ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ދަށުން ދިރާގުގެ ހައި ސްޕީޑު ފައިބާ އިންޓަނެޓު އަދި ދިރާގު ޓީވީގެ ޚިދުމަތް ހދ. ނައިވާދުއަށް ރަސްމީކޮށް ތައާރަފްކޮށްފިއެވެ.
މި ދެ ޚިދުމަތް ނައިވާދުށް ތައާރަފް ކުރީ އެ ރަށު ރައްޔިތުންނަށް ޚާއްސަ އޮފާތަކަކާއެކުއެވެ. އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑު ޕެކޭޖަށް އެޕްލައި ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާ އަށް ބޭނުންވާ ރައުޓަރު ނުވަތަ އޯއެންޓީ ހިލޭ ލިބޭނެއެވެ.
ދިރާގު ޓީވީ އަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވެސް ހިލޭ އެ ޚިދުމަތް ގުޅައިދިނުމުގެ އިތުރުން ޑީކޯޑަރު ވެސް ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިހާރު ނައިވާދޫގެ ރައްޔިތުންނަށް މުނިފޫހިފިލުވުމުގެ ކޮންޓެންޓުތައް އެއް ޕްލެޓުފޯމަކުން ލިބޭނެއެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑުގެ ޚިދުމަތަކީ މިހާރު ރާއްޖޭގައި ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓުވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 84 އިންސައްތަ އަށް މި ޚިދުމަތް އެ ކުންފުނިން ފޯރުކޮށްދީފައިވާ އިރު އޭގެ ތެރޭގައި 85 ރަށް ހިމެނެއެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ.
ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.