މި އަހަރުގެ އަމީރުލްޙައްޖަކީ އިސްލާމިކް މިނިސްޓަރު

މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރު އަޙްމަދު ޒާހިރު -- ސަން ފައިލް ފޮޓޯ

މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންނާއެކު އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒާހިރު ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންކަން އިސްކޮށް ބެލެހެއްޓެވުމަށް އަމީރުލްޙައްޖުގެ ގޮތުގައި އިސްކޮށް ވަޑައިގަންނަވާނީ ޑރ. ޒާހިރު ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވާފައިވާ ކަމަށެވެ.

ސައުދީ އަރަބިއްޔާއިން ބުނެފައިވާ ގޮތުގައި، މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ފޮނުވުމަށް ލިބޭނީ 453 ކޯޓާއެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ސަރުކާރުން މިއަހަރު ދީފައިވަނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން އެ ކޯޕަރޭޝަނުން އާއްމުންނަށް ހުޅުވާލަން ނިންމާފައިވަނީ 100 ފުރުސަތެވެ. ބާކީ 353 ޖާގަ ދޭނީ ޙައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންނަށެވެ.

މިއީ ރާއްޖެއަށް އެންމެ މަދުން ޙައްޖު ކޯޓާ ލިބުނު އަހަރެވެ.

މީގެ ކުރީ އަހަރުތަކުގައި ރާއްޖެއަށް ދެނީ އަހަރަކު 1000 ކޯޓާއެވެ. ނަމަވެސް ސައުދީ ރަސްގެފާނުގެ ހާއްސަ ހުއްދައެއްގެ ދަށުން އާންމުކޮށް އިތުރު ކޯޓާ ރާއްޖެއަށް ދެއެވެ.

ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ފާއިތުވި ދެ އަހަރުވެސް ދިވެހިންނަށް ޙައްޖުގައި ބައިވެރިވެވިފައިނުވެއެވެ.

ދެހާސްވިހި ވަނަ އަހަރު ސައުދީން ޙައްޖުގައި ބައިވެރިކޮށްފައި ވަނީ އެގައުމުގައި ދިރިއުޅޭ 10،000 މީހެކެވެ. އަދި މިދިޔަ އަހަރު އެ ފުރުސަތު ދިނީ އެގައުމުގައި ދިރިއުޅޭ 60،000 މީހަކަށެވެ.

މިއަހަރު ސައުދީން ވަނީ ޙައްޖުގައި ބައިވެރިވުމުގެ ފުރުސަތު އެއް މިލިއަން މީހުންނަށް ދޭނެ ކަމަށް ބުނެފައެވެ.

މިއަހަރު ޙައްޖަށް ދިއުމަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރަން ޖެހެއެވެ. އަދި ޙައްޖަށް ދެވެނީ 65 އަހަރުން ދަށުގެ މީހުންނަށް ކަމަށް ވާއިރު ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކުއެވެ.

comment ކޮމެންޓް