ގުރައިދޫއިން މަކުނުވިދުރި ފެނުނު ވާހަކަ ކައުންސިލުން ދޮގުކޮށްފި

ކ. ގުރައިދޫ -- ސަން ފައިލް ފޮޓޯ

ކ. ގުރައިދޫއިން މަކުނުވިދުރީގެ ކޭސްއެއް ފެނުނު ވާހަކަ، އެރަށު ކައުންސިލުން ދޮގުކޮށްފިއެވެ.

އެރަށުން މަކުނުވިދުރީގެ ކޭސްއެއް ފެނުނު ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށް އެރަށު ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނީ، އެރަށު ސިއްހީ މަރުކަޒަށް އިއްޔެ ޑޮކްޓަރަށް ދެއްކި ފަތުރުވެރިއެއްގެ ގައިން މަކުނުވިދުރިއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުނު ކަމަށެވެ.

އެކަމާ ގުޅިގެން، އެ މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އަށް އެންގި ކަމަށާއި، އެ ކޭސް ބެލުމަށްފަހު އެއީ މަކުނުވިދުރީގެ ކޭސްއެއް ނޫންކަަމަށް އެޗްޕީއޭއިން ކައުންސިލަށް އަންގާފައި ވާކަމަށް ކައުންސިލްގެ ނޫސްބަޔާނުގައި ބުންޏެވެ.

"ރަށުގެ ސިއްހީ ކަންކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ސިއްހީ މަރުކަޒުން ރައްޔިތުންނަށް އަބަދުވެސް ހިއްސާކުރަމުން ގެންދާނެ ކަމުގައި މި ފުރުސަތުގައި ދަންނަވަން. އަދި އާއްމު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް މިފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރަން،" ކައުންސިލްގެ ނޫސްބަޔާނުގައި ބުންޏެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ފެތުރެމުންދާ މަކުނުވިދުރި ބަލި މިހާތަނަށް ޖެހިފައިވާ ގިނަ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށާއި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ ބުނެފައެވެ.

މަކުނުވިދުރި ވައިރަސް އާންމުކޮށް ފެންނަނީ މެދުތެރޭ އަދި ހުޅަނގު އެފްރިކާއިންނެވެ. ނަމަވެސް މި ދުވަސްވަރު ބަލި ގިނައިން ފެންނަމުން ދަނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުންނެވެ. އެގޮތުން މިހާތަނަށް 23 ގައުމަކުން 200އަށް ވުރެ ގިނަ މީހުންނަށް އެ ބަލި ޖެހިފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް