ތޫނު އެއްޗަކުން ހަމަލާދީ ފުލުހަކު ޒަހަމްކޮށްލައިފި

ހެންވޭރުކޮޅު ކާނިވާ ސަރަހައްދު ޑިއުޓީ ކުރަމުން ދިޔަ ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ޑިއުޓީގައި ހުރި އެ ފުލުސް މީހާ އަށް ހަމަލާދިނީ މިރޭ 12:30 އެހާއިރު ކަމަށެވެ. ކާނިވާ ސަރަހައްދުގައި ދިން އެ ހަމަލާގައި ފުލުސް މީހަގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

މަންޒަރުދުށް މީހުން ބުނީ ތޫނު އެއްޗެއް ހަރާލާފައިވަނީ ފުލުސް މީހާގެ ކަރުގެ ފަހަތަށް "ވަރަށް ފުންކޮށް" ކަމަށާއި ގިނަ އަދަދަކަށް ކަރުން ލޭވެސް ފައިބަމުން ދިޔަ ކަމަށެވެ.

ފުލުހުން ބުނީ އޭޑީކޭ އެމަޖަންސީގައި ފުލުސް މީހާއަށް ފަރުވާދެމުން އަންނަ ކަމަށެވެ.

"އޭނަގެ ހާލަތު ސީރިއަސް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކާނިވާ ސަރަހައްދުގައި ހުރި "ސަން"ގެ ރިޕޯޓަރު ބުނީ އެ ސަރަހައްދުން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި ފުލުހުން ކާނިވާ ސަރަހައްދު ބަލާ ފާސްކުރަމުން އަންނަ ކަމަށެވެ.

މިއީ މިހަފްތާތެރޭ ފުލުހަކަށް ހަމަލާ ދިން ތިން ވަނަ ފަހަރެވެ. ބައެއް ހަމަލާތަކުގައި ފުލުހުންގެ ވޮލެޓްފަދަ ތަކެތިވެސް ފޭރިގެންފައި ވާއިރު މަގުމަތީ ޑިއުޓީގައި ހުރި އަންހެން ފުލުހަކަށްވެސް ވަނީ ޖިންސީގޮތުން ގޯނާކޮށްފަ އެވެ. ފަހަކަށް އައިސް ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް އަދި ފުލުހުންގެ ޒާތީ މުދަލަށް ގެއްލުންދިނުން ވަނީ އާންމުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު