ސްޓެލްކޯގެ ފުލެޓުތަކަށް އެކުންފުނީގެ ހަރަދުގައި ކަރަންޓު ދެނީ

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުން ބާއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ސްޓެލްކޯ

ސްޓެލްކޯ ސްޓާފް ހައުސިން ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ ފްލެޓުތަކަށް އަމިއްލަ ހަރަދުގައި ކަރަންޓު ދިނުމަށް ފާސްކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ސްޓެލްކޯ ހިޔާގެ ދެ ޓަވަރަކަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ނިންމާފައި ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ރޭ ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގެ މީޑިއާ އޮފިޝަލު އަހުމަދު މުހައްމަދު ވިދާޅުވީ މިހާރުވެސް މުވައްޒަފުން ދަނީ ފުލެޓުތަކަށް ލާރި ދައްކަމުން ކަމަށާއި އެ ފުލެޓުތަކަށް ކަރަންޓުލާން މިހާރު އެޗްޑީސީން ހަވާލުކޮށްފައިވާ ކުންފުނިން ކަރަންޓުލާ އެއްކޮށް ނިމޭނީ ސެޕްޓެންބަރު މަހު ކަމަށެވެ. އަދި އޭރުން މާ ލަސްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފުލެޓުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފަ އޮތަސް ކަރަންޓުލުން އެބަ މާ ލަސްވޭ. ލާރި ދައްކާ މުވައްޒަފުންނަށް ވެސް ވާނީ ބޮޑު ބުރައަކަށް. އެހެންވެ އެގޮތަށް ބޯޑުން ފާސްކުރީ،" އަހުމަދު ވިދާޅުވިއެވެ.

ކުންފުނިތަކުގެ ފުލެޓުތަކަށް ކަރަންޓު ނެޓުވޯކު ޑިޒައިން ކުރުމަށް އެޗްޑީސީ އިން މިހާރު ހަވާލު ކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކާއެވެ. އެމީހުންގެ މަސައްކަތް ނުނިމި ލަސްވާތީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ ވަގުތީ ހައްލެއް ހޯދައިގެން ވެސް އަންނަ ޖުލައި މަހު ފުލެޓުތަކަށް މީހުން ވައްދާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިން އެޗްޑީސީން ވަނީ ކަރަންޓު ނެޓްވޯކްގެ ޑިޒައިނިންގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ނިންމާލެވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އެ މުއްދަތަށްވުރެ އަވަސްކުރަން ބޭނުންވާނަމަ ކޮންމެ ކުންފުންޏަކުން ވެސް އަމިއްލަ ހަރަދުގައި އެކަން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީން އޭރު ވަނީ ބުނެފައެވެ.

comment ކޮމެންޓް