ހައިކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިސްތިއުފާދެއްވައިފި

ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް -- ފޮޓޯ/ ހައި ކޯޓު

ހައިކޯޓުގެ ފަނޑިޔާރު ކަމުން ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ފަނޑިޔާރު ރައޫފް އިސްތިއުފާ ދެއްވިކަން އިއުލާން ކުރަމުން ހައި ކޯޓުން ވަނީ ފާއިތުވި 11 އަހަރު ފަނޑިޔާރު ކަމުގެ މަގާމުގައި އޭނާ ކޮށްދެއްވި ޚިދުމަތަށް ޝުކުރު އަދާކޮށްފައެވެ.

ފަނޑިޔާރު ރައޫފް މަގާމުން އިސްތިއުފާ ދެއްވީ އޭނާ އާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް ޖޭއެސްސީން މިދިޔަ މަހު މަޖިލީހަށް ހުށަހެޅީ، އެ ދެ ބޭފުޅުން ޤާނޫނު އަސާސީގެ 152ވަނަ މާއްދާއާ ޚިލާފަށް، މަޖިލީހުގެ އެއްވެސް ދައުރެއް ނެތި، ސީދާ ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓުތަކަކާ ހަވާލުވި މައްސަލައިގައެވެ. އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

މި މައްސަލައިގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޢަލީ ސަމީރު ވަނީ، އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.

އެ މައްސަލަ ޖޭއެސްސީން ބަލަން ފެށީ މިދިޔަ ޖަނަވަރީ މަހުއެވެ.

އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބެލުމަށް ފަހު މި މަހުގެ 18 ވަނަ ދުވަހު ފާސްކޮށްފައި ވަނީ އެ މައްސަލާގައި އިޖުރާއީ އަދުލުވެރިކަން ގާއިމު ކޮށްފައި ނުވާ ކަމަށާއި އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި އަލުން މައްސަލަ ޖޭއެސްސީއަށް ފޮނުވަން ޖެހޭ ކަމަށެވެ.

ޢަބްދުއްރައޫފު އިބްރާހީމް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކޮށް މަގާމުގެ ހުވާ ކުރައްވާފައިވަނީ މާޗް 26، 2011 ވަނަ ދުވަހުއެވެ.

comment ކޮމެންޓް