ދިރުވާލައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު 800 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފި

ކަސްޓަމްސް މުވައްޒަފުންތަކެއް ލަގެޖް ސްކޭން ކުރުމުގެ މަސައްކަތް ކުރަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ދިރުވާލައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު 852 ގްރާމްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު ސްރީލަންކަން އެއާލައިންސްއިން އައި ފަސިންޖަރެއްގެ އަމަލުތައް ހުރި ގޮތުން، ޝައްކު ކުރެވިގެން ބަލާފާސްކޮށް، ސްކޭން ކުރިއިރު، އޭނާގެ އެތެރެހަށިން މަސްތުވާ ތަކެތި ފެނިފައިވާ ކަމަށެވެ.

އޭނާގެ އެތެރެހަށިން ނެގި 80 ބުލެޓް ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިންނަށް ޕޮޒިޓިވްވެފައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މީގެ އިތުރުން، އެ މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި، ޕެކިންއާއެކު 852 ގްރާމް ހުންނާނެ ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު މިލިއަނަކަށް އަރާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެ ތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލު ކޮށްފައެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުން ހުއްޓުވުމަށްޓަކައި ކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި މިދިޔަ ޖެނުއަރީ މަހުގައި ވަނީ ސްޕެޝަލް އޮޕަރޭޝަންގެ ޓެކްނިކަލް ޓީމެއް، މާލެއާ ރީޖަނަލް ކަސްޓަމްސްތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ.

comment ކޮމެންޓް