ބީއެމްއެލްގެ ބޯޑުގެ ޗެއާމަން ކަމުގެ މަގާމަށް، ކުރިން ވެސް އެ މަގާމުގައި ހުންނެވި ޔޫޝައު ސައީދު އައްޔަނުކޮށްފިއެވެ.
އެ މަގާމަށް ޔޫޝައު އެންމެ ފުރަތަމަ އައްޔަނު ކުރީ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ފަހުއެވެ. ސިމްޑީ ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރު ކަމުގެ މަގާމު ވެސް އޭނާ އަންނަނީ މި ވަގުތު ފުރުއްވަމުންނެެވެ.
މީގެ ކުރިން އޭނާ ވަނީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާޕާސަން ކަމާއި، އެނާޖީ އެންޑް ވޯޓާގެ ދަށުން ހިންގި އެންސީއެސްއޭ ޕްރޮޖެކްޓްގެ ނޭޝަނަލް ޕްރޮޖެކްޓް މެނޭޖަރުގެ މަގާމު އަދާކުރައްވާފައެވެ. އަދި، މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑްގެ ކޯޕަރޭޓް އެފެއާޒް އަދި ފައިނޭންސް މެނޭޖަރުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.
މީގެ އިތުރުން އޮޑިޓް އޮފީހުގެ އެކި މަގާމުތަކުގައި 10 އަހަރުގެ މުއްދަތަކަށް އޭނާ ވަނީ ޚިދުމަތް ކުރައްވާފައެވެ. އޭނާ ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑު މެންބަރެއްގެ ހައިސިއްޔަތުން ވެސް ދެ އަހަރުވަންދެން މަސައްކަތްކުރައްވާފައެވެ.
ރޭ ހޮޓެލް ޖެންގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި، ބީއެމްއެލްގެ ބޯޑުގައި މިހާރު ވެސް ތިއްބެވި މެންބަރުން ވަނީ އިތުރު ދައުރަކަށް އިންތިހާބުވެފައެވެ. އެގޮތުން ބޯޑުގައި ސަރުކާރު ތަމްސީލު ކުރައްވާ އަށް މެންބަރުން އަލުން އެ މަގާމަށް އިންތިޚާބުވީ 99.7 އިންސައްތަ ވޯޓާއެކުއެވެ. އަދި އާންމު ހިއްސާދާރުން ތަމްސީލު ކުރައްވާ ތިން މެންބަރުން އިތުރު ދައުރަކަށް އިންތިޚާބުވީ ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ އިއްތިފާގުންނެވެ.