"ރަސޫލު ބޭކަލުންގެ ވާހަކަތައް ކިޔާ އެ ބޭކަލުންގެ ހަޔާތްޕުޅުން އިބުރަތް ލިބިގަނެ ﷲ ސުބުހާނަހޫ ވަތައާލާ ތިބާއަށް މިންވަރުކުރެއްވި ގޮތާއިމެދު ރުހޭށެވެ. މިއީ ދާއިމީ ގޮވަތްޗެއް ނޫނެވެ. ވަގުތީ ފާލަމެކެވެ. "

***

"އަހަރެން ނަވޫދު ކައިރިއަށް ގެންދެބަލަ. އަހަންނަށް އެހީތެރިވެވިދާނެ. އަހަންނަށް އެ މަންޒަރު ފެނުނު. ކުޑަދޮރުން ބޭރަށް ބަލަން ހުއްޓާ އެ ހާދިސާ ހިނގީ............"

"ޕްލީޒް. އާދޭސްކޮށްފައި މިބުނީ......"

އަލްވާ ފުން ނޭވާއެއްދޫކޮށްލިއެވެ. އޭނައަށް މި ވަދެވުނީ ކޮންފަދަ އުދަގޫ ހާލަތެއްގެ ތެރެއަށްހެއްޔެވެ؟

"އެންމެ ރަގަޅު. އެހެންވިއްޔާ ބޭބެއަށް އެހީވާން ދަމާ.." އަލްވާ ބުނެލިއެވެ." އެންމެ ފުރަތަމަ އޭނަގެ އެކުވެރިޔާ ލައިލް ގާތަށް ދާނީ. އަހަންނަށްވީ އެންމެ ސަތާރައަހަރު އަދި ލީގަލް އުމުރަކަށްވެސް ނުދޭ...."

އަލްވާ ބަސް ދަތުރުކުރާ މަގުގެ ޗާޓަށް ފަރުވާތެރިކަމާއެކު ބެލިއެވެ.

"އަހަރެންގެ އުމުރު ކުޑައެއްނޫން. ވިހި އަހަރު.." ނަމްރާ ތަންކޮޅެއް ހަރުކޮށް ބުނެލުމުން އަލްވާ ގަބޫލުނުކުރާފަދަ ގޮތަކަށް މޫނަށް ހެދުމުން ނަމްރާ ވަކިން ރުޅިގަދަވިއެވެ." މިހެން މިބުނީ އެކަން ގެސްކުރާވަރަށް ސްމާޓްހެން ހީނުވާތީ. އެކަމަކު ނަވޫދުއަކީ އެއްމާބަނޑު ބޭބެ. އެހެންވީމަ ގަބޫލުކުރޭ. އަހަންނަށް ވިހި އަހަރު ފުރިއްޖެ...."

"އޮފްކޯޒް ގަބޫލުކުރަން. ހަމަ ޝޮކެއްލިބުނީ. އެހެންވެ. ހީކުރީ ބޭބެއަށްވުރެ ފަސްވަރަކަށް އަހަރު ދޮށިވާނެކަމަށް. ބިޔަކޮށް ހުއްޓަސް އޭނަ މާ ޅަކަމަށް ދައްކާ......"

ނަމްރާ އަރައިގަތް ރުޅިގަނޑު މަތަކުރަން އޭނަ ފުން ނޭވާތަކެއްލިއެވެ. "މި ރޫޑް އަންހެންކުއްޖާ.." އޭނަ މިހާރުވެސް މިކުއްޖާދެކެ ރުޅިއަރަން ފަށައިފިއެވެ. ނަވޫދު ގުޅިގެން މިއުޅެނީ ކޮންކަހަލަ އެކުވެރިންނެއްހެއްޔެވެ؟ ފުރަތަމަ މީހާ "ބަޒް ހެއަރކަޓް" އަކާއެކު ކަންފަތް ތޮރުފާފައެވެ. މި ފޫހި ފުރާވަރު ކުއްޖާ މީހުންނަށް ނުސީދާކޮށް މަލާމާތްކުރަން ލަދެއްވެސް ނުގަނެއެވެ. އޭނަ ގައިގާ ދުވަސްވީ ވައްތަރުޖަހާކަމަށް ލަދެއްނެތި ބުނިގޮތް ދެކެބަލާށެވެ. ނަމްރާގެ އަމިއްލަ ސޫރައާއިމެދު ވިސްނާނެ ހަކަތައެއް އޭނަގެ ނެތެވެ. އިސްތަށިގަނޑު ރީތިކޮށް ބަހައްޓަން މަސައްކަތްނުކުރާތާގައި ދުވަހަކު މޭކަޕްވެސް ބޭނުމެއްނުކުރެއެވެ. ހަންގަނޑު ހިކިވެފައި ތުންފަތް ކުރަކިއެވެ. އެކަމަކު އެއީ މައްސަލައެއް ހެއްޔެވެ؟ ނޫނެކެވެ. އޭނައަށް ނުހިނގޭއިރު ރީތި ވެގެން ހުރުމުން ފައިދާއެއްވެ ލިބޭނީ ވަކި ކޯނޗެއްހެއްޔެވެ؟

***

އެދެކުދިން ފޭބީ ނަވޫދު މަސައްކަތްކުރާ ތަނާއި ކައިރީގައި ހުރި ބަސް ސްޓޮޕްއަށެވެ. ފުލުހުންގެ އުޅަދެއް އެތަނާއި ދާދި ކައިރީގައި ޕާކްކޮށްފައި އޮތްއިރު ކުރިމަތީގައި ހުރީ ނަވޫދު ފިޔަވާ ދެވަނަ މީހެއް ނޫނެވެ.

"އަދިވެސް އެއްފަހަރު އަޅުގަނޑުމެން މާފަށް އެެދެން މިސްޓަރ ނަވޫދު. އަލުގަނޑުމެންނަށް ނުބައިކޮށް ޖަޖްކުރެވުނީ. އަޅުގަނޑުމެންނަށް މާފުކޮށްދޭނެކަމަށް ހީކުރަނީ..." ފުލުސް އޮފިސަރު އެހެން ބުނެފައި ދާން ހިނގައިގަތްތަން އަލްވާއާއި ނަމްރާއަށް ފެނުނެވެ.

"ހޭއި. ކިހިނެއްވީތަ؟ އެމީހުން އެންމެ ކުރިން ހައްޔަރުކުރީ ކީއްވެތަ؟ ތިއީ ގާތިލެއް ނޫންތަ؟" އަލްވާގެ ސުވާލުތައް ވަގުތުން ނަވޫދުއަށް އަމާޒުވިއެވެ. ވަޑާންގޭގެ ވެރިޔާ ހުމާމްވެސް އެތަނުގައި މަޑުކޮށްލައިގެން ހުއްޓެވެ."ތިއީ ނަވޫދުގެ އާއިލާކަން ޔަގީން. ކަންބޮޑުނުވޭ. އެމީހުން ނަވޫދުއަށް ނުބައި ތުހުމަތެއްކުރީ. މިސް ސިލްވާ މަަރުވެފައި އޮތް ހިސާބުން ނަވޫދުގެ ލޭ ފެނުނުކަމަށްވަނީ. އެމީހުންނަކަށް ނޭގުނު އަނެއް ފަޅީގައިކަން ނަވޫދުގެ ގެ ހުންނަނީ..."

"އެކަމަކު އެކުއްޖާ މަރާނުލަންޏާ ނަވޫދުގެ ލޭ އެތަނުގައި ހުންނަންވީ ކީއްވެ؟ މިބުނީ ގާތިލުން ފުދޭވަރަކަށް އެކަހަލަ ވަޑާން ކުރާ ސާމާންތައް ގެންގުޅެން ކުޅަދާނަވާނެ އަދި ނަވޫދް މަސައްކަތް މިކުރަނީ މިތާ. މެހެކްގެ ގެއިން ކޮންމެވެސް ވަރަކަށް ކްރައިމް މޫވީސްތައް ބަލާލާފައި ހުރީ. އެހެންވެ އަހަންނަށް އެނގޭ....." އަލްވާ އަށް ވާނުވާ ނޭގުނަސް ހިތަށް އެރި އެއްޗެއް ކިޔާ ނިންމައިލިއެވެ.

"ހޭއި، ތިއުޅެނީ އަހަރެން ކުށްވެރިކުރަންތަ؟"ނަވޫދު ފިނިގޮތަކަށް ބުނެލިއެވެ. އަދި އޭނަގެ ނަޒަރުން އަލްވާ ހިމޭންކޮށްލައިފިއެވެ. ދައްކަންވީ ވާހަކައާއި ނުދައްކަންވީ ވާހަކަތައް ދަސްކުރަން އޭނައަށް ޖެހެއެވެ.

"ނަވޫދު މަސައްކަތްކުރަނިކޮށް ފައި ޒަޚަމްވީ. އަހަރެމެން އެންމެނަކީ ހެކިވެރިން. އެހެންވީމަ މަގުމަތިން އޭނަގެ ލޭ ފެނުމަކީ ހައިރާންވާން ޖެހޭކަމެއްނޫން..." ނަވޫދުގެ ދިފާއުގައި ވާހަކަދެއްކީ ހުމާމްއެވެ. ނަމްރާ ބަހެއް ބުނުމެއްނެތި ހިމޭންކަން ޚިޔާރުކޮށްގެން ހުރުމުން އަލްވާއަށް ބަލައިލެވުނިއިރު ލޮލުގެ އެސްފިޔަތައް ތެމެމުން ދިޔައީ ކަރުނައިންނެވެ. އެހުރިހާ އިރެއްވާންދެން އޭނަގެ ނަޒަރު ހުއްޓިފައިވީ އޭނަގެ ބޭބެއަށެވެ. ޝަކުވާގެ ނަޒަރެކެވެ. ކޮއްކޮޮ ފެނިފައި ނަވޫދުގެ މޫނުމައްޗަށް މަޑުމޮޅިކަން ވެރިވިތަން އަލްވާއަށްވެސް ފެނުނެވެ. އޭނަ ކަކޫމައްޗަށް ތިރިވަމުން ނަމްރާގެ އަތުގައި ހިފެހެއްޓިއެވެ."އައިމް ސޮރީ ނަމްރާ. ދެން މިހެން ނުވާނެ. ޓްރަސްޓްމީ..." ނަވޫދު ބުނެލިލެއް މަޑުމައިތިރިކަމާއި އޯގާތެރިކަމުން އަލްވާވެސް ހައިރާންވިއެވެ. މިއީ އޭނަ ނަވޫދުގެ ނުދެކޭ ފަރާތެކެވެ. ވީއިރު އޭނަ ބޭނުމިއްޔާ އޯގާތެރިކޮށް ވާހަކަދައްކަންވެސް އެނގޭތާއެވެ.

"ގެއަށް ދަމާ..." ނަވޫދުގެ ޖުމްލައިން ނަމްރާ ބޯ ޖަހައިލިއެވެ.

"ހޭއި. ތީނަ ބުނިގޮތަށް އަހަރެން ކޮއްކޮއަށް އެހީވިން. އެކުވެރިޔާ ލައިލްއަކާއި ގުޅޭނެ ގޮތެއްނުވި އެކަމަކު އަހަރެން....."އަލްވާ އެމީހުން ދާންފެށުމުން ފަހަތުން ބާރަށް ބުނެލިއެވެ. އެދެބެން އެގޮތަށް އޭނަގެ މަތިން ހަނދާން ނައްތާލާފައި އެކަނިކޮށްލާފައި ދާން ކެރުނީ ކިހިނެއްހެއްޔެވެ؟ އޭނަ އެތައް ވަގުތެއް ނަމްރާއަށް އެހީވުމުގައި ހޭދަކޮށްފިއެވެ.

"އަހަރެން ދެން ޝުކުރުވެރިވާން ޖެހޭތަ؟" ނަވޫދު ކުޑަކޮށް އެނބުރި އެއްބުމަ އަރުވައިލިއެވެ." އަހަރެން ކޮއްކޮއާއިމެދު ކަންތައްކުރަނީ ރަގަޅަށްތޯ ބަލަން ފާރަލާންވެގެން ނޫންތަ ކޮއްކޮ ފަހަތުން އައީ؟"

ނަވޫދުގެ ޖުމްލަތަކުން އަލްވާ އުއްމީދުކުރިވަރަށްވުރެ ބޮޑަށް ހިތުގައި ޖެހުނެވެ. ސަބަބަކީ މިފަހަރު ހަގީގަތުގައިވެސް ނަވޫދު މީހަކު މަރާނުލާނެކަމަށް އޭނަ ގަބޫލުކުރިއެވެ. އޭނަގެ ކުރިމަތީގައި ފުލުހުން ނަވޫދު ހައްޔަރުކުރިއިރުވެސް އޭނަގެ ހިތުގެ ކޮންމެވެސް ކަނަކުން އެމީހުން އެކުރީ ރަގަޅުކަމެއް ނޫންކަން އެނގުނެވެ. އޭނަ ގަބޫލުކުރީ ނަވޫދުއަކީ ރަގަޅު އިންސާނެއްކަމުގައެވެ. ރަގަޅެވެ. އޭނަވަނީ ކުރިން ނަވޫދުއާއިމެދު ނުބައިކޮށް ވިސްނާފައެވެ. އޭނަގެ ބުޅަލަށް އަނިޔާވެރިވިކަމަށް އަދި އެއްމާބަނޑު ކޮއްކޮ ކިޑްނެޕްކުރަން އުޅުނުކަމުގައިވެސް ތުހުމަތު ކުރެވުނެވެ. އެކަމަކު އޭނަ ނަވޫދުއަކީ ގޯސްމީހެއްކަމަށް ދެކެފައެއް ނުވެއެވެ. އެހާ ގޮސް މީހެއްކަމަށް ހީކުރެވުނުނަމަ ނަވޫދުއާއި އެވަރަށްވެސް ގުޅުމެއް ނުބޭއްވީހެވެ. އެހާ މޮޔައެއް ނޫނެވެ. އެހެން ހީކުރެވުނު ނަމަ ކޮންމެ ހާލެއްގައިވެސް އޭނަ ނަވޫދުއާއި ދުރަށް ދުވީހެވެ. އެހާވަރުން ނަވޫދު އަދި ކޮއްކޮއަށް އެހީތެރިވާން ކުރި މަސައްކަތްވެސް ބަލައެއް ނުގަތެވެ. އެކަން ބަލައިގަނެ އެންމެ ކުޑަވެގެން ހިނިތުންވުމެއް ދޭނެކަމަށް އަލްވާ އުއްމީދުކުރިއެވެ. އެކަމަކު އެކައްޗެއްވެސް ނުލިބުނެވެ. އޭނައަށް ފަރުވާލެއްނެތެވެ. އަލްވާ ރުޅިވެރި ކަރުނަތައް އެސްފިޔަ ޖަހައިލުމަށްފަހު ފޮރުވިއެވެ. އަދި އަނެއްފަރާތަށް އެނބުރުނެވެ. މިދެވެނީ އަދި ނުބައި ކޮޅަށް ކަން ވިސްނި ކަނައްތަފަރާތަށް ހިނގައިގަތީ ބަސް އަންނަންވާއިރަށް މަޑުކޮށްލުމަށެވެ. މަގުމަތީގައި ކުނިއަޅަން ބަހައްޓާފައި ހުރި އެއްޗަކުން ވިދާ ފިޔާތޮށިކުލައެއް ލޮލުގައި އަޅައިގަތެވެ. އެހާ ހަޑި ކުނި އަޅާ އެއްޗަކުން މާ ރީތި ކުލައެއް ދައްކައިލުމުން އެދިމާލަށް ނުގޮސް ނުހުރެވުނެވެ. އެ ފިޔާތޮށި ރިބަންކޮޅު އޭނަ ދަންނަ އެއްޗެއްހެން ހީވީއެވެ. އަލްވާ ރަގަޅަށް އޭގެ ތެރެއަށް ބަލައިލުމާއެކު އަތް މުށްކެވިއްޖެއެވެ. އޭނަ އެހާވަރުން ދިން ހަދިޔާ ނަވޫދު އެއްލައިލީ ކުނި ވަށިގަނޑަށެވެ. ކުނި އެއްޗެހީގެ ތެރޭގައި އަތްނުލާ ހުރި ބްރައުނީޒްތައް ހިތާމަވެރިގޮތަކަށް އުކާލެވިފައެވެ. ނަވޫދުއަށް ހަދިޔާއެއް ދޭވަރަށް އޭނަ މޮޔައީއެވެ. އެ ޝަޚުސް ދެނެގަތުމުގައިވެސް އޭނައަށް ނުކުޅެދުނީއެވެ. ވީއިރު އޭނަގެ ބޮލުގައި އެޅުނު ތުހުމަތު ހަގީގަތަކަށްވެދާނެހެއްޔެވެ؟ މަޑުމައިތިރި މާތްގޮތެއް ބޭރުފުށުން ދައްކައިގެން ހުރި ގާތިލަކަށް އޭނަ ނުވާނެހެއްޔެވެ؟

ކުއްލިއަކަށް އަލްވާއަށް ވިސްނުނީ ބަސް އަތުނުލެވިދާނެކަމެވެ. އަލްވާ ފަޔަށްލެވުނުހާ ބާރެއްލާފައި ދުއްވައިގަންނަމުން ހަޅޭއްލަވައިގަތެވެ."ހޭއި ބަސް. އަހަރެން އަންނާންދެން މަޑުކުރޭ...." ނަވޫދުއާއި ކުރިމަތިލާކަށް ވަގުތެއްވެސް ނެތެވެ.ނަވޫދު ގާތިލަކަށްވިޔަސް އޭނައާއި ކޮންކަމެއްހެއްޔެވެ؟ އޭނައަށް ހުރިކަމެއް ލިބޭނެއެވެ. އަދި އަވަހަށް ނޫނީ ފަހުން ނަމަވެސް އަދަބު ލިބޭނެއެވެ. އެކަމަކު އެވަގުތުން ފެށިގެން އޭނަ އަމިއްލަ ނަފުސަށް ވައުދުވީ ނަވޫދުއާއި ދުވަހެއްގެ ކޮޅުންވެސް އަނގައިން ނުބުނުމަށެވެ. އޭނަގެ މައްސަލައަކީ އެއީއެވެ. ބީރައްޓެހިންނާއި އެކުވެރިކަން ބަދަހިކުރުމެވެ. އޭނަގެ މައިންބަފައިން އެއަށްވުރެ ރަގަޅަށް ބުނެދީފައި ވަނިކޮށެވެ.

އަލްވާ ބަހުގައި އިށީދެލައިގެން އިންއިރު ނަވޫދުގެ ޖުމްލަތަކުން ހިތަށް ލިބުނު ދަތިކަން ހަނދާން ނައްތާލަން މަސައްކަތްކުރިއެވެ. އޭނަ ކުރި މަސައްކަތަށް އެމީހުން ޝުކުރު ނުކުރިއްޔާ ކޮންކަމެއްހެއްޔެވެ؟ ނަވޫދުގެ ކޮއްކޮއަކީވެސް ނަވޫދުފަދަ މީހެކެވެ. ނަމްރާއަށްވެސް އޭނަގެ ބޭބެ ފެނުމާއެކު އަލްވާއަކީ އެތާހުރި މީހެއްކަމަށްވެސް ހަދާނުލިއެވެ. ނަމްރާ ބަހުގައި ގެންގޮސް އޭނަގެ ބޭބެ ހޯދުމުގައި އެހީތެރިވެދިންކަން އެކުއްޖާވެސް ހަނދާން ނައްތައިލީއެވެ.

އެވަގުތު ބަހުގެ ކުޑަދޮރުން އޭނަގެ މޫނު ކޮންމެވެސް ވަރަކަށް ފެނި ބިރުންގޮސް ހަޅޭއްލަވާ ނުގަނެވުނީ ހަމަ ކިރިޔާއެވެ. އޭނަގެ ބުމައިގާ ކުލަ ޖައްސަން ބޭނުންކުރި ކަޅުކުލައިގެ މާކަރުގެ ކުލަ ފޭދި ލޮލުގެ ވަށައިގެން ކަޅުވެފައިވާގޮތުން ހީވަނީ އެތައް ރެއެއްގެ ނިދިން މަހުރޫމްވެފައިވާހެންނެވެ.

"ޔޫ ޑަމްބްހެޑް......"އަލްވާ އަމިއްލަ ކޯތާފަތުގައި ޖެހިއެވެ. އޭނަ ފަހަރެއްގައިވެސް ދެން މޭކަޕްގައި އަތެއްނުލާނެއެވެ. އޭނަ ސުފިޔާންގެ ކުރިމަތީގައިވެސް ހުރީ މިހެން ހެއްޔެވެ؟ ކުޑަކުއްޖެއްކަމުގައި ސުފިޔާން ހީކުރިކަމާއިމެދު ހައިރާންވާކަށް ނުޖެހެއެވެ. ހަގީގަތުގައިވެސް އޭނައަކީ ހަމަ މޮޔަ ކުޑަކުއްޖެކެވެ. އަޖައިބަކީ ހޫނު ކަރުނަތައް ކޯތާފަތުން ތިރިއަށް ދެމިގަތް ކަމެވެ. އޭނަ ރުޅިވެރިކަމާއެކު މޫނުމަތި ފޮހެލައިފިއެވެ.

"މިހާރު ރޮނީ ކީއްވެ މޮޔަ ކުއްޖާ.." އޭނަ އަމިއްލައަށް ކުދި ކިޔައިގަތެވެ. މިއީ އަދި ހަޔާތުގއި އައި އެންމެ ހިތްދަތި އީދެވެ. އޭނަ އާއިލާއާއި އެކުވެރިންނާއެކު އީދު މަޖާ ނެގުނުނަމައެވެ.

ސުފިޔާން އޭނައަށްވުރެ ދޮށީ އެގާރަ އަހަރެވެ. އޭނަ ބޮލުތެރެއިން ހިސާބުހެދިއެވެ. އޭނަގެ އުމުރުން ވިހި އަހަރުވާއިރު ސުފިޔާންއަށް ވާނީ އެއްތިރީސް އަހަރެވެ. އޭރުން ރަގަޅުވާނެހެއްޔެވެ؟ އެދުވަހަކުން އޭނަ ބަލައިގަންނާހެއްޔެވެ؟ ނޫނީ ހަމަ އޭނައާއި ބަލާއިރު ޅަކަމަށް ދެކޭނެހެއްޔެވެ؟ މެހެކް ފެންނަނީ އުމުރަށްވުރެ ހަރުކޮށެވެ. ވިހި އަހަރުގެ ފަހުކޮޅުގައި އުޅޭފަދައެވެ. ސުފިޔާން އޭނައަށްވުރެ މެހެކްއަށް ޝައުގުވެރިވީ ސަބަބަކީ އެއީހެއްޔެވެ؟ ދައުވަތުނުދޭ މެހުމާނުންފަދައިން އެކި ޚިޔާލުތައް އޭނަގެ ސިކުނޑިއަށް ވެރިވެގަނެ އުދަގޫކުރަމުން ދިޔައެވެ.

އެއްކަމެއް ޔަގީން ކުރެވިއްޖެއެވެ. އޭނަ އެންމެ ފުރަތަމަ ގަޔާވި ޒުވާނަކީ ސުފިޔާންއެވެ. އޭނަގެ ކޮންމެވެސް ކަހަލަ ދަމައިގަންނަގޮތެއް ހުރެއެވެ. އެ ހިނިތުންވުންތަކެވެ. އަމިއްލަ ނަފުސަށް އެ އޮންނަ އިތުބާރެވެ. އިންސާނިއްޔަތަށް ބޮޑު ކާރިސާއެއް ކުރިމަތިވިޔަސް ދުނިޔެވެސް ސަލާމަތްކުރެވޭނެފަދަ އިތުބާރެއް އޮންނަފަދައެވެ. އަދި އެ އޯގާތެރި ހިތް. އޭނަ މަންމައާއި މަންމަގެ ފޮތްތަކުގެ ވާހަކަދެއްކީ ހާދަ ލޯބިންނެވެ. ދުވަހަކުވެސް ބައްދަލުވެފައިނުވާ ސުފިޔާންގެ މަންމައަށް އަވަސް ޝިފާއަކަށް އެދި ދުޢާވެސް ކުރެވުނެވެ. އެ ލޮލުން އަބަދު ފެންނަ ހިތާމަވެރި އަސަރުގެ ސަބަބަކީ އޭނަގެ މަންމައެވެ. އަލްވާ ބޭނުންވަނީ ސުފިޔާން އުފާވެރިކަންމަތީގައި ހުރުމެވެ. އަނެއްކާ އޭނަގެ ސިކުނޑިއަށް ސުފިޔާން ވެރިވެގަތީހެއްޔެވެ؟ އަލްވާ ފުން ނޭވާއެއްދޫކޮށްލިއެވެ." ތި ސްނެޕް އިން ނުކުމޭ. އެއީ ވާން ހުރިކަމެއްނޫން. އޭނަ ދެކެނީ ތިއީ ކުޑަކުއްޖެއްގެ ގޮތުގައޭ....."

***

އަލްވާ ގެއަށް ފޯރިއިރު އަދިވެސް އޭނަގެ މައިންބަފައިން ވީ ކޮމިއުނިޓީ ސެންޓަރުގައެވެ. އީދުގެ ހުރިހާ ކަމެއް ފާހަގަކުރުން އޮތީ އެތަނުގައެވެ. އޭނަ ގަޑިބަލައިލިއިރު އަދިވެސް މެންދުރުގެ ވަގުތެވެ. ނަސީބަކުން އެހާ ލަހެއްނުވިއެވެ. ގޭތެރެއަށް ވަދެ ހެދުން ބަދަލުކޮށް ތާޒާވެލުމަށްފަހު އާއިލާގެ ގާތަށް ދާން ހިތަށް އެރިއެވެ. އެކަމަކު ކޮންމެވެސް ސަބަބަކާއި ހުރެ އޭނައަށް ހީވީ ހަށިގަނޑުގެ ހަކަތަހުސްވެފައިވީ ހެންނެވެ. އާ އަދި ބީރައްޓެހި އިހުސާސެކެވެ. އާ ކަންތައް ތަޖުރިބާކުރުމަށް އަލްވާ ފަހަރެއްގައިވެސް ވަރުބަލިވެފައެއް ނެތަސް މިއަދު އަލުން ބޭރަށްދާން ޟަމީރު ދެކޮޅުހެދިއެވެ. އެހެންވެ އެނދަށް ވެއްޓިގަތުމަށްފަހު ފަންގިފިލާއަށް ބަލަން އޮވެވުނީއެވެ. ދެން ކުއްލިއަކަށް ކަމެއް ހަނދާންވުމާއެކު ފުންމައިގެން ތެދުވެ ދަބަސް ހުޅުވާލައިފިއެވެ. އަދި ސުފިޔާން އޭނައަށް ދިން އީދު ހަދިޔާނެގިއެވެ. އެއީ ހަގީގަތުގައި ރޯޒްކްލިފް ކުންފުނިން އެންމެނަށް އާއްމުކޮށް ދިން ހަދިޔާއެވެ. ހުރިހާ އެއްޗެއްގައިވީ ހަމަ އެއް ހަދިޔާތަކެވެ. އެކަމަކު މި ހަދިޔާ ލިބުނީ ސުފިޔާންގެ އަތުންނެވެ. ކޮންމެވެސް ސަބަބަކާއިހުރެ އޭނަގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. އޭނަ ހަދިޔާ ދަބަސް ހުޅުވާލައިފިއެވެ. ކެމެރާތަކާއި ފޮތްތަކުގެ ތެރޭގައި ކުޑަ ކަރުދާސްކޮޅެއް އޮތެވެ. އަވަސްވެފައިވާ ހިތަކާއިއެކު އޭނަ ކަރުދާސްކޮޅު ނިއުޅާލައިފިއެވެ.

"އީދު މުބާރަކް އަލްވާ. ލަވްލީ ސީންގް ޔޫ..ސުފިޔާން"

އެ ޖުމްލަކިޔުމާއެކު ދާދި އަވަހަށް އަލްވާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެ ކަރުދާސްކޮޅަށް ނަޒަރު ހުއްޓާލައިގެން އޮވެ އެނދަށް ވެއްޓިގަތެވެ. ހާދަ ރީތި ލިޔުމެކެވެ. އެ އަކުރުތައް ހުރީ ބުނަން ނޭގޭފަދަ ފަށުވި އަދި ޝާހީކޮށެވެ. އާޝޯޚުވެ މޮޔަވާހާ ރީއްޗެއް ނޫންހެއްޔެވެ؟ އެއީ ކޮން އިރަކު ލިޔުނު އެއްޗެއް ބާވައެވެ. ހާދަ ލޯބި ޒުވާނެކެވެ. އަލްވާއަށް އެ ކަރުދާސްކޮޅުން ނަޒަރު ވަކިކުރުމެއްނެތި އޮވެވުނީ އެ މޮޔަ ހިނިތުންވުންވެސް ފިލުވައިލަން ނޭގިފައެވެ. ދެން ކުއްލިއަކަށް ރަކި ހިންޏަކަށްފަހު އެނބުރިލުމުން އެނދުން ވެއްޓުނީ ސީދާ އުއްޑުންނެވެ. ބާރު އަޑަކާއެކުގައެވެ. ވެއްޓުމާއެކު ހަމަ ބިމަށް އާދެވުނެވެ. އަދި ފާރުގައި ހުރި ގަޑިއަށް ބަލައިލިއިރު މެންދުރު ނަމާދުގެ ވަގުތު ފާއިތުވަނީކަން އެނގުނެވެ.

ސުފިޔާންގެ ނޯޓްކޮޅު ޑެސްކްގެ ވައްގަނޑުގައި ރީތިކޮށް ފޮރުވާފައި އޭނަ އަވަސްވެގަތީ ނަމާދަށެވެ. އޭނަ ހަނދާންވީ ނާކިއާ ބުނި ވާހަކަތަކެވެ. މިވަގުތީ މަންޒިލްގެ އެއްވެސް އެއްޗެއް އަބަދަށްޓަކާ ދެމިގެން ނުދާނެއެވެ. އަދި ﷲ ސުބުހާނަހޫ ވަތައާލާގެ މަތިން ހަދުމަ ނުކުރަންޏާ އުފާވެރިކަމެއްވެސް ދެމި ނޯންނާނެއެވެ. މަސައްކަތްކުރަން ޖެހެނީ އާޚިރަތްދުވަހަށްޓަކާ ކާމިޔާބު ހޯދުމަށެވެ. ހެއްދެވި ފަރާތަށް އަޅުކަން ކުރުމުގައި ފެއިލް ވެއްޖެއްޔާ ހަޔާތުގެ އެއްވެސް ކަމެއްގައި ބަރަކާތް ނުލައްވާނެއެވެ. ކާއިނާތުގައިވާ ކޮންމެ އެއްޗެއް އުފެއްދެވި ޚާލިގަކީ ހެއްދެވި ފަރާތެވެ.

އަލްވާ ނަމާދުކުރުމަށްފަހު ހިމޭންކަމާއެކު ސުފިޔާންގެ މަންމައަށް ދުޢާކުރިއެވެ. އަދި ތިމާއަށް ރަގަޅު ހަޔާތެއް ދެއްވުމަށްވެސް އެދި ދެންނެވިއެވެ. އޭނައާއި ސުފިޔާން ގުޅެން ނެތިއްޔާ އޭނަ ގަބޫލުކުރާނީ އެއީ އޭނައަށް އެންމެ ރަގަޅަށް ދިމާވިގޮތެއް ކަމުގައެވެ. އެކަމާއި ހިތާމަކުރުމުގެ ބަދަލުގައި ހަޔާތުގެ ރާސްތާގައި ކުރިއަށް ދާނީއެވެ. އޭނަ މުސައްލާމަތިން ތެދުވާން އުޅެފައި އަނެއްކާ އިށީދެ ނާކިއާގެ ދަރިފުޅު ސަލާމަތުން ދުނިޔެއަށް އައުމަށް އެދިވެސް ދުޢާކުރިއެވެ. އެއަށްފަހު އަވަސްވެގަތީ އީދުގެ އުފާތަކުގައި އާއިލާއެކު ބައިވެރިވާން ދިޔުމަށެވެ.

***

އަލްވާއަށް މޭރީ ފެނުނީ އެގޭގެ ފެންޑާގައި އަތްގަނޑުލީ ގޮނޑިއެއްގައި އެކަނިމާ އެކަނި އިންދައެވެ. މޭރީ ފެންދޭ ގަސްތައް ހުރީ ފަތްތައް ވެރި ހިކި އަނަރޫފަވެފައެވެ. އެގެއަށްވެސް މެމްބަރަކު މަދުވިކަން އިހުސާސްވެފައިވާ ފަދައެވެ. އެގެ ފެންނަނީ ފަޅުކޮށެވެ. އުފާވެރިކަމާއި އަލިކަމުން މަހުރޫމްވެ ބަނަވެފައެވެ. މާރިއާއަށްޓަކާ އަލްވާގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ކުއްލިއަކަށް އެ ބަލި ދަރިފުޅު ދުނިޔެއާއި ވަކިވެގެން ދިޔުމަކީ ބޮޑު ހިތާމައެކެވެ. އޭނަގެ ފިރިމީހާވެސް ނިއުމޯނިއާ ޖެހި ނިޔާވީ ދާދި ފަހުންނެވެ. އަދި ދަރިފުޅު ވަކިވެގެން އެދިޔައީ އޭނަ ދުނިޔެއަށް އެކަނިކޮށްފައެވެ.

ބުނަން ވީ އެއްޗެއް ނޭގުނަސް އަލްވާ ގޮސް ގޮނޑި ކައިރީ ތަޅުންމަތީގައި އިށީދެ މޭރީގެ އަތުގައި ހިފެހެއްޓިއެވެ. އެވަރުންވެސް މޭރީ އޭނައާއި ދިމާލަށް ބަލައިނުލިއެވެ. އެނަޒަރުވަނީ މާ ދުރަށް ހުއްޓިފައެވެ. އަސަރެއްނެތެވެ. އެކަމަކު މޭރީ އޭނަގެ އިނގިލިތައް އަލްވާގެ އިނގިލިތަކާއި މަހައިލަމުން ބާރުކޮށްލިއެވެ. މަޑުމަޑުންނެވެ. އެކަނިއިނުމަކީ ހިތަށް ދަތިކަން ލިބޭނެކަމެކެވެ. އަދި އެވެސް އީދު ދުވަހުއެވެ. އެގޮތަަށްމީހެއްގެ ހިތްހަމަޖައްސައިދީ އެހީތެރިވެވުމުން އަލްވާގެ ހިތަށް އުފާވެރިކަން ލިބެއެވެ. މެހެކް ބުނާނީ މީހުންގެ ކަންތައްތަކަށް ވަންނަނީ ކަމުގައެވެ. އެކަމަކު އަލްވާއަށް މީހެއްގެ ތަދު އަދި ކަރުނަތަކަށް އަޅާ ނުލާ ނުދެވޭނެއެވެ. އެހީތެރިކަމަށް ބޭނުންވާ ކޮންމެ މީހަކަށް އެފަދަ އަތެއް ދިއްކޮށްލަން އަލްވާ ހުންނަނީ އަބަދު ތައްޔާރަށެވެ.

އެތައް މިނިޓެއް ވޭތުވެގެން ދިޔަފަހުން އެންމެ ފަހުން މޭރީގެ ދޫ ހަރަކާތްކުރިއެވެ. އެ ސަރަހައްދުގެ ހިމޭންކަން ފުން ކަމުން ނޫންނަމަ މޭރީ ވައިއަޑަކުން ބުނެލި ޖުމްލަ އަލްވާއަށް ނީވުނީސްކަން ޔަގީނެވެ.

"އެކުއްޖާ ދުވަސްކޮޅެއް ކުރިއާއި ހަމަޔަށް މުޅިން ރަގަޅަށް ހުރީ..."މޭރީ ގެ އަޑުގައި ހިތާމައާއި މޮޅިވެރިކަން ވިއެވެ."އެކުއްޖާ ހަމައެކަނި ބީރު ކުއްޖަކަށް ވިކަން. އެކަމަކު އެއްވެސް ކަހަލަ ބައްޔެއްގައި އުޅުނު ކުއްޖެއްނޫން. އެ ފިރިހެނުން އެކުއްޖާ މަރައިލީ. ޔަތީމު މިސްކީނު ކުދިންނަށް ފާރަލަމުން އަންނަ މީހުން............."

އަލްވާގެ ބުރަކަށީގައި ފިނި ރާޅެއް ދުވެލިއެވެ. އަދި ލޯ އިންތިހާއަށް ބޮޑުވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު