ސޮނީ ސްޕޯޓްސް ފެޝަންގެ އާ ނަމަކީ "ރާޅު"، ނަން ދިން ފަރާތަށް 25،000 ރުފިޔާ

ދިވެހިންގެ ތެރޭގައި މަގުބޫލު އެތައް ބްރޭންޑެއްގެ އަންނައުނު ލިބެން ހުންނަ ސޮނީ ސްޕޯޓްސް ފެޝަންގެ ނަން "ރާޅު ބައި ސޮނީ ސްޕޯޓްސް"އަށް ބަދަލުކުރަން ނިންމާ، އެ ނަން ދިން މީހާއަށް 25،000 ރުފިޔާގެ އިނާމެއް ދީފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 12އިން ފެށިގެން އެ މަހުގެ ނިޔަލަށް ސޮނީ ސްޕޯޓްސް އިން ވަނީ އެ ފިހާރައިގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް އާ ނަމެއް ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައެވެ. އެ ފުރުސަތުގައި، 1،000 އަށް ވުރެ ގިނަ މީހުން ވަނީ ތަފާތު އެކި ނަންތައް ހުށަހަޅާފައެވެ.

އޭގެ ތެރެއިން ހޮވާލެވުނު ތިން ނަމަކަށް ހިޔާލު ހޯދުމަށް މިދިޔަ މަހުގެ ތެރޭ އެ ފިހާރައިން ހުޅުވާލިއެވެ. އެ ތިން ނަމަކީ:

  • ސްވެލް
  • ރާޅު
  • ރިޕްޓައިޑް

މި ނަންތަކުގެ ތެރެއިން "ރާޅު" އިޚްތިޔާރު ކުރީ އާންމުންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނު ނަމަކީ އެއީ ކަމަށްވާތީއެވެ.

ސޮނީ ސްޕޯޓްސް ފެޝަންއަކީ ކުއިކް ސިލްވާ، ރޮކްސީ، ރިޕްކާލް އަދި ބިލަބޮންގް ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ އޮރިޖިނަލް އުފެއްދުންތައް ލިބެން ހުންނަ ފިހާރައެކެވެ.

comment ކޮމެންޓް