިން އިނޮވޭޝަން އިން ކޮންސިއުމާ ޕްރޮޑަކްޓް އެންޑް ސާވިސް އިންޑަސްޓްރީސް ދާއިރާއިން މޫލީ އަދި އެމްފައިސާގެ ހިދުމަތަށެވެ.

ރާއްޖޭގެ ރައްޔިތުންނާއި އޮންނަ ގާތް ގުޅުން ދަމަހައްޓާ، ބާރު ސްޕީޑެއްގައި ބަދަލުވަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ އާއި ދިވެހިން ގުޅުވާލަދީ، އިތުރު ފުރުސަތުތަކާއި އެކު ދިވެހިންގެ ދިރިއުޅުމަށް އިތުރު ފަހިކަމެއް ގެނެސްދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ އެންމެ މުހިންމުކަމެއްގެ ގޮތުގައި ދެކިގެން ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން އުރީދޫ އިން ދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް