ދަރިމައިވުމުގެ ޒަމާނީ ގޮތްތަކުގެ ތެރެއިން ... (2)

މާބަނޑު އަންހެނަކު މަގުމަތީގައި -- ސަން ފައިލް ފޮޓޯ

އެސިސްޓެޑް ރީޕްރޮޑަކްޓިވް ޓެކްނޮލޮޖީ (ART) ގެ ތެރޭގައި ހިމެނޭ، އާޓިފިޝަލް އިންސެމިނޭޝަންގެ ޝަރުޢީ ޙުކުމާ ބެހޭގޮތުން، ކުރީގެ މަޒުމޫނުގައި ވާހަކަ ދައްކާފައިވާނެއެވެ. މި މަޒުމޫނުގައި ބަލައިލާފައިވާނީ އައިވީއެފް އާއި، ހަދިޔާކޮށްފައިވާ ބިސް ނުވަތަ ދަރިފަންޏާއި އަދި ސަރޮގޭޓް މަދަރ ގެ ޝަރުޢީ ޙުކުމްތަކާ ބެހޭގޮތުންނެވެ.

އިން ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް)

މިއީ ލެބޯޓަރީގައި ދަރިމައި ކުރުވުމެވެ. މިކަން ކުރުމަށްޓަކައި، ދަރިމައިވުމަށް ފައްކާވެފައިވާ ބިސް ތަބީއީ ގޮތުން ދޫވުމުގެ ކުރިން ރަހިމުން ނެގުމަށްފަހު ފިރިހެނާގެ ދަރިފަންޏާ އެއްކޮށް، ދަރިމައިވަންދެން ލެބޯޓަރީގައި ބަހައްޓައެވެ. އަދި ކާމިޔާބުކަމާއެކު ދަރިމައިވާ ބިސް އަލުން އަނބުރާ އަންހެންމީހާގެ ރަހިމުގެ ތެރެއަށް ލައެވެ. މިއަށް ޓެސްޓު ޓިއުބު ބޭބީ އޭވެސް ކިޔައެވެ.

އައިވީއެފް ގެ ޝަރުޢީ ޙުކުމް

- އެކަމަށް ޒަރޫރަތެއް އޮތްނަމަ، އަނބިމީހާގެ ބިހާއި ފިރިމީހާގެ ދަރިފަނި ބޭނުންކޮށްގެން ލެބޯޓަރީގައި ދަރިމައިކޮށް، އަނބުރާ އަނބިމީހާގެ ރަޙިމަށް ލައިގެން ދަރިން ހޯދުން ހުއްދަވާނެކަމަށް ގިނަ ދަންނަބޭކަލުން ވިދާޅުވެއެވެ. މިހާލަތު މަނާކުރަންޖެހޭ ޝަރުޢީ އެއްވެސް ސަބަބެއްނެތް ކަމަށް އެބޭފުޅުން ދެކިލައްވައެވެ. ކައިވެނި ކުރުމާއި ދަރިން ހޯދުމާއި، ބަލިތަކަށް ބޭސް ފަރުވާ ކުރުމާ ބެހޭގޮތުން ހުރި ދަލީލުތަކަށް ބެލުމުން މިކަން ހުއްދަވާނެކަން ސާފުކޮށް އެނގޭނެއެވެ.

- އަނބިމީހާގެ ބިހާއި އޭނާގެ ފިރިމީހާނޫން އެހެން މީހެއްގެ ދަރިފަންޏާ އެއްކުރުމަށްފަހު ލެބޯޓަރީގައި ދަރިމައިކޮށް، އަލުން، އަނބިމީހާގެ ރަޙިމަށް ލުން ޙަރާމްވެގެން ވެއެވެ. އެހެނީ ތިމާއާ އެމީހަކާ ދެމެދު ޝަރުޢީ ކައިވެނީގެ ޢަޤުދަކުން ގުޅުމެއްނުވާ މީހެއްގެ ރަޙިމަށް ނުޠުފާއެއްލުމަކީ ޙަރާމް ކަމެކެވެ. އަދި މިއީ ޒިނޭކުރުމާ އެއްގޮތްވެގެންވާ ކަމެކެވެ.

ހަދިޔާކޮށްފައި ނުވަތަ ވިއްކާފައިވާ ބިހާއި ދަރިފަންޏާއި އެމްބްރިޔޯ

ހަދިޔާކޮށްފައި ނުވަތަ ވިއްކާފައިވާ ބިސް ނުވަތަ ދަރިފަނި ނުވަތަ އެމްބްރިޔޯ ބޭނުންކޮށްގެން ދަރިޔަކު ހޯދުން އިސްލާމީ ޝަރީޢަތުގައި ހުއްދަނުވާނެ ކަމަށް އިލްމުވެރިން ކަނޑައަޅުއްވާފައިވެއެވެ. އިންސާނާ އުފައްދަވާފައިވަނީ މަނިފޮދަކުން ކަމަށާއި އެއާއެކުގައި ނަސަބުގެ ގުޅުން ލެއްވެވިކަމަށް ﷲ އަންގަވާފައިވެއެވެ.(ފުރުޤާނު: 54) 'ހަދިޔާކޮށްފައިވާ' ބިހާއި ދަރިފަނި ނުވަތަ އެމްބްރިޔޯ ބޭނުންކޮށްގެން ކުއްޖަކު އުފަންވެއްޖެނަމަ، އެއީ ކައިވެނިކޮށްގެން ތިބި ދެމަފިރިންނޫން އެހެން މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތް ކުރެވޭނެ ދަރިއެކެވެ. ވީމާ އެއީ އިސްލާމްދީނުގައި ޞައްޙަ ނަސަބުގެ ގުޅުމެއް ދެމިގެން ދިއުމަށް އޮންނަ އުސޫލާ ފުށުއަރާނެ ކަމެކެވެ. ނަސަބު އޮޅުން ބޮޅުންވެގެން ދިއުމަކީ އޭގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވާނެ ކަމެކެވެ. މީގެތެރޭގައި، ކައިވެނި ޙަރާމް މީހަކާ (ނޭނގި) ކައިވެނި ކުރެވުމާއި ވާރުތަ މުދަލުގެ މައްސަލަފަދަ ކަންތައްތައް ހިމެނެއެވެ.

ސަރޮގޭޓް މަދަރ (ސަރޮގަސީ)

ބަދަލު މަންމަ ނުވަތަ އަނބިމީހާނޫން އެހެން އަންހެނެއްގެ ރަޙިމު ބޭނުންކޮށްގެން ދަރިން ހޯދުމުގެ ތަފާތު ގޮތްތައް ވެއެވެ. މީގެތެރެއިން، ތިރީގައިވާ ގޮތްތައް އިސްލާމީ ޝަރީޢަތުގައި މުޅީން ޙަރާމް ވެގެންވާކަމަށް ހުރިހައި އިލްމުވެރިން އިއްތިފާޤު ވެއެވެ.

(ހ) އަނބިމީހާގެ ބިހާއި އޭނާގެ ހަލާލު ފިރިމީހާގެ ދަރިފަނި އެއްކުރުމަށްފަހު އެހެން އަންހެނެއްގެ ރަޙިމަށް ލައިގެން ވިހެއުން [އަނބިމީހާގެ ބިސް + ފިރިމީހާގެ ދަރިފަނި + އަނބިމީހާނޫން އެހެން އަންހެނެއްގެ ރަޙިމު]

(ށ) އަނބިމީހާގެ ބިހާއި އޭނާގެ ހަލާލު ފިރިމީހާނޫން އެހެން މީހެއްގެ ދަރިފަންޏާ އެއްކުރުމަށްފަހު އެހެން އަންހެނެއްގެ ރަޙިމަށް ލައިގެން ވިހެއުން [އަނބިމީހާގެ ބިސް + ފިރިމީހާނޫން އެހެންމީހެއްގެ ދަރިފަނި + އަނބިމީހާނޫން އެހެން އަންހެނެއްގެ ރަޙިމު]

(ނ) ދެމަފިރީންކުރެ ފިރިމީހާގެ ދަރިފަނި ނެގުމަށްފަހު އޭނާގެ އަނބިމީހާނޫން އެހެން އަންހެނެއްގެ ބިހާ އެއްކުރުމަށްފަހު، އެހެން އަންހެނެއްގެ ރަޙިމަށް ލައިގެން ވިހެއުން [ފިރިމީހާގެ ދަރިފަނި + އަނބިމީހާނޫން އެހެން އަންހެނެއްގެ ބިސް + އަނބިމީހާނޫން އެހެން އަންހެނެއްގެ ރަޙިމު]

ހުއްދަވުމާއި ޙަރާމްވުމާމެދު އިލްމުވެރީންގެ މެދުގައި ޚިލާފު އުފެދިފައިވާ ހާލަތެއް

ދެމަފިރީންކުރެ އަނބިމީހާގެ ބިހާ ފިރިމީހާގެ ދަރިފަނި އެއްކުރުމަށްފަހު، ފިރިހެންމީހާގެ އެހެން އަނތްބެއްގެ ރަޙިމަށް ލައިގެން ވިހެއުން. [އަނބިމީހާގެ ބިސް + ފިރިމީހާގެ ދަރިފަނި + ފިރިމީހާގެ އެހެން އަނތްބެއްގެ ރަޙިމު]

مجمع الفقه الإسلامي ގެ 1404 ހ. ގެ 7 ވަނަ ބައްދަލުވުމުގައި ވަކި ޝަރުޠުތަކަކާއެކު މިހާލަތު ހުއްދަކުރައްވާފައިވީނަމަވެސް، 1405 ހ. ގައި ބޭއްވި އެ މަޖުމަޢުގެ 8 ވަނަ ބައްދަލުވުމުގައި ވަނީ އެ ގަރާރު ބާތިލުކުރައްވައި އެއީ ހުއްދަކަމެއްނޫން ކަމުގައި ކަނޑައަޅުއްވާފައެވެ.

މަނާ ކުރައްވާ އިލްމުވެރީންގެ ބަސްފުޅު

މި ހާލަތުގައި ދެވަނަ އަނބިމީހާ (އެބަހީ: ފުރަތަމަ އަނބިމީހާގެ ބިހާ ފިރިމީހާގެ ދަރިފަނި އެމީހާގެ ރަޙިމަށް ނަގުލު ކުރެވުނު އަނބިމީހާ) ގެ ރަޙިމުގައި ދަރިމައިވެ އުފަންވާ ދަރިފުޅުގެ ހަގީގީ މަންމައަކީ ކާކުކަމެއް ޔަގީނެއް ނުވެއެވެ. މި ހާލަތުގައި ފުރަތަމަ އަނބިމީހާގެ ފަރާތުން ދެވަނަ އަނބިމީހާގެ ރަޙިމަށް ނަގުލުކުރި ބިސް، ޢަލަޤާ ނުވަތަ މުޟުޣާގެ ހާލަތުގައި މަރުވެސް ވެދާނެއެވެ. އަދި އެއަށްފަހުގައި ދެވަނަ އަނބީމީހާގެ "އަސްލު" ބިހަކާ ފިރިމީހާގެ ދަރިފަނި ގުޅިގެން ދަރިއަކު އުފަންވުމުގެ ފުރުސަތު އެބަ އޮތެވެ. ހަމަ އެފަދައިން ފުރަތަމަ އަނބިމީހާގެ ފަރާތުން ދެވަނަ އަނބިމީހާގެ ރަޙިމަށް ނަގުލު ކުރެވުނު ބިސް އޭނާގެ ރަޙިމުގައި ދަރިމައިވެގެން ވިހެއުމުގެ ފުރުސަތުވެސް އެބައޮތެވެ. މިއީ ތަރިކަ މުދާ ބެހުންފަދަ ޝަރުޢީ ކަންކަމާ ގުޅޭގޮތުން މައްސަލަތައް އުފަންވުމަށް ހުޅުވޭ ދޮރެއްކަމުގައި ވެދާނެއެވެ.

ހުއްދަކުރައްވާ އިލްމުވެރީންގެ ބަސްފުޅު

އެކަމަށް ބޭނުންޖެހިއްޖެ ހާލަތުގައި، އެއްއަނތްބަށްވުރެ ގިނަ އަނބީން ތިބި މީހެއްގެ އަނތްބެއްގެ ބިސް ނެގުމަށްފަހު ފިރިމީހާގެ ދަރިފަންޏާ އެއްކޮށް އޭނާގެ އެހެން އަނތްބެއްގެ ރަޙިމަށް ލައިގެން ދަރިމައިކޮށް ވިއްސުން ހުއްދަވާނެކަމަށް رابطة العالم الإسلامي ގެ ފިޤުހު ކައުންސިލުގެ 7 ވަނަ ދައުރާގައި ބައިވެރިވެވަޑައިގެންނެވި ގިނަ ޢިލްމުވެރީން އެއްބަސްވެވަޑައިގެންފައި ވެއެވެ. އެހެންނަމަވެސް މިކަމުގައި ދެކަމެއް ޝަރުތު ކުރައްވާފައި ވެއެވެ. އެއީ: ފިރިމީހާގެ ނުޠުފާ އެހެން މީހެއްގެ ނުޠުފާއާ އެކުނުވާނެ ގޮތަކަށް ޔަޤީންކަމާއެކު އެކަން ކުރުމާއި، އެކަމަށް ހަމަ ކޮންމެހެން ބޭނުންޖެހިގެންނޫން ގޮތެއްގައި އެކަން ނުކުރުމެވެ.

ޕްރޮފެސަރ ޢާރިފް ޢަލީ ޢާރިފް ދެކެވަޑައިގަންނަވާ ގޮތުގައި އިސްވެދިޔަ ދެ ރައުޔުގެ ތެރެއިން އެންމެ ރަނގަޅު ރައުޔަކީ ހުއްދަކަމަށް ވިދާޅުވާ ރައުޔެވެ. އެހެނީ އެކަން މަނާ ކުރައްވާ ޢިލްމުވެރީން ވިދާޅުވާފަދައިން (އެމީހެއްގެ ރަޙިމަށް) ބިސް ނަގުލުކުރެވުނު އަނބިމީހާގެ ބަނޑުން އުފަންވާ ދަރީގެ އަސްލު މަންމައަކީ ކޮބައިކަމާމެދު ޝައްކު އުފެދުނަ ނުދިނުމަށްޓަކައި ވީ އެންމެ މަތީ ދަރަޖައަކަށް މަސައްކަތް ކުރުމަކީ އޮތް ކަމެކެވެ. ކުށެއް ކުރެވިދާނެކަމަށްޓަކައި ކަންތައްތައް ކުރުން މަނާ ކުރާނަމަ މިފަދައިން ހުރި އެއްވެސް ކަމެއް ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. އެހެންކަމުން އޮޅުންތަކުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާ ކުރުމާއެކު، ޙާޖަތުގެ ވަގުތުގައްޔާއި ޒަރޫރަތުގެ ވަގުތުގައި ހުއްދަ ކުރެވޭ ކަންތައްތައް ހުއްދަ ކުރުމުގެ މަގު ތަނަވަސް ކުރެވެން ޖެހޭނެއެވެ. އެހެންނޫންކަމުގައިވާނަމަ އިސްލާމްދީނުގައި ހުއްދަކުރެވިފައިވާ ކަމެއް ޙަރާމް ކުރެވުން ނުވަތަ ޙަރާމް ކުރެވިފައިވާ ކަމެއް ހުއްދަ ކުރެވުން ފަދަ ކަންތައް ކުރެވުން އެކަށީގެން ވެއެވެ.

(ނިމުނީ)

comment ކޮމެންޓް