ގެމަނަފުށީ ސްކޫލްގެ ދެ ކުއްޖެއްގެ ބޮލަށް ޕާޓިޝަން ވެއްޓި އަނިޔާވެއްޖެ

ގއ. ގެމަނަފުށި: -- ސަން ފޮޓޯ/ މުހައްމަދު ޝަފީއު

ގއ. ގެމަނަފުށި ސްކޫލު ދަރިވަރުންތަކެއްގެ ބޮލަށް ޕާޓިޝަން ވެއްޓި އަނިޔާވެއްޖެއެވެ.

"ސަން" އާ ވާހަކަ ދައްކަމުން އެރަށު ސްކޫލްގެ ބެލެނިވެރިޔަކު ބުނީ މިއަދު ހެނދުނު ހިނގި އެ ހާދިސާގައި އަނިޔާވެފައިވަނީ އެ ސްކޫލު ގްރޭޑް އެކެއްގައި ކިޔަވާ އަންހެން ކުއްޖަކަށާއި ފިރިހެން ކުއްޖަކަށް ކަމަށެވެ.

ބެލެނިވެރިޔާ ބުނިގޮތުގައި މި ހާދިސާގައި އަންހެން ކުއްޖާގެ ބޮލަށް ބޭރުފުށުން ފެންނަވަރުގެ އަނިޔާއެއް ލިބިފައިނުވެއެވެ. އަދި ފިރިހެން ކުއްޖާގެ ބޯ ވަނީ ދުޅަވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ސްކޫލުން މިކަން ބެލެނިވެރިންނަށް އެންގީވެސް މާ ލަހުން. އަނިޔާ ލިބުނު އަންހެން ކުއްޖާގެ ބެލެނިވެރިޔާއަށް ސްކޫލުން މިކަން އަންގާފައިވަނީ ގަޑިއެއްހާއިރު ފަހުން. އަނިޔާ ލިބުނު ފިރިހެން ކުއްޖާއަކީ ސްކޫލުގައި މަސައްކަތްކުރާ މީހެއްގެ ކުއްޖެއް،" ބެލެނިވެރިޔާ ކިޔައިދިނެވެ.

އެޑިއުކޭޝަން މިނިސްޓްރީއަށް މިކަން އެނގިގެން ސްކޫލްގެ ޕްރިންސިޕަލަށް ގުޅިއިރު އެ ހާދިސާ ހިނގައިގެން އުޅޭކަން ސްކޫލުގެ ޕްރިންސިޕަލަށް އެނގިފައިނުވާ ކަމަށް ވެސް އެ ބެލެނިވެރިޔާ ބުންޏެވެ.

މިކަމާ ބެހޭ މައުލޫމާތު ސާފުކުރަން ގެމެނަފުށީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ސައްދާމަށް ގުޅުމުން ފޯނު ނުގަންގަވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް