މާނޭ ހޯދުމަށް ބަޔާނުން ހުށަހެޅި ދެވަނަ ބިޑު ވެސް ލިވަޕޫލުން ރިޖެކްޓު ކޮށްލައިފި

ލިވަޕޫލްގެ ސާޑިއޯ މާނޭ---

ލިވަޕޫލަށް ކުޅެމުން އަންނަ ސާޑިއޯ މާނޭ ހޯދުމަށް ޖަރުމަނުގެ ބަޔާން މިއުނިކުން ހުށަހެޅި ދެވަނަ ބިޑަށް ވެސް ލިވަޕޫލުން ނޫނެކޭ ބުނެފިއެވެ.

މިދިޔަ ހަފްތާގައި ބަޔާނުން ވަނީ އޭނާ ހޯދުމަށް 35 މިލިއަން ޔޫރޯގެ ހުށަހަޅާފައެވެ. އެއީ ބަޔާނާއެކު ޗެމްޕިއަންސް ލީގު ތިން ފަހަރު ހޯދައިފިނަމަ އޭނާއަށް ލިބޭ 7.5 މިލިއަން ޔޫރޯ ހިމަނައިގެން އެ ޓީމުން ތައްޔާރުކޮށްފައިވާ އަގެކެވެ.

ނަމަވެސް ކުރީ ފަހަރެކޭ އެއްގޮތަށް ލިވަޕޫލުން އެ ހުށަހެޅުމަށް ވަނީ ނޫނެކޭ ބުނެފައެވެ. ބަޔާނުން އެންމެ ފުރަތަމަ މާނޭ ހޯދުމަށް ލިވަޕޫލަށް ހުށަހަޅައިފައިވަނީ 24 މިލިއަން ޔޫރޯ އަށެވެ.

މާނޭ ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމަށް އަދި ބާކީ އެއް އަހަރު އެބައޮތެވެ. ނަމަވެސް ބަޔާނުން ތިން އަހަރު ދުވަހުގެ މުއްދަތަކަށް އޭނާ ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ބަޔާން މިއުނިކްގެ "ގޯލު މެޝިން" ރޮބާޓް ލެވެންޑޯސްކީ ވަނީ މި ޓްރާންސްފާ މާކެޓުގައި އެ ޓީމު ދޫކޮށްލައި އެހެން ޓީމަކަށް ބަދަލުވާނެކަމަށް ބުނެފައެވެ.

އެހެންކަމުން އެތަން ފޫބެއްދުމަށް ހޯދާ ކުޅުންތެރިންގެ ތެރޭގައި އެ ޓީމުން އެންމެ ގަޔާވާ ކުޅުންތެރިއަކީ މާނޭއެވެ.

ލެވެންޑޯސްކީ މި ސާޒަނަށް ފަހު ޓީމު ދޫކޮށްލާނެކަން ބުނި ނަމަވެސް އޭނާ ދެން ދާނީ ކޮން ޓީމަކަށް ކަމެއް އަދި އޭނާ ބުނެފައެއް ނުވެއެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ލެވެންޑޯސްކީ ބާސެލޯނާއަށް ގުޅުން ވަރަށް ގާތެވެ.

comment ކޮމެންޓް