ކަމަދޫގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށްދިނުމަށް އެދިއްޖެ

ބ. ކަމަދޫ ކައުންސިލާ ބައްދަލުކުރަށްވަން މިއަދު ރައީސް އޮފީހުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ބ. ކަމަދޫގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށްދިނުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ދަންނަވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައި ކަމަދޫ ކައުންސިލުން ވަނީ އެރަށުގައި ފުލުހުންގެ ޚިދުމަތެއް ގާއިމްވެފައި ނެތުމުން ކުރިމަތިވާ ދަތިތައް ރައީސާ ހިއްސާކުރައްވާފައެވެ.

އެކަމާ ގުޅިގެން "ސަން" އާ ވާހަކަދައްކަވަމުން އެރަށު ކައުންސިލްގެ މެމްބަރު މަރިޔަމް ނަފްހަތު ވިދާޅުވީ ކަމަދޫއަކީ ނިސްބަތުން ކުށް ގިނަ ރަށެއްކަމަށެވެ. އަދި މާރާމަރީއެއް ނުވަތަ ވައްކަމުގެ ހާދިސާއެއް ހިނގައިފި ނަމަ ފުލުހުން ގެންނަނީ ކައިރި ރަށްރަށުން ކަމަށާއި، ފުލުހުން އަންނަން ވަރަށް ގިނަ އިރުނަގާކަމަށް އޭނާ ވިދާޅުވިއެވެ.

"މި ރަށާ އެންމެ ކައިރީގަ އޮންނާނީ އޭދަފުށި. އޭދަފުށިން ވެސް ފުލުހުން އަންނަން ވަރަށް ގިނަ އިރުނަގާ. ދެން މި ކަންކަމާ ކައުންސިލުން ފޭސްކުރަންވީމަ ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވޭ،" އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައީސް ޞާލިހް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށްދޭނެކަމަށެވެ.

ބ. ކަމަދޫ ކައުންސިލާ ބައްދަލުކުރަށްވަން މިއަދު ރައީސް އޮފީހުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މިއަދުގެ ބައްދަލުވުމުގައި ވަނީ ކަމަދޫ ކައުންސިލްގެ އިތުރު ކަންބޮޑުވުންތައް ވެސް ރައީސާ ހިއްސާކުރައްވާފައެވެ.

އެގޮތުން ރަށްގިރުމުގެ މައްސަލައާއި، ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި، މިސްކިތުގެ އިމާރާތް ގިނަ ދުވަސްވެފައިވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ކަމަދޫގައި ތަރައްޤީކުރާ ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ހިމެނެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި މައްސަލަތައް ހައްލުކުރުމަށް ކުރަށްވާ މަސައްކަތުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި އެދެވޭ ނަތީޖާއެއް ހޯދުމަށްޓަކައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ބައްދަލުވުންތަކުން ރަށްރަށުގެ ކަންކަމާގުޅޭގޮތުން ލިބޭ މަޢޫލޫމާތަކީ ކަންކަން ރަނގަޅުކުރުމަށް ވަރަށް ފަސޭހަވެގެންދާކަމެއްކަން ފާހަގަކުރައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް