އިނގިރޭސިވިލާތުގައި ކޮންމެ ހަފުތާއަކު މަސައްކަތް ކުރާ ދުވަސްތައް ހަތަރު ދުވަހަށް ހެދުމަށްޓަކައި ގާނޫނެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
އާންމުކޮށް ދުނިޔޭގެ މަސައްކަތުގެ މާހައުލުގައި ކޮންމެ ހަފުތާއެއްގެ ފަސް ދުވަހު މަސައްކަތް ކުރާނެއެވެ. މި ގަވާއިދުތަކަކީ ގިނަ ފަހަރަށް ސިވިލް ސާވިސް އާ ގުޅިފައިވާ ގަވާއިދަކަށް ވި ނަމަވެސް ދުނިޔޭގެ ގިނަ ހިސާބުތަކުގައި މިހާރު ވެސް ރަސްމީކޮށް މަސައްކަތް ކުރާނީ ފަސް ދުވަހެވެ.
ނަމަވެސް ހަފުތާގެ ގިނަ ދުވަސް މަސައްކަތުގައި ހޭދަކުރުމަކީ އިންސާނާގެ ދުޅަހެޔޮ ކަމަށް އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ސައިންސުވެރިން އަންނަނީ ބުނަމުންނެވެ.
މިކަމަށް ބަދަލު ގެނައުމަށްޓަކައި އިނގިރޭސިވިލާތުގައި އަންނަނީ މަސައްކަތުގެ އާ ގަވާއިދުތަކެއް ހެދުމަށް ގާނޫނެއް ތައާރަފުކުރުމަށެވެ. އެ ގާނޫނާއެކު އެންމެ ބޮޑަށް އަންނާނެ ބަދަލަކީ ރަސްމީކޮށް މަސައްކަތް ކުރާ ދުވަސް ފަސް ދުވަހުން ހަތަރު ދުވަހަށް ބަދަލުވެގެން ދިޔުމެވެ.
މި ގާނޫނު ތަންފީޒުކުރުމުގެ ކުރީން އެ ގާނޫނުގެ ފީޒިބިލިޓީ ބެލުމަށްޓަކައި އަމިއްލަ 70 ކުންފުންޏެއް ބައިވެރިކޮށް ޕައިލެޓް ޕްރޮގްރާމެއް ވެސް ވަނީ ފަށާފައެވެ. އެ ޕްރޮގްރާމުގައި ކުންފުނީގެ މުވައްޒަފުންގެ މުސާރަ އަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި މަސައްކަތް ކުރާ ދުވަސް މަދު ކުރުމަށް ނިންމާފައިވެއެވެ.
އޭގެ ނަތީޖާ ވެސް ފެނިގެން ދިޔައީ ވަރަށް ރަނގަޅަށެވެ. އެ ޕްރޮގްރާމް ބަލަހައްޓަން ތިބި އޮކްސްފޯޑު ޔުނިވާސިޓީގެ ރިސާޗަރުން ބުނިގޮތުގައި ޕައިލެޓް ޕްރޮގްރާމް ވަރަށް ވެސް ކާމިޔާބު ކަމަށެވެ. ޕައިލެޓް ޕްރޮގްރާމުން ފެނުނު ގޮތުގައި، ހަފުތާގައި މަސައްކަތް ކުރަން ޖެހޭ މިންވަރު މަދުވުމުގެ ސަބަބުން މަސައްކަތް ކުރާ ދުވަސްތަކުގައި މުވައްޒަފުން ކުރާ މަސައްކަތުގެ ކޮލިޓީ ރަނގަޅެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މާ ބޮޑަށް ވެސް ރަނގަޅަށް މަސައްކަތް ކުރާތައް މި ޕްރޮގްރާމުން ފެނިގެން ދާ ކަމަށް ރިސާޗަރުން ބުނެއެވެ.
މި ޕްރޮގްރާމް އާ ގުޅޭގޮތުން އިތުރަށް ކުރަން ހުރި ދިރާސާތައް ނިންމުމަށްފަހު ވަރަށް އަވަސް މުސްތަގުބަލެއްގައި މި ގާނޫނު ތަންފީޒު ކުރެވޭނެ ކަމަށް ބަލާ ކަމަށް ރިސާޗަރުން އުއްމީދު ކުރެއެވެ.