ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް އެކަހިރި ކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހާޒިރުކުރުމަކީ ގައުމުގެ މަލަމަތީ ޖެހުނު ލައްގަނޑެއް ކަމަށް އެމްޑީޕީ ޕާލަމެންޓް ގުރޫޕްގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލުން އެމްޑީޕީއަށް އުސްފަސްގަނޑު ދިނުމުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ސުވާލު ކުރުމަށް ރައީސް ނަޝީދު އެޗްއާރުސީއެމަށް ހާޒިރެއްވުމުން ގިނަ މިނިވަން މުއައްސާތައް ހިނގަމުންދާ ގޮތް ފެނިގެން ހިނގައްޖެ ކަމަށެވެ.
އަދި ފުލުހުންގެ ފަރާތުން އާންމުނަށް މީގެ ކުރިން އެތައް އަނިޔާތަކެއް ވެފައިވާއިރު އެ މައްސަލަތައް އެޗްއާރުސީއެމް އިން ނުބަލާކަމަށް ވިދާޅުވެ އޭނާ ވަނީ ވަރަށް ބޮޑަށް އެޗްއާރްސީއެމަށް ފާޑު ވިދާޅުވެފަ އެވެ.
"ދިވެހި ރާއްޖޭގައި އިންސާނީ ކަރާމަތަށްޓަކައި ވަކާލާތު ކުރެއްވި އަދި މިނިވަން ކަމަށް މުޅި އުމުރުދުވަހު ވެސް ވަކާލަތު ކުރެއްވި އަދި މީހުނަށް އަނިޔާ ނުކުރެއްވި ހަމައެކަނި ރައީސުލް ޖުމްހޫރިއްޔާ ހިއުމަން ރައިޓސް ކޮމިޝަނަށް ހާޒިރުކުރި ކުރުމަކީ މުޅި ގައުމުގެ މަލަމަތީ ޖެއްސި ލައްގަނޑެއް. މުޅި ގައުމުގެ ހުރިހާ ހުރިހާ މިނިވަން މުއައްސާތަކާއިމެދު ރައްޔިތުންގެ އިތުބާރު އެތައް ގުނައަށް ވެއްޓިގެންދިޔަ ކަމެއް. ހިއުމަން ރައިޓްސް ކޮމިޝަނާއިމެދު މީހުން ނަފްރަތު ކުރިމަތިވެގެން ދިޔަ ކަމެއް. މުޅި ދުނިޔެ އެކަމާމެދު މަލާމާތް ކުރާނެ ކަމެއް،" އެނާ ވިދާޅުވި އެވެ.
އިންތި ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރީ އެނާއަކީ ގައުމީ ސަލާމައް ނުރައްކަލެއް ކަމަށް ފާހަގަކުރެވި ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް މަޖުބޫރުވެގެން ކަމަށާއި އަދި ގާނޫނީ އަސާސީން ލާޒިމް ކުރާގޮތާ އެންމެ ގާތްގޮތްތަކީ އަބްދުﷲ ގާޒީ ފަނޑިޔާރުގޭގައި ނުބޭއްދުން ކަމަށް ފެންނާތީ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އެންމެ އަވަހަށް އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ރައީސް ނަޝީދަށް ގޮވާލާ ކަމަށެވެ.
"ރައީސް މުހައްމަދު ނަޝީދަށް ގޮވާލަން ބޭނުން ދެންވެސް މި ގައުމުގެ ވެރިކަމާއި ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކަށް އެއްކަލަ އަބްދުﷲ ގާޒީ އެ ފަނޑިޔާރުގެ އިން ދުރު ކުރައްވައްޗޭ. އެއްފަރާތް ކުރައްވައްޗޭ،" އިންތި ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ފެނިވަޑައިގަތުމަށް ކަމަށް ދޭހަވާ ގޮތަށް އިންތި ވާހަކަފުޅު ދައްކަވާފައިވާއިރު އަބްދުﷲ ގާޒީ އެކަހެރިކޮށްފައި ބެހެއްޓުމަށް ނިންމި ނިންމުމަކީ ޑިފެންސް މިނިސްޓްރީން އަޅާފައިވާ ފިޔަވަޅެއް ކަމަށާއި އެކަމަކީ އެމަނިކުފާނު ކުރެއްވި ކަމެއްނޫން ކަމަށް ރައީސް ނަޝީދު ހިއުމަންރައިޓް ކޮމިޝަނުގައި ވަނީ ވިދާޅުވެފަ އެވެ.