ރިފްއަތުގެ ފޯނަކަށް ވުމާއެކު، އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. އެއާއެކު އެކޮޅުން ބުނެލި ވާހަކައިން މާކިންއަށް ކީކޭ ހޭ އަހައިލެވުނެވެ.

މާކިންގެ މޫނުމައްޗަށް އަރާ ފައިބަމުންދިޔަ އަސަރުތަކުން ނާޒިލްއަށްވެސް ބޮޑުކަމެއް ވެއްޖެކަމުގައި ވިސްނުނެވެ. އޭނާ މަޑުކުރީ މާކިން ފޯނު ބާއްވަން ދެނެވެ.

"ކިހިނެއްވީ؟" މާކިން ފޯނު ބޭއްވުމާއެކު ނާޒިލް ސުވާލުކޮށްލިއެވެ.

"ހިނގާބަލަ ގެއަށް. ވަރަށް ބޮޑުކަމަކު." މާކިން ބުނެލިއެވެ. އެއަށްފަހު އޭނާ ތެދުވެލިއެވެ.

"ދަމުން އަހަރެން ކިޔައިދޭނަން ވެގެން އުޅޭ ގޮތް." މާކިން އަނެއްކާވެސް ބުނެލިއެވެ. ނާޒިލްވެސް އިތުރު ސުވާލެއް ކުރިމެއްނެތި މާކިންއާއެކު ކައުންޓަރާ ދިމާލަށް ހިނގައިގަތީ ބިލް ދައްކައިލުމަށެވެ. އަވަސް އަވަހަށް ބިލް ދައްކައިލުމަށްފަހު ދެމީހުން ރެސްޓޯރެންޓުން ނުކުމެގެން ކާރާ ދިމާލަށް ހިނގައިގަތެވެ. ވެގެން އުޅޭ ގޮތް މާކިން ކިޔައިދިނީ ދިޔަ މަގުމަތީގައެވެ. ގޭގެ ގޭޓުން ކާރު ވައްދައިލުމަށްފަހު، ޕާކުކޮށްލާފައި މާކިން ނާޒިލް ގޮވައިގެން އެތެރެއަށް ވަތްއިރު ރިފްއަތު ހުރީ ބޮޑުކޮޓަރީގައެވެ. ސޯފާމަތީގައި އޮތް މިޝްޔާ ފެނުމާއެކު މާކިންއަށް ބަލައިލެވުނީ ނާޒިލްއަށެވެ. މިޝްޔާ ފެނި ނާޒިލްއަށް ހުއްޓުން އަރާ ގޮތްވިއެވެ. އެއީ ފިހާރެތެރެއިން އޭނާއާ ދިމާވި އަންހެން ކުއްޖާއެވެ. އިތުރު ހައިރާންކަމެއް އޭނާއަށް ލިބުނީ އެއީ މާކިންގެ ކޮއްކޮއަށް ވީތީއެވެ. މިޝްޔާ ދިޔައީ ރޯމަހެއް ތެޅޭހެން ތެޅެމުންނެވެ. އޭނާގެ އަނގައިން ފާޑެއްގެ ފޮނުތަކެއް ފާޑު އެއްެޗެއް އައިސްފައި ހުއްޓެވެ.

"ކިހިނެއްވީ ބައްޕާ؟" މާކިންއަށް ސުވާލުކޮށްލެވުނެވެ.

"ބޭރަށް ގޮސްފަ އައިއިރު އޮތް ޙާލު މީ..." ރިފްއަތު ބުނެލިއެވެ.

"މީ ނާޒިލް. ޑޮކްޓަރެއް." މާކިން ނާޒިލްއަށް އިޝާރާތް ކޮށްލުމަށްފަހު މިޝްޔާއާ ކައިރިއަށް ޖެހިލިއެވެ. ނާޒިލް މިޝްޔާގެ ވިންދު ބަލައިލިއެވެ. މިޝްޔާގެ ވިންދު ދިޔައީ ހިނދެއް ހިނދަކަށް ދައްވަމުންނެވެ. މާކިން ވަނީ އައި މަގުމަތީގައި މިޝްޔާގެ ވާހަކަ ކޮންމެވެސް ވަރަކަށް ކިޔައިފީފައިކަމުން މިޝްޔާ ޑްރަގް އޯވަރޑޯޒް ވީކަން އޭނާއަށް އެނގުނެވެ. މިވަގުތު އޭނާއަށް ކުރެވޭނެ މާ ބޮޑުކަމެއް ނެތެވެ.

"މާކް. ވީހާވެސް އަވަހަށް ހޮސްޕިޓަލަށް ގެންދަން ޖެހޭނީ. އެހެންނޫނީ ފުރާނައަށް ނުރައްކާ ވެދާނެ." މިޝްޔާގެ ހުދުވަމުން ދިޔަ މޫނަށް ބަލައިލަމުން ނާޒިލް ބުނެލިއެވެ. މާކިންއަވަސް އަވަހަށް އެންބިއުލެންސްއަށް ގުޅައިލިއެވެ. ލަސްތަކެއް ނުވެ އެންބިއުލެންސްގެ ސައިރެންގެ އަޑު އިވުނެވެ. އެ ހުރިހާއިރު ނާޒިލް އޭނާއަށް ކުރެވުނު މަސައްކަތެއް ކުރިއެވެ.

މިޝްޔާ ހޮސްޕިޓަލަށް ގެންދެވުމާއެކު އެމަރޖެންސީގައި ފަރުވާކުރަން ފެށުނެެވެ. ޑިއުޓީގައި ނޫޅުނެއްކަމަކު ނާޒިލްވެސް އެތެރެއަށް ވަނެވެ. މިޝްޔާއަށް ފަރުވާދެމުން ދިޔައިރު އޭނާއަށް ބައިވެރިވަމުން ދިޔައެވެ. މިޝްޔާ ކުޑަކޮށް ހަމައަކަށް އެޅުމާއެކު ނާޒިލް ނުކުތެވެ.

"ކިހިނެއްވީ؟" މާކިން ހާސްވެފައި ސުވާލުކޮށްލިއެވެ.

"މިހާރު ރަނގަޅުވަމުން ދަނީ." ނާޒިލް ބުނެލިއެވެ.

"މިޝްޔާ ނަގާ ޑްރަގްގެ އެއްވެސް މައުލޫމާތެއް އެނގޭތަ؟" ނާޒިލް މާކިންއާ ސުވާލުކޮށްލިއެވެ.

"ބައްޕަ ބުނި ގޮތުން ވިއްޔާ އާއްމުކޮށް މިގެންގުޅޭ ޑްރަގްތައް ނަގާ. ދެން ޕާޓީ ޑްރަގް ވެސް ބޭނުންކުރޭ..." މާކިން ބުނެލިއެވެ. ނާޒިލް އަނެއްކާވެސް އެތެރެއަށް ވަދެލިއެވެ. އޭނާ ދެން ނުކުމެފައި އެތެރެއަށް ވަންނަން ބުނެލިއެވެ. މާކިންއާއި ރިފްއަތު ވަތްއިރު، މިޝްޔާއަށް އޮތީ ނިވިފައެވެ. އޮކްސިޖަން ގުޅާފައި އައިވީ ގުޅާފައި އޮތްއިރު އެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ.

"އަދި އޮބްޒަރވޭޝަންގައި ބާއްވަން އަހަންނަށް ފެންނަނީ." ނާޒިލް ބުނެލިއެވެ.

"ރޫމަކަށް ބަދަލު ކުރަން ބޭނުމިއްޔާ ކިހިނެއް ހަދަން ޖެހޭނީ؟" މާކިން ނާޒިލްއަށް ބަލައިލިއެވެ.

"ހިނގާ އަހަންނާއެކު." ކައުންޓަރާ ދިމާލަށް ހިނގައިގަންނަމުން ނާޒިލް ބުނެލިއެވެ. މާކިން ނާޒިލްއާއެކު ގޮސް މިޝްޔާ ޕްރައިވެޓް ކޮޓަރިއަކަށް ބަދަލުކުރުމުގެ ކަންތައްތައް ނިންމިއެވެ. ލަސްތަކެއް ނުވެ އޭނާ ކޮޓަރިއަކަށް ބަދަލުކުރެވުނެވެ.

ރިފްއަތު މިޝްޔާ ކައިރީގައި މަޑުކޮށްލިއެވެ. މާކިން ނާޒިލްއާ އެކު ނުކުތީ ބޭރަށެވެ. އެ ދެމީހުން މިޝްޔާއާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ.

"އަހަރެން ބޭނުންވޭ މިޝްޔާ ރަނގަޅުކުރަންވެސް. އެކަމަކު މާ ބޮޑަށް އެޑިކްޓް ވެފައި ހުރީ." މާކިންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

"މަސައްކަތް ކުރެވިދާނެ. ޑްރަގް ރިހަބިލިޓޭޝަން ސެންޓަރުތައްވެސް ހުރެއެއްނު" ނާޒިލް ބުނެލިއެވެ.

"ބައްޕަ ގަބޫލެއް ނުވާނެ. މިހާރުވެސް މިޝޫ އާ ހެދި ބޯ ގޮވާފަ އެ ހުންނަނީ... އަނެއްކޮޅުން މިކަންތައް މީޑިއާއަށް ނޫނީ އެކުގައި މަސައްކަތް ކުރާ މީހުންނަށް އެނގުނީމަ ބައްޕަގެ އަގުވސް ވެއްޓޭނެއޭ ބުނީ. އެކަމަކު އަހަރެން ބޭނުންވޭ ވީހާވެސް އަވަހަކަށް ފަރުވާ ފަށަންވެސް." މާކިން ނާޒިލްއަށް ބަލައިލިއެވެ. މާކިންގެ މޫނުމަތީގައި ވީ ހިތާމައިގެ އަސަރުތައް ނާޒިލް ދެނެގަތެވެ. މާކިން މިޝްޔާއަށްޓަކައި ކަންބޮޑުވެ ބިރުގަނެފައިވީ މިންވަރުވެސް މެއެވެ. ދުވަހަކުވެސް މާކިން އެހާ ހާސްވެފައި ހުއްޓާ އޭނާ ނުދެކެއެވެ.

"ޑޯންޓް ވޮރީ މާކް. އަދި އޯކޭވާނެ އިންޝާ ﷲ" މާކިންއަށް ހިތްވަރު ދިނުމުގެ ގޮތުން ކޮނޑުގައި އަތް ޖައްސައިލުމަށްފަހު، ނާޒިލް ބުނެލިއެވެ.

"ކަމެއް ކޮށްދީބަލަ!" ނާޒިލްއަށް ބަލައިލަމުން ކުއްލިއަކަށް މާކިން ބުނެލިއެވެ.

"ކޮންކަމެއް؟" އެކުވެރިޔާއަށް ބަލައިލި ނާޒިލް ބުމަ އަރުވައިލިއެވެ.

"މިޝޫގެ ފަރުވާ. ނާޒިލް ފަށަންވީނު. ސައިކޭޓްރިސްޓެއް ވީމަ އުނދަގުލެއް ނުވާނެއެއްނު." މާކިން ބުނެލިއެވެ. ނާޒިލް އިރުކޮޅަކު ވިސްނައިލުމަށްފަހު ބޯ ޖަހައިލިއެެވެ. އެކުވެރިޔާއަށް އެހީތެރިވާން އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ. އޭނާއާ ކުރިން މިޝްޔާ ދިމާވި ވާހަކަ ނާޒިލް މާކިންއާ ހިއްސާއެއް ނުކުރެއެވެ.

އެރޭ މިޝްޔާ ކައިރީގައި މަޑުކުރީ މާކިންއެވެ. ޖެހިގެން އައި ދުވަހު ހެނދުނު އޮފީހުގެ މުހިންމު ބައްދަލުވުމެއް އޮންނާތޯ ރިފްއަތު ދިޔައީ ގެއަށެވެ. ނާޒިލްވެސް ބާރަޖެހިފަހުން ދިޔައީ އޭނާގެ ޑިއުޓީ މާދަން ހެނދުނު އޮތީތީއެވެ.

****

ޖެހިގެން އައި ދުވަހު ނާޒިލް ހޮސްޕިޓަލަށް ވަނުމަށްފަހު އެންމެ ފުރަތަމަވެސް ބައްދަލުކުރީ މާކިންއާއެވެ. އޭރު މިޝްޔާއަށް އޮތީ ނިދިފައެވެ.

"ކިހިނެއްތޯ ބަލައިލަން މިއައީ. ރައުންޑްސް ފަށަން މިދަނީ. އަންނާނަން އަދި." ނާޒިލް ބުނެލިއެވެ. މާކިން ބަލައިލީ އޭރުވސް ނިދިފައި އޮތް މިޝްޔާއަށެވެ. އެހެން ކިޔާފައި ގޮސް ނާޒިލް އައީ އޭގެ ދެ ގަޑިއިރު ފަހުންނެވެ، އޭރު އޭނާގެ ކައިރީގައި އިތުރު ޑޮކްޓަރަކާއި ނަރުސް ކުއްޖަކު ވެސް ހުއްޓެވެ. ކައިރީގައި ހުރި ޑޮކްޓަރު އަތުގައި ޓެބްލެޓެއް އޮތެވެ. މިޝްޔާއަށް ހޭލެވުނީ ނާޒިލް އެތަނުގައި ހުއްޓައެވެ.

އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައުގަތީ ހުދުކުލައިގެ ސީލިންގެވެ. މަޑުމަޑުން އޭނާ ކަޅި އެކި ދިމަދިމާލަށް ހިންގައިލިއެވެ. އެއްވެސް ވަރަކަށް އޭނާގެ ގައިގައި ވަރެއް ނެތެވެ.

"މިޝްޔާ ކިހިނެއް؟" އިވުނު ފިރިހެންވަންތަ އަޑާއެކު މިޝްޔާއަށް އެ އަޑު އައި ދިމާލަށް ބަލައިލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު